ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމައިފި

ކވ. ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް، ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮނިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ކޮމިޝަނުން ނިންމާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ސުލޫކީ މައްސަލަ ބެލުމަށެވެ.

ޖޭއެސްސީން ބުނިގޮތުގައި ފަނޑިޔާރު ހަމީދާއި ރައޫފް އަދި ސަމީރާ ގުޅޭގޮތުން ބަލަން ނިންމި މައްސަލަ އަކީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 41 ވަނަ މާއްދާއާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގަތް ކަމަށް ބުނާ މައްސަލައެކެވެ.

އަދި ފަނޑިޔާރު ފަރުހީޒާއާ ގުޅޭގޮތުން ބަލާ މައްސަލަ އަކީ ސ. ފޭދޫ ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނީކަމަށް އިއުލާން ކުރެއްވުމަށްފަހު މައްސަލާގައި ހިމެނޭ ޚަސްމަކާ ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ބޭފުޅުންގެ ތެރެއިން ފަރުހީޒާ އަކީ ދާދިފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގަ އެވެ.

މީގެކުރިން ޖޭއެސްސީން ވަނީ ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލާފަ އެވެ. މައްސަލަ ބަލައި މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މައްސަލައަށް ޖަވާބުދާރީވާން އެންގުމުން ފަނޑިޔާރު ހަސަން އަލީ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

comment ކޮމެންޓް