ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެއިން ވަޒީފާ ގެއްލުނު މީހުންގެ އަދަދު 255 މިލިއަނަށްވުރެ އިތުރު ވެގެންދިޔައިރު ދުނިޔޭގެ އެންމެ މުއްސަނދި ފަރާތްތައް ވަނީ އިތުރަށް މުއްސަނދި ވެފައި ކަމަށް ހާއްސަ ރިޕޯޓަކުން ދައްކައިފި އެވެ.
އެންޓި ޕަވަޓީ ގްރޫޕެއް ކަމަށްވާ "އޮކްސްފޭމް" އިން ނެރުނު ހާއްސަ ރިޕޯޓެއްގައި ބުނާގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔޭގައި ފަގީރު ނިކަމެތިންގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައިރު، ބޮޑެތި މަހުޖަނުންނަށް ވެގެން ދިޔައީ ބޮޑު ކާމިޔާބަކަށެވެ.
އެގޮތުން ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ފަގީރުވެ ނިކަމެތިވި މީހުންގެ އަދަދު ވަނީ ދެގުނައަށް އިތުރުވެ 500 މިލިއަނަށް އަރާފައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޔުނައިޓެޑް ނޭޝަންގެ އޭޖެންސީއެއް ކަމަށްވާ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވަކިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ދުނިޔޭގައި ޖުމްލަ މަސައްކަތް ކުރާ ގަޑީގެ ނުވަ ޕަސެންޓު ވަގުތު ވަނީ މަދުވެފައި ކަމަށެވެ. އެހެންކަމުން އިގްތިސޯދަށް އޭގެ ސަބަބުން ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އޮކްސްފޭމްގެ ރިޕޯޓުގައި ބުނެފައިވަނީ ޕެންޑެމިކްގެ ތެރޭގައި ފަގީރުވެ ހާލަތު އެންމެ ބޮޑަށް ގޯސްވި ފަރާތްތަކަށް އަލުން މާލީގޮތުން އެއްވެސް ކަހަލަ ގޮތަކުން ހަމަޖެހުމަކަށް ވާސިލު ވެވެން އޮތީ 10 އަހަރު ފަހުންނެވެ.
އެހެންނަމަވެސް ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެމެރިކާގެ އެންމެ ބޮޑެތި މަހުޖަނުންގެ ޖުމްލަ އާމްދަނީ ވަނީ ކޮވިޑް-19ގެ ބަލިމަޑުގެ ތެރޭގައި އެއް ޓްރިލިއަނަށްވުރެ މައްޗަށް އަރާފައި ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ޖެފް ބެޒޯޒް އާއި އީލޮން މަސްކް ފަދަ ފަރާތްތަކަށް ޕެންޑެމިކް ވެފައިވަނީ މާލީ ގޮތުން ކާމިޔާބު ދަނޑިވަޅަކަށް ވީއިރު އެގޮތަށް ކަންތައް ވެގެން ދިޔައީ ސްޓޮކް މާކެޓުގެ ހާލަތު ރަނގަޅު ވުމުން ކަމަށް އޮކްސްފޭމް އިން ބުނެއެވެ.
އެ ގްރޫޕުން ބުނާގޮތުގައި ޕެންޑެމިކްގެ މާލީ ހާލަތަކީ 2009 ވަނަ އަހަރު ކުރިމަތިވި ދުނިޔޭގެ އެންމެ ބޮޑު ފައިނެންޝަން ކްރައިސިސް އަށްވުރެ ދަތި ހާލަތެއް ކަމުގައެވެ. އަދި 1930ގެ ގްރޭޓް ޑިޕްރެޝަން އަށް ފަހުން މިހާތަނަށް ދުނިޔެ ދެކުނު އެންމެ ބޮޑު މާލީ ތަދުމަޑުކަމަކީ ކޮވިޑް-19 ޕެންޑެމިކް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.