ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ސިފައިން ހައްޔަރުކޮށްފައިވާ ގިރިފުށީގެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ބުނެ އަބުދުﷲ ގާޒީ އަށް ނަފްސާނީ އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބަލައިދިނުމަށް އެދި ޕީޕީއެމުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމަށް) މިއަދު ހުށައަޅައިފި އެވެ.
އެ ޕާޓީން އެޗްއާރްސީއެމަށް ހުށައެޅި ސިޓީގައި ބުނެފައި ވަނި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އަބުދުﷲ ގާޒީ ގިރިފުށީގައި ހިސާރުކޮށް ބަހައްޓާފައިވާ އިރު ކުރިން ހިއުމަން ރައިޓްސް ކޮމިޝަނުން އޭނާގެ ހާލު ބަލަން ގިރިފުއްޓަށް ދިޔައިރާއި މިހާރުގެ ހާލު ތަފާތު ކަމަށާއި އަދި މާހައުލަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"...ހުސްވި ހަފްތާގައި ގިރިފުށީގައި އެމްއެންޑީއެފްގެ ލައިވް ފަޔާ[ހަގީގީ ވަޒަން ބޭނުންކޮށްގެން ބަޑިޖެހުމުގެ] ޓްރެއިން ޕްރޮގްރަމްތަކެއް ކުރިއަށް ގެންދިޔަ ކަން މިޕާޓި އަށް ވަނީ އެނގިފަ އެވެ. ގިރިފުއްޓަކީ ނިސްބަތުން ވަރަށް ކުޑަ ރަށެށް އެހެންކަމުން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ހަވީރު ވަންދެން ބަޑިޖެހުމުގެ ސަބަބުން އަބުދުﷲ ގާޒީ އަށް ވަރަށް ބޮޑު ނަފްސާނީ ގެއްލުމެއް ލިބުން ކައިރިއެވެ،" ސިޓީގައިވެ އެވެ.
ޕީޕީއެމްގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް( މުންދު) މިއަދު ވިދާޅުވީ އެ ބޭފުޅުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގެނީ އަބުދުﷲ މުހައްމަދަށް އެ ރަށުގައި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ސިފައިން ދެއްވާފައިވުމުގެ ސަބަބުން އެމަނިކުފާނު ފަޔަރިން ރޭންޖާ ވަރަށް ގާތަށް ވަޑައި ގަންނަވާ ކަމަށާއި ދިމާވާ އެކްސިޑެންޓަކުން ފުރާނަފުޅަށް ނުރައްކަ ވެދާނެ ކަމެއް ހިނގައިފާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އަބުދުﷲ މުހައްމަދު އެތާނގައި [ގިރިފުށީގައި] ހުންނަވާ ވަގުތު އެތަނުގައި ލައިވް ފަޔަރިން އެކްސަސައިޒްތައް ނުބޭއްވުމަށް އެމްއެންޑީއެފްގައި ދެއްނެވުމަށް،" މުންދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އަބުދުﷲ މުހައްމަދު ގިރިފުށީގައި ބަހައްޓާފައި ހުންނަވަނީ ވަރަށް ކުޑަ ކޮޓަރިއެއްގައި ކަން ވެސް އިންޓެލިޖެންސް މައުލުމާތުން އެނގިފައިވާ ކަމަށެވެ.