މޯލްޑިވިއަން އެއާޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ދިވެހި މުވައްޒަފުންނަށް އެކަމަޑޭޝަން އެލަވަންސް ނުދީ، އެފަދަ އެލަވަންސެއް ބިދޭސީ މުވައްޒަފުންނަށް ދިނުމަކީ ތަފާތުކުރުމެއް ނޫން ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
މޯލްޑިވިއަން އެއާޓެކްސީގެ އެއް ބާވަތެއްގެ މަސައްކަތެއް ކުރާ އެއް މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށްބުނެ، އެތަނުގެ 23 މުވައްޒަފަކު އެ ކުންފުންޏާ ދެކޮޅަށް ޓްރަބިއުނަލަށް މައްސަލަ ހުށަހެޅީ، 2009 ވަނަ އަހަރު އެވެ. ބިދޭސީ މުވައްޒަފުނަށް އެކަމޮޑޭޝަން އެލަވަންސްގެ ގޮތުގައި ދެމުން އަންނަ 900 ޑޮލަރު ދޭއިރު، އެ އެލަވަންސް ދިވެހި މުވައްޒަފުންނަށް ނުދިނުމަކީ ތަފާތު ކުރުން ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް 23 މުވައްޒަފުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެ އެވެ.
ޓްރަބިއުނަލް އިން އޭރު އަމުރު ކުރީ، ދިވެހި މުވައްޒަފުންނަށްވެސް އެކަމޮޑޭޝަން ހަމަޖައްސައި ދިނުމަށެވެ. އެ މައްސަލަ އެ ކުންފުނީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ، މޯލްޑިވިއަން އެއާޓެކްސީއާ އެއްކޮޅަށެވެ. އަދި ހައި ކޯޓުގެ އެ ނިންމުން 23 މުވައްޒަފުންގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ސުޕްރީމްކޯޓުން އެ މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ދިވެހި މުވައްޒަފުންނަށް ނުދީ ބިދޭސީ މުވައްޒަފުންނަށް އެކަމޮޑޭޝަން އެލަވަންސެއް ދިނުމަކީ ތަފާތު ކުރުން ނޫން ކަމަށެވެ.
ފަނޑިޔާރުގެ ބެންޗުގައި ރިޔާސަތު ބެލެއްހެއްޓެވި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނެރުއްވި ރައުޔުގައި ވިދާޅުވީ "ރާއްްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު"ގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންގެ ކެއިން ބުއިމާ ނިދުމުގެ ކަންތައް އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
"މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށް ރިއާޔަތްކޮށް، ބިދޭސީންނާ އެއް ފެންވަރެއްގެ މަގާމުގައި ތިބޭ ދިވެހި މުވައްޒަފުންނަށް އެކަމޮޑޭޝަން ނުވަތަ އެލަވަންސް ހަމަޖައްސައި ނުދިނުމަކީ ތަފާތުކުރުން ނޫން ކަމަށް،" އެހެން ފަނޑިޔާރު ވެސް ތާއީދު ކުރެއްވި މުއުތަސިމްގެ ރައުޔުގައިވެ އެވެ.
އެ ރައުޔުގައި ވަނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުން ބާރު ލިބިގެން ހަދާ ގަވައިދަކީ، ގާނޫނުން ބާރު ލިބިފައިވާ އަދި ގާނޫނީ ބާރާއެކު ތަންފީޒު ކުރެވޭ އެއްޗެއް ކަމަށެވެ. އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ، ބިދޭސީ މުވައްޒަފުން ގެންގުޅުމުގައި މޯލްޑިވިއަން އެއާޓެކްސީން ތަބާވާން ޖެހޭ އުސޫލުތަކެއް ކަމަށެވެ.
އެގޮތުން އެ އުސޫލަށް ތަބާވުމުގެ ގޮތުން މޯލްޑިވިއަން އެއާޓެކްސީން ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެލަވަންސެއް ދިނުމަކީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ކަމަށް ނުދެކޭ ކަމަށް އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ.
އެ ރައުޔަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދުވެސް ތާއީދު ކުރެއްވި އެވެ.