އަބްދުﷲ ގާޒީގެ ތުއްޕުޅު ދެ ބޭފުޅުންނަށް ލިބެމުންދާ ނަފުސާނީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ދައުވާ ކުރަން ވިސްނަން: ކެޕްސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ދިފާއީ ބާރުން ހައްޔަރުކުރުމާ ގުޅިގެން އިސް ގާޒީގެ ތުއްޕުޅު ދެ ބޭފުޅުންނަށް ލިބެމުންދާ ނަފްސާނީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކޯޓުގައި ދައުވާ ކުރުމަށް ވިސްނާފައިވާ ކަމަށް ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ބުނެފި އެވެ.

ކުޑަ ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާ އިން ބުނީ ނަފްސާނީ ގޮތުން ގެއްލުން ލިބެމުންދާ، އަބުދުﷲ ގާޒީގެ ތުއްޕުޅު ދެ ބޭފުޅުންގެ ހައްގުގައި ފަސްޖެހުމެއް ނެތި މަސައްކަތް ކުރާނެ ކަމަށާއި އެ ޖަމިއްޔާއާ ގުޅިފައިވާ ބައިނަލްއަގުވާމީ ފަރާތްތަކާ އެކު ވެސް އެ މައްސަލަ ހިއްސާ ކުރާނެ ކަމަށެވެ.
އަބުދުﷲ ގާޒީގެ ބޭފުޅުންނާ ބައްދަލުނުވެ، ހައްޔަރުކޮށްގެން ގެންގުޅޭތާ 13 ދުވަސްވީ އިރު، އެ ބޭފުޅުންނަށް ނަފްސާނީ ގޮތުން ލިބެމުންދާ ގެއްލުމުގެ ބަދަލު އެންމެ ފުރިހަމަ ގޮތުގައި ދައުލަތުން ނަގައިދިނުމަށް ކެޕްސް އިން ވަނީ ގޮވާލާފަ އެވެ.

"މާތްﷲގެ އިރާދަފުޅާ އެކު އެކުދިންނަށް ނަފްސާނީ ގޮތުން ލިބެމުންދާ ގެއްލުން އެންމެ ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ކޯޓަކުން އެކަމުގެ ބަދަލު ނަގައިދިނުމަށް އެދި ސަރުކާރުގެ މައްޗަށް ދަޢުވާ ކުރުމަށް މި ޖަމިއްޔާ އިން މިހާރު ވަނީ ވިސްނާފައި،" ކެޕްސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ކެޕްސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާ ވެސް ގާނޫނީ އިމުގެ ތެރެއަށް ވަޑައިގެން ދެއްވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އަދި ސަރުކާރުން ގާނޫނީ ޚިލާފަށް ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާފައިވާ އެ ބަޔާނުގައި ބުނެފައި ވަނީ އެ ނޫން ގޮތަކަށް ކަންކަން ކުރާ ނަމަ ސީދާ ހަރަކާތަކަށް ނުކުންނަން ފަސްނުޖެހޭނެ ކަމަށެވެ. ކެޕްސް އިން ބުނީ އެކަން ކަމަކީ ޑިމޮކްރަސީއެއްގައި ކަން ހިނގާ ގޮތް އޮޅުވާލުމަށް ސަރުކާރުން ހިންގާ އަމަލުތަކެއް ކަމުގައި އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

"..ދިވެހިރާއްޖޭގެ ކޯޓުތަކާއި އެންމެ މަތީ ސުޕްރީމް ކޯޓާއި، ޕްރޮސެކިއުޓާ ޖެނެރަލާއި ފުންނާބު އުސް ގާނޫނީ މާހިރުންނާއި އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އިން ގޮވާލާ ގޮވާލުމަށް އިހުތިރާމް ކުރައްވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު މިހިނދުން މިހިނދަށް މިނިވަން ކުރެއްވުމަށް ގޮވާލަމެވެ..."

ކެޕްސްގެ ބަޔާނުގައި އަދި ވަނީ ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ ޝަރީޢަތް ލަސްވަމުން ދާތީ ކަނބޮޑުވުން ފާޅުކޮށްފަ އެވެ.

ކެޕްސް އިން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު މެމްބަރު އާދިލްގެ މައްޗަށް ކޮށްފައިވާތާ އަހަރަކާ ގާތްވާން ކައިރިވެފައި ވަނިކޮށެވެ. ކެޕްސް އިން ބުނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު އާދިލްގެ ޝަރީއަތް ލަސްވަމުން ދާތީ ކުޑަކުއްޖެއްގެ ހައްގު ގެއްލޭ ކަމަށެވެ. އަދި ސަރުކާރު ދިފާއު ކުރުމުގެ ބަދަލުގައި އެމްޑީޕީއާ ދިފާއީބާރުތަކުން ވެސް އިޚްލާސްތެރި ކަމާއެކު ނުކުމެ މެމްބަރު އާދިލް އިންސާފުގެ ކުރިމައްޗަށް ނެރުމަކީ މާ އަޢުލާކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ. އަދި ބަންދުގައި ބެހެއްޓެވުމަށް ފަހު މެމްބަރު އާދިލް މުޖުތަމައު ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އެހެން ކުދިންނަށް ވެސް އޮތް ބިރުވެރިކަމެއް ކަމުގައި އެ ޖަމިއްޔާ އިން ދެކޭ ކަމަށް ވެސް ކެޕްސް އިން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ލީކުވެފައިވާ އޯޑިއޯ އެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް ފަނޑިޔާރުގެއަކާ ކައިރި ނުވެވޭނެ ކަމަށެވެ.

"...އަޅުގަނޑު ވަރަށް އިތުބާރާ އެކު ދަންނަވަން އަޅުގަނޑު ވެރިކަމުގައި ހުއްޓައި އަބްދުﷲ މުހައްމަދަކަށް އިރާދަކުރެއްވިއްޔާ ފަނޑިޔާރުގެއަކާ ކައިރިއެއް ނުވެވޭނެ. ކުޑަކުއްޖަކާ ވެސް ކައިރިއެއް ނުވެވޭނެ، 100 މީޓަރަށް، އެއީ މައްސަލަ ހުއްނަ މީހަކަށް ވެއްޖެޔާ. ހަމަ އެކަހަލަ މިންގަނޑުމެން ބުނަން ޖެހޭނީ މީނައަކަށް ދެން ގާތެއް ނުވެވޭނެއޭ،" އޯޑިއޯގައި ރައީސް ވިދާޅުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު