ކަނޑަށް ކުނިއެޅުން ހުއްޓާ، ސާފު ކުރުމުގެ ހަރަކާތެއް

މިއަދުގެ ޕްރޮގްރާމުގައި ފަސްޓްލޭޑީ ފަޒްނާ ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކަނޑަށް ކުނިއެޅުން ހުއްޓާލުމަށް "ޕްރޮމިސް - ޕްރެވެންޝަން އޮފް މެރިން ލިޓާ އިން ދަ ލަަކްޝަދީޕް ސީ" ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސާފު ކުުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޕާލޭ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ ތިމާވެއްޓަށް ލޯބި ކުރާ އެއްވެސް މީހަކު، ކަނޑަށް ކުނި ނުއުކާނެ ކަމަށެވެ.

މިއަދުގެ ޕްރޮގްރާމުގައި ފަސްޓްލޭޑީ ފަޒްނާ ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

"މިއީ ޕާޓްނާޝިޕެއްގެ ފެށުން. ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން މި ސަރަހައްދުގެ ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ފެށުން،" ފަސްޓްލޭޑީ ވިދާޅުވި އެވެ.

ކުނިއަޅަން ހާއްސަ ކޮށްފައި ހުންނަ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި ނޭޅުމަށް އިލްތިމާސް ކުރައްވާ ފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ އެނޫންތަންތަނަށް އަޅާފައި ހުންނަ ކުނި ނަގައި، އެގޮތަށް ކަން ނުކުރުމަށް އަޑު އުފުލާ މީހަކަށް ކޮންމެ ފަރުދަކުވެސް ވާންޖެހޭ ކަމަށެވެ.

މިއަދުގެ ޕްރޮގްރާމުގައި ފަސްޓްލޭޑީ ފަޒްނާ ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ގޮނޑުދޮށް ސާފު ކުރުމަށް ކުރާ މަސައްކަތަކީ ޕްލާސްޓިކާ ދެކޮޅަށް ކުރާ މުހިއްމު މަސައްކަތެއްކަން ފާހަގަކުރައވާ ފަސްޓްލޭޑީ ވިދާޅުވީ އެ މަސައްކަތުގައި އުޅޭ މީހުންނަށް، ޕްލާސްޓިކް ޕޮލިޔުޝަންގެ ހާލަތު އޮތް މިންވަރު އެކަމުންވެސް އަންދާޒާ ކުރެވޭނެ ކަމަށެވެ.

"ހަމައެނަކި ކްލީން އަޕް ހަރަކާތަކުން ނިމުނީ އެއް ނޫން. ލައިފްސްޓައިލަށްވެސް ބަދަލެއް ގެންނަން އެބަޖެހޭ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތީގެ ބަދަލުގައި، އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ސާމާނު ގެންގުޅެން އާންމު ދިރިއުޅުމުގައިވެސް އިސްކަން ދޭން އެބަޖެހޭ،" ފަސްޓްލޭޑީ ވިދާޅުވި އެވެ.

މިއަދުގެ ސާފުކުރުމުގެ ހަރަކާތުގައި ފަސްޓްލޭޑީ ފަޒްނާގެ އިތުރުން އެންވަޔަަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި އެމްއެންޔޫގެ ދަރިވަރުން އަދި ޕާލޭ އިން ވަނީ ބައިވެރިވެފަ އެވެ.

މިއަދު ފެށި ޕްރޮގްރާމަކީ އީޔޫގެ އެހީގައި ސްވިޗް އޭޝިއާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރޭ ހިމެނޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގައި އިންޑިއާ އާއި ލަންކާ އިންވެސް ބައިވެރިވާނެ އެވެ.

comment ކޮމެންޓް