ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 11:30 އަށް

މިއަދުން ފެށިގެން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު އަދި ކެންޓީނުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކުޑަކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިރެއިން އިން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.

އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ކަނޑައެޅީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ނަމަވެސް ކޮވިޑް19 ގެ ކޭސްތައް އިތުރުވާން ފެށުމުން މިއަދުން ފެށިގެން ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. އެގޮތުން ރޭގަނދު 12:00 އިން ފެށިގެން ފަތިހު 04:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ.

ކޮވިޑް19 އާ ގުޅިގެން އަލުން ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ، މާލެ އާއި ރާއްޖޭގެ ރަށްތަކުންނާއި ރިސޯޓުތަކުން ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވާން ފަށާފައި ވަނިކޮށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި ހުރުމަށްފަހު އަނެއްކާވެސް ވަނީ އިތުރު ވާން ފަށައިފަ އެވެ. މި އަހަރު ފެށުނު ފަހުން މި އަދަދު އާންމުކޮށް 50 އިން މަތިވެފައިވާއިރު މި ހަފްތާގެ ފާއިތުވި ދެތިން ދުވަހު މި އަދަދު ވަނީ 100 އިން މަތިވެފަ އެވެ.

comment ކޮމެންޓް