ކޫއްޑޫ އެއާޕޯޓުގެ ހާލަތު ގޯހުން ގޯހަށް، ބޮޑު މާޔޫސްކަމެއް!

ކޫއްޑޫ އެއާޕޯޓު: އެތަނުގެ ފަންވަރު ދަށްވެ، ފަސިންޖަރުންނާއި މުވައްޒަފުންނަށް ވަނީ ބޮޑު މާޔޫސަކަށްވެފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

"މަސައްކަތް މިހާރު ހަމަ ކުރަންޖެހޭ ކޮވިޑްގެ ކުރިން ކުރި ވަރަށް. ފްލައިޓުތައް ވެސް އެބަ ޖައްސާ ހަމަ އޭރު ޖެއްސި ވަރާ ގާތަށް. އެކަމަކު މުސާރައަކަށް ބަދަލެއް ނާދޭ. ލިޔުމުގަ ވެސް އޮތް މުސާރަ ރަނގަޅުކޮށްދެވޭނޭ ހާލަތު ރަނގަޅުވީމަ. އެކަމަކު އަދިވެސް ރަނގަޅެއް ނުވޭ،" ގއ. ކޫއްޑޫ އެއާޕޯޓުގެ މުވައްޒަފަކު ކިޔައިދިނެވެ.

މިއީ އެ އަތޮޅުގެ މައި ގޭޓުގައި މަސައްކަތް ކުރަމުން އަންނަ 48 މުވައްޒަފުންގެ ޝަކުވާ އެވެ. ކޮވިޑް19 އާ އެކު އެއާޕޯޓުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސް، މުސާރައިން 30 ޕަސެންޓު އުނިކުރި އެވެ. އެއާޕޯޓުގެ މުވައްޒަފަކު ބުނިގޮތުގައި އަސާސީ މުސާރަ ކުޑަކޮށް އިތުރު ގަޑި ވެސް ކަނޑާލި އެވެ. އެއާއެކު، ކުރިން 10،000 ރުފިޔާ ލިބެމުން ދިޔަ ގިނަ މުވައްޒަފުންނަށް ދެން ލިބެން ފެށީ ފަސް ވަރަކަށް ހާސް ރުފިޔާ އެވެ.

އެ މުވައްޒަފު ބުނިގޮތުގައި ބައެއް މުވައްޒަފުންނަށް ގެއަށް ގެންދަން 5،000 ރުފިޔާ ވެސް ނުޖެހެ އެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހޭތީ ދެން މުވައްޒަފުން ނިންމީ ސަރުކާރުން ދޭ އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހެޅުމަށެވެ. ނަމަވެސް އެއާޕޯޓު މުވައްޒަފުންގެ އެގްރީމަންޓުތައް ހަމަވެފައި ހުރުމުން، އެކަންވެސް ކުރެވޭ ގޮތެއް ނުވި އެވެ. އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމުގެ ދޮރު ހުރިހާ މުވައްޒަފުންނަށް ވަނީ ބަންދުވެފަ އެވެ.

ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި ރާއްޖެއިން ކޮވިޑްގެ ބަލިމަޑުކަން ފެނިގެން އެންމެ ފުރަތަމަ މުޅި ރާއްޖެ ލޮކްޑައުން ކުރި އިރު، ގިނަ މުވައްޒަފުންނަށް އޮފް ދީފައި ވެއެވެ. އެއިރު މަސައްކަތަށް ނެރުނީ ވަރަށް މަދު ބައެކެވެ. ޑިއުޓީއަށް ނެރުނު މުވައްޒަފުންނަށް ޑިއުޓީ އެލަވަންސް ލިބުނެވެ. އަދި ޑިއުޓީއަށް ނެރެނީ އެއާޕޯޓުގެ މެނޭޖަރު ބޭނުންވާ، މެނޭޖަރުގެ "ރައްޓެހިން" ކަމަށް އެއާޕޯޓުގެ ބައެއް މުވައްޒަފުން ތުހުމަތު ކުރެ އެވެ.

މުވައްޒަފުން ބުނިގޮތުގައި ކުރިން އޮފް ދުވަސްތަކަށް މުސާރަ ހިނގި ނަމަވެސް، މިހާރު އޮފް ދުވަސްތަކަށް މުސާރަ ނުހިނގަ އެވެ.

"މިހާރު ނުނުކުންނަ ދުވަހު ވިއްޔާ އެއްވެސް އެއްޗެއް ނުލިބޭ. ދެން އެހެންވީމަ މިހާރު އެކޮޅުން ބޭނުން ގޮތަކަށް މުވައްޒަފުންނަށް އޮފް ގިނަ ކުރަމުން ދަނީ. ބޭސިކް ސެލަރީ ކުޑަ ކުރީ ކޮވިޑް އާހެދި ކުންފުންޏަށް ގެއްލުން ވެގެންނޭ ކިޔާފަ. ކުރީގަ ބޭސިކް ސެލަރީ ހިނގާ އޮފް ދުވަސްތަކަށް ވެސް. މިހާރު ބޭސިކް ސެލެރީ ކަނޑާ އޮފް ދުވަސްތަކަށް ވެސް. އެހެންވީމަ ވަރަށް ބޮޑަށް މުސާރަ ކުޑަ،" އިތުރު މުވައްޒަފަކު ބުންޏެވެ.

އެއާޕޯޓުގެ މުވައްޒަފަކު ބުނީި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އިރު ފަސް ހާސް ލިބުނު ނަމަވެސް، ފްލައިޓުތައް އިތުރުވާން ފެށުމާއެކު އިތުރު ޑިއުޓީތަކަށް ނުކުންނާތީ ލިބޭ އުޖޫރަކޮޅު ކުޑަކޮށް އިތުރުވި ކަމަށެވެ. ކުރިން މުޅި އަހަރު އަންނަ އަދަދަށް މި އަހަރުގެ މިހާތަނަށް އެ އެއާޕޯޓަށް ޕްރައިވެޓް ޖެޓުތައް ޖެއްސި ކަމަށާއި، އަދި ޝެޑިއުލް ފްލައިޓުތައް ވެސް އަންނަން ފެށުމާއެކު ކޮވިޑްގެ ކުރީގެ ހާލަތަށް މަޑުމަޑުން ރުޖޫއަވަމުން އަންނަ ކަމަށް މުވައްޒަފުން ބުންޏެވެ.

އެހެން ނަމަވެސް ކުންފުނިން އެއްބަސްވިގޮތަށް ކުރީގެ މުސާރަ އާއި އިނާޔަތްތައް އިޔާދަކޮށްފައެއް ނުވެއެވެ. އަދި އެކަމުގެ އަލިމަކެއް ފެންނާނެ ދުވަހެއް ނޭނގޭ ކަމަށް މުވައްޒަފުން ބުންޏެވެ.

އެއާޕޯޓު މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ އެއީ އެވެ. އެމީހުން ބުނީ މުސާރައިގެ ކަންތަކުގައި އެއާޕޯޓުގެ މެނޭޖްމަންޓާ އެކި ފަހަރު ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ މެދު އެއްވެސް އުންމީދެއް ނެތް ކަމަށް މުވައްޒަފުން ބުންޏެވެ.

މި ވާހަކަތައް އެއާޕޯޓު މެނޭޖަރު، ސައުދުﷲ ރަޝީދު ދޮގުކުރެއްވި އެވެ. ސައުދުﷲ "ސަން" އަށް ވިދާޅުވީ މުސާރަ ކުޑަކުރީ ކޮވިޑްގެ ސަބަބުން ލިބެމުން އަންނަ މާލީ ދަތިކަމުގެ ސަބަބުން އެނޫން ގޮތެއް ނެތިގެން ކަމަށެވެ. އަދި މުސާރަ ރަނގަޅު ކުރުމަށް މިހާރު ވެސް އެއާޕޯޓު ހިންގާ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، އެހެން އެއާޕޯޓުތަކުން މުސާރަ ދޭ ގޮތުގެ މައުލޫމާތު ހޯދައި، ދިރާސާތައް ކުރަމުން އަންނަ ކަމަށާއި، މުސާރައަށް ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

"އަޅުގަނޑަށް ވެސް އެނގޭ ދަތިވާނެ ކަން. މުވައްޒަފުން އަޅުގަނޑާ ހަމައަށް ވެސް ހަމަ ޝަކުވާތައް ހިފައިގެން އާދޭ މުސާރައިގެ މައްސަލައިގަ. އަޅުގަނޑު މަޝްވަރާވެސް ކުރިން މުވައްޒަފުންނާ. އެކަމަކު މުސާރަ ރަނގަޅުވާނެ ސީދާ ތާރީހެއް އަންގާނެ ކަމަށް ބުނެފައެއް ނުވާނެ. އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން،" ސައުދުﷲ ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން އޮތް ހާލަތަށް ރުޖޫއަ ނުވި ނަމަވެސް އެއާޕޯޓުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ސައުދުﷲ ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ކުރިން ދުވާލަކު 11 ވަރަކަށް ފްލައިޓު ޖެއްސި އިރު، މިހާރު ޖައްސަނީ ފަސް ފްލައިޓު ކަމަށެވެ.

އެއާޕޯޓު ހިންގާ ސިންގަޕޫރު ކުންފުނިން ހިންގަމުންގެންދާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓާއި ޕުލްމަން މޯލްޑިވްސް މާމުޓާގެ އޮޕަރޭޝަން ހަމައަކަށް އެޅުމުން މުސާރަ ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން މުވައްޒަފުންނަށް ދީފައި ވެއެވެ. ނަމަވެސް އެ ދެ ރިސޯޓްގެ އޮކިއުޕެންސީ ރަނގަޅުވެ މުވައްޒަފުންގެ މުސާރަތައް ކުރީގެ ހާލަތަށް އިޔާދަކުރިތާ ދެމަސް ވީއިރުވެސް އެއާޕޯޓް މުވައްޒަފުންގެ މުސާރަ އިޔާކޮށްފައިނުވެ އެވެ.

މުވައްޒަފުން ބުނީ ފްލައިޓުތައް އިތުރުވި ނަމަވެސް މުވައްޒަފުން މަދުވުމުގެ ސަބަބުން މިހާރު ކުޑަ މުސާރައަށް މާ ގިނައިރު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މެނޭޖަރު ސައުދުﷲ ވިދާޅުވީ މިވަގުތު އެއާޕޯޓު ސްޓާފުންގެ ގޮތުގައި ތިބީ 48 މީހުން ކަމަށެވެ. މިއީ އެއާޕޯޓު ހުޅުވި އިރާ ބަލާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ.

"ތިން ޝިފްޓަށް މަސައްކަތް ކުރާ ތަނެއް ކުރިން. ކޮންމެ ޝިފްޓަކަށް މީހެއް ހުންނާނެ. މިހާރު އެއް މީހަކު ދެ ޝިފްޓަށް އަރަން ޖެހެނީ. ގާތްގަނޑަކަށް ކުރިން ހަތަރު މީހުން ތިބޭ ތަންތަނުގަ މިހާރު ތިބެނީ ދެމީހުން ނޫނީ އެންމެ މީހެއް. އެވަރަށް މީހުން މަދުވެފަ އޮތީ. މުސާރައިގެ ސަބަބުން އޯޓީ ވެސް ނުހިނގާތީ މިހާރު ގިނަ މީހުން ނުވެސް އަރާ. ހިލޭ ސާބަހަށް ކަހަލަ ގޮތަކަށް ވިއްޔާ މަސައްކަތް ކުރެވެނީ، އެހެންވީމަ ގިނަ މީހުން ނުވެސް އަރާ،" މުވައްޒަފަކު ބުންޏެވެ.

ނަމަވެސް ސައުދުﷲ ވިދާޅުވީ އިތުރު ވަގުތު މަސައްކަތް ކުރާނަމަ އޯޓީ ލިބޭނެ ކަމަށެވެ. ނަމަވެސް އަސާސީ މުސާރަ ކުޑަވުމުން އޯޓީއަށް ކުރިން ލިބޭ ވަރު މިހާރު ނުލިބޭނެ ކަމަށެވެ. އަދި ދެ ޝިފްޓަށް މަސައްކަތް ކުރަން ޖެހުމާ ގުޅިގެން ޝަކުވާ ހުށަހެޅީ ޑްރައިވަރުން އެކަނި ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

އެއާޕޯޓުގެ މުވައްޒަފަކު ބުނީ އެތަނުގައި މަސައްކަތް ކުރަނީ ދެ ޑްރައިވަރުން ކަމަށެވެ. އަދި މަސައްކަތު މީހުންގެ ގޮތުގައި ތިބެނީ ތިން މީހުން ކަމަށާއި، އެމީހުންނަށް ހުރިހާ މަސައްކަތެއް ނުކުރެވޭތީ، ޑްރައިވަރުންގެ ވަޒީފާގައި ތިބޭ މީހުން ވެސް ބައެއް ފަހަރު މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށް އެ މުވައްޒަފު ބުންޏެވެ.

ބައިނަލްއަގުވާމީ އައިކާއޯ މިންގަނޑުން ބަލާއިރު، އެއާޕޯޓްގައި ކޮންމެ ޝިފްޓެއްގައި ލީޑިން ފަޔާމަނަކު ހުންނަންޖެހެއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެއާޕޯޓް ހުޅުވީއްސުރެ މިއަދާހަމައަށް ވެސް ލީޑިން ފަޔާމަނެއްގެ ގޮތުގައި 24 ގަޑިއިރު މަސައްކަތް ކުރަނީ އެންމެ މުވައްޒަފެކެވެ.

ކޫއްޑޫ އެއާޕޯޓްގެ ނަރުދަމާގެ ނިޒާމް ހަލާކުވެފައިވާތީ، މުވައްޒަފުން އަމިއްލައަށް ކޮންމެ ދުވަހަކު ވެސް ނަރުދަމާ ހޮޅި ސާފުކުރުމުގެ މަސައްކަތް ކުރަންޖެހެ އެވެ. ތަނުގައި ސާފު ބޯފެނެއް ނެތެވެ. އިންޖީނުގެއާ ޖެހިގެން ހުރި މުވައްޒަފުންގެ އެކަމޮޑޭޝަން އިމާރާތުގެ ފުރާޅުން ފެން ނަގައިގެން މުވައްޒަފުން ބޯން ބޭނުން ކުރެ އެވެ. އެ ފުރާޅަކީ އިންޖީނުގޭގެ ދުންހޮޅިން އަންނަ ހުރިހާ ދުންތަކެއް ބީއްސާ ފުރާޅު ކަމަށް މުވައްޒަވުން ބުނެ އެވެ.

ކޫއްޑޫ އެއާޕޯޓުގައި މިވަގުތު ހުރީ މުވައްޒަފުން ބޭނުންކުރާ އެންމެ ފާހާނާއެކެވެ. އެއީ ބޭރުގައި ހުންނަ ފާހާނާއެއް ކަމަށާއި، ފާހާނާ ބޭނުންކުރަން މުވައްޒަފުން ދާންޖެހެނީ އެންމެނަށް ފެންނަ ގޮތަށް ބޭރުން ހިނގާފައި ކަމަށް މުވައްޒަފުން ބުންޏެވެ. ބާކީ ހުރި މުވައްޒަފުންގެ ފާހާނާތައް ހަލާކުވެފައި ހުންނަތާ އަހަރެއް ވެއްޖެ އެވެ.

"ފާހާނާއިން ނަޖިސް އަރަން ފެށިޔަސް އަމިއްލަ އަށް ޕަމްޕު ހިފައިގެން ގޮސް ސާފުކުރަން އުޅެނީ ޑްރައިވަރުން. ކުރިން ހަތަރު ޑްރައިވަރުން ތިބި. މިހާރު ތިބީ ދޭއް. އެހެންވެ އެމީހުން ޖެހޭ ދެ ޝިފްޓަށް އަރަން. ހަމަ ސައްވީސް ގަޑިއިރު ކޮންމެ ދުވަހަކު އެމީހުން ޑިއުޓީގަ،" މުވައްޒަފަކު ކިޔައިދިނެވެ.

ނަމަވެސް ކުޑަކުޑަ މުސާރައަކަށް 24 ގަޑިއިރު މަސައްކަތް ނުކުރެވޭނެކަން އަންގައި ޑްރައިވަރުން ވަނީ މިހާރު ހެނދުނު ޑިއުޓީއަށް ނުކުތުން ހުއްޓާލައިފަ އެވެ. އެމީހުން މިހާރު ޑިއުޓީ ކުރަނީ ހަވީރާއި ރޭގަނޑު އެކަންޏެވެ.

ސައުދުﷲ ވިދާޅުވީ އެއީ މުވައްޒަފުންގެ ހައްގެއް ކަމަށާއި، އިތުރަށް ޑިއުޓީ ކުރަން ނާންގާނެ ކަމަށާއި ނުވެސް އެންގޭނެ ކަމަށެވެ.

މުސާރައާއި މުވައްޒަފުން މަދުވުމުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން އާއި އެހެނިހެން ކަންކަމާ މެދު މެނޭޖްމަންޓުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމުގެ ޝަކުވާ ވެސް މުވައްޒަފުން ހިއްސާކުރި އެވެ.

މިކަމާ ގުޅޭގޮތުން ކޫއްޑޫ އެއާޕޯޓްގެ ކުރީގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވިގޮތުގައި މުވައްޒަފުންގެ އެ ޝަކުވާތައް އޭނާ މެނޭޖަރު ކަމުގައި ހުރިއިރު 2016 އަދި 2017 ގައި ވެސް ކޮށްފައިވެ އެވެ. ނަމަވެސް އެ ޝަކުވާތަކަށް އެއާޕޯޓް ހިންގާ ސިންގަޕޫރު ކުންފުނިން ދެނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޫއްޑޫ އެއާޕޯޓް ހިންގާ ސިންގަޕޫރު ކުންފުނިން އަބަދުވެސް އެއާޕޯޓްގެ މުވައްޒަފުންނާއި އެ ކުންފުނީގެ ރިސޯޓްތަކާއި ޕްރޮޖެކްޓް ބައިގައި މަސައްކަތް ކުރާ އެތައް ސަތޭކަ ބިދޭސީ މުވައްޒަފުންނާ ދެމެދު ވަރަށް ބޮޑަށް ތަފާތު ކުރޭ. ކޫއްޑޫ އެއާޕޯޓްގެ ހުރިހާ މުވައްޒަފުންނަކީ ދިވެހީން ކަމަށް ވެފައި، އެ މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސް، ސާފު ބޯފެން، ކެއުން، ނިދާނެ ރައްކާތެރި މާހައުލެއް އަދި މީގެއިތުރަށް އެތަކެއް އަސާސީ ހައްގުތަކެއް އެއާޕޯޓްގެ މުވައްޒަފުންނަށް ނުދީ ތަފާތު ކުރޭ. އަޅުގަނޑަށް ސިފަވަނީ ސިންގަޕޫރު ކުންފުނިން ކޫއްޑޫ އެއާޕޯޓްގެ މުވައްޒަފުންނަކީ އަޅުންގެ ގޮތުގައި ބައްލަވާ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އެއާޕޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުނީ އޮޕަރޭޝަން އިމާރާތުން ވަކިން އެކޮމޮޑޭޝަން ހަމަޖައްސާފައި ހުރި ނަމަވެސް، އެތަނުގައި ހުންނަނީ ޖުމްލަ ދެ އެކޮމޮޑޭޝަން ރޫމް ކަމަށެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ހަތަރު ބަންކް ބެޑް ހުންނަ އިރު، މުވައްޒަފުން ނިދަނީ ޑިއުޓީ ބަހައިގެން ކަމަށެވެ.

"މި އެނދު ތަކުގަ އެކަކު ނިދާފަ އޮވެފަ ދިޔައީމަ ކުރިން ޑިއުޓީގަ ހުރި މީހާ އައިސް މި ނިދަނީ. މަ ޑިއުޓީއަށް އަރާ އިރު މަށަށް ވުރެ ކުރިން އަދި ތިން މީހުން ހަމަ އެގޮތަށް އޮވެފަ ގޮސް، ތިން ވަނަ މީހަކަށް ނޫނީ ހަތަރު ވަނަ މީހަކަށް މަށަށް މި އޮވެވެނީ ހަމަ އެ އެނދުގަ،" މުވައްޒަފު ބުންޏެވެ.

ކޮވިޑް19 ފަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު، މިގޮތަށް ކަންކަން އިންތިޒާމުވެފައި ހުރުމުން މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ހަމައެއާއެކު، އެއާޕޯޓުގައި ބޭނުންކުރާ އުޅަނދު މަދުވުމުގެ ސަަބުބުން މުވައްޒަފުންނަށް ދަތިވާ ކަމަށް އެމީހުން ބުންޏެވެ. އެއާޕޯޓުގައި އޮންނަނީ މުޅިއަކު ދެ ވެހިކަލް އެވެ. އެއީ ބަލިމީހުން އުފުލަން އޮންނަ ވޭނަކާއި، އެހެން މަސައްކަތަކަށް ބޭނުންކުރާ ކުޑަ ޕިކަޕެެކެވެ. ވެހިކަލް ނެތުމުގެ ސަބަބުން ބޯ ވާރޭގައި ވެސް ފަސިންޖަރުން ޓާމިނަލަށް ވަންނަން ޖެހެނީ ތެމިގެން ކަމަށް މުވައްޒަފުން ބުންޏެވެ.

"ބަލި މީހުން އުފުލުން ފިޔަވައި ދެން ހުރިހާ ކަމެއް ކުރަނީ ޕިކަޕުން. އޭގެން ތެޔޮ ވެސް އުފުލަނީ. ކުނި ވެސް އުފުލަނީ. ހުރިހާ ކަމެއް ކުރަނީ. ދެން ނޯންނާނެ އެހެން އެއްޗެއް. ހުރިހާ އެއްޗެއް ހަލާކުވެފަ،" މުވައްޒަފަކު ކިޔައިދިނެވެ.

މިވާހަކަތައް މެނޭޖަރު ސައުދުﷲ ވެސް ދޮގެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ދެ ވެހިކަލް އިން އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރެވޭ ކަމަށެވެ.

ކޫއްޑޫ އެއާޕޯޓު ޓާމިނަލްގެ އޭސީތައް ސާވިސް ނުކުރާ މައްސަލައާ އަރައި ފައިބަން އޮތް ޖެޓީގެ ހާލަތު ދަށްވެގެން އެވާހަކަ ދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދިވެސް އެކަންކަން ހައްލެއް ނުވެ އެވެ.

"އެއާޕޯޓު ޓާމިނަލްގެ އޭސީތައް ހަލާކު ވެގެން ފަންކާ ޖަހާފަ ހުންނާނީ. ވަރަށް ހޫނު ވާނެ. ފަސިންޖަރުންނަށް ކެތްކުރެވޭ ވަރަށް ވުރެ ހޫނު. ހޫނު ވެގެން ފަސިންޖަރުން ޝަކުވާ ކުރިޔަސް އެޔަކަށް ހައްލެއް ނާދޭ. ސިންގަޕޫރުގައި ހުންނަ ހެޑް އޮފީހުން ކަމެއް ނުވަތަ މާލޭގައި ހުންނަ އޮފީހުން ކަމެއް ނޭނގެ،" އޭނާ ބުންޏެވެ.

ކޫއްޑޫ އެއާޕޯޓު ބަނދަރަކީ ބޮޑުވެފައިވާ އަނެއް މައްސަލަ އެވެ. ބޮޑު މާސިންގާ ބަނދަރެއް ހަދާފައި އޮތް ނަމަވެސް، ބަނދަރަށް ފަހަރަކު ކައިރި ކުރެވެނީ ގިނަވެގެން ދެ ލޯންޗަށެވެ. އެހެން ލޯންޗުތައް ތިބެންޖެހެނީ ކިޔޫގަ އެވެ.

މީގެ ގާތްގަނޑަކަށް ނުވަ އަހަރު ކުރިން ހުޅުވި އެ އެއާޕޯޓު ވެގެންދިޔައީ، އެ އަތޮޅުގެ ހަ ރަށުގެ ރައްޔިތުންގެ އެތައް އުންމީދެއް ހަގީގަތަކަށް ހަދައިދޭނެ ތަނަކަށެވެ. ނަމަވެސް އެތައް އަހަރެއް ވެގެން ދިޔައިރު ވެސް، އުންމީދު ކުރި ތަރައްގީއެއް އެތަނުން ނުފެނެ އެވެ. އެއާޕޯޓުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށް ވަމުންނެވެ. ހިދުމަތް އަންނަނީ ދޯހަޅި ވަމުންނެވެ.

ކޫއްޑޫ އެއާޕޯޓްގެ ކުރީގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވި ގޮތުގައި އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކޮށް، ޓާމިނަލް ބޮޑުކޮށް، އެއާޕޯޓްގެ ފަޔަރު ތަރައްގީކޮށް، އާ ޓަވަރަކާއި ރަނގަޅު ފެންވަރުގެ އެކަމޮޑޭޝަން ބްލޮކެއްގެ އިތުރުން އެއާޕޯޓްގައި ގިނަ ޚިދުމަތްތަކެއް ތަރައްގީ ކުރުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގއ. އަތޮޅުގައި އޮތް އެންމެ ރީތީ އަދި އެންމެ ބޮޑު ފަޅުރަށް ކަމަށްވާ މާމުޓާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސިންގަޕޫރު ކުންފުންޏަށް ދިނެވެ. ނަމަވެސް ކުރީގެ ސަރުކާރުން ކޫއްޑޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ސިންގަޕޫރު ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމާ ހިލާފުވި އެވެ.

"ކުރީގެ ސަރުކާރުން އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ޝަރުތުކޮށް މާމުޓާ ދިންއިރު، ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ކޮންމެ ކޮޅަކަށް 300 މީޓަރުގެ ދިގުމިނަށް ތާރުކޮޅެއް އަޅާލުމަށްފަހު އެއާޕޯޓް މުވައްޒަފުންގެ ޔުނީފޯމްގެ ކުލަ ބަދަލުކޮށް އެ ޕްރޮޖެކްޓް ނިންމާލީ. މިކަމުގެ ސަބަބުން ކޫއްޑޫ އެއާޕޯޓް މިވަނީ އިހުނަށްވުރެ ނިކަމެތި ހާލަތެއްގައި،" ޝަރީފް ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓްގެ މެނޭޖަރު ސައުދުﷲ ވިދާޅުވީ އެއާޕޯޓުގެ ކަންކަން ރަނގަޅުކުރަން އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި މުވައްޒަފުންގެ ޝަކުވާތައް ބޮޑުވެ، މައްސަލަ ހޫނުވާން ފެށުމުން ޗުއްޓީ ކުރުކޮށްލައި މިހާރު ޑިއުޓީއަށް ވެސް ނުކުންނަން ފަށާފައިވާ ކަމަށާއި، އެއްވެސް މުވައްޒަފަކަށް ދެރަވާނެ ގޮތަކަށް އޭނާ މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"އަޅުގަނޑު އަމަލުކުރަނީ ކުންފުނީގެ ޕޮލިސީއާ އެއްގޮތަށް. އެއްވެސް ސްޓާފަކަށް ތަފާތުކުރުމެއް ނުގެންގުޅެން. މިހާރުވެސް މަސައްކަތް ކުރަމުން މި އަންނަނީ ހުރި މައްސަލަތައް ހައްލުކޮށްދޭން. މުސާރައިގެ ކަންކަން އޮތީ އަޅުގަނޑު އަތަކު ނޫން. އެއީ ސިންގަޕޫރު ކޮޅުން ގޮތް ނިންމާނީ. އަޅުގަނޑު ޔަގީންކަން ދެން ކަންކަން ހައްލުކުރަން މަސައްކަތް ކުރާ ކަމުގެ،" ސައުދުﷲ ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓު

ހައްލަކީ ކޮބާ؟

މުސާރައާއި އެހެނިހެން މައްސަލަތަކަ ގުޅިގެން މުވައްޒަފުން ވަނީ އަތޮޅު ކައުންސިލާ ވެސް ބައްދަލުކޮށްފަ އެވެ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވީ އެއާޕޯޓުގެ ފެންވަރު ދަށްވެގެން އެތައް ފަހަރަކު މެނޭޖްމަންޓާ ބައްދަލުކޮށް ކަންކަން ހައްލުކުރަން ވާހަކަދައްކާފައިވާނެ ކަމަށެވެ.

އެއާޕޯޓުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަމުގެ ޝަކުވާ އަންނަނީ މުވައްޒަފުންގެ ފަރާތުން އެކަނި ނޫން ކަމަށާއި، އެތަނުން ހިދުމަތް ހޯދާ ރައްޔިތުންގެ ފަރާތުން ވެސް އެ ޝަކުވާ އަންނަ ކަމަށެވެ.

ގއ އަތޮޅުގެ އެންމެ ބޮޑެތި އެސެޓުތައް ދީގެން ހަދާފައިވާ އެއާޕޯޓުން އެހާ ދަށް ފެންވަރުގެ ހިދުމަތެއް ހޯދަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފުއާދު ފާހަގަކުރެއްވި އެވެ.

"ތިން ރިސޯޓުގެ އަގުގެ އެއާޕޯޓެއް އެއީ. އެހެންވީމަ، އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. އަތޮޅުގެ ރައްޔިތުން އެހާ ބޮޑު އިންވެސްޓްމަންޓެއް ކޮށްފަ، އަތޮޅުގެ އަގު ބޮޑު މުދާ ދޫކޮށްފަ މި ތިބީ މިހާ ދަށް ހިދުމަތް ހޯދާކަށް ނޫން އަޅުގަނޑުމެން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ދުނިޔޭގެ އެންމެ މުއްސަނދި ހިސާބުތަކުން އެ އަތޮޅުގެ ރިސޯޓުތަކަށް އަންނަ އިރު، އަތޮޅުގެ ފުރަތަމަ "ސްޓޮޕް" ބޮލަށް ވެއްޓެއް ކައިރިވެފައި އޮތުމުން، އެކަމާ މެދު ހިތާމަކުރާ ކަމަށެވެ.

އަދި ފެންވަރު ރަނގަޅު ރިސޯޓުތައް ހުޅުވި ނަމަވެސް، އެއާޕޯޓުގެ ފެންވަރު ދަށް ނަމަ، އެ ނަން ލިބޭނީ މުޅި ރާއްޖެއަށް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެއާޕޯޓުގެ ހާލަތު ދަށް ވަންޏާ ކިހިނެތްތޯ އަޅުގަނޑުމެން އެންެ ފުރިހަމަ ހިދުމަތް ދޭނީ. އަޅުގަނޑުމެންނަށް އެ ފުރުސަތު ނެތް ކުންފުނީގެ ފަރުވާ ކުޑާ ކަމުން،" ފުއާދު ވިދާޅުވި އެވެ.

އެހެންކަމުން ފުއާދު ވަނީ، ކޫއްޑޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓްސްގެ ދަށަށް ގެންދިއުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ. ފުއާދު ވިދާޅުވީ އެއާޕޯޓުގެ ކަންކަން ހަމައަކަށް އެޅުވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށެވެ.

"އަޅުގަނޑުމެން ގއ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ގޮވާލަން މިކަންކަން ހައްލުކޮށްދިނުމަށް. އަޅުގަނޑުމެންގެ ވަރަށް ބޮޑެތި އުންމީދުތަކެއް ގުޅިފައިވާ ތަނެއް އެއީ،" ފުއާދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް