ސިނަމާ އަދި ތިއޭޓަރުތައް ހުޅުވާލި ނަމަވެސް، ސިނަމާ ހޯލަށް ވަންނަ މީހުންގެ ތެރެއިން އެކުގައި ދާ އެއް ގްރޫޕެއްގެ މީހުންނާއި އެއް އާއިލާއެއްގެ މީހުން ފިޔަވާ، އެހެން މީހުން ތިބެންވާނީ މަދުވެގެން ތިން ފޫޓުގެ ދުރުމިން ދީގެން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން މިއަދު ވަނީ، މާދަމާ އިން ފެށިގެން ސިނަމާ ތައް ހުޅުވުމުގެ ހުއްދަ ދީފަ އެވެ. އަދި ސިނަމާތައް ހުޅުވާއިރު އަމަލު ކުރަންޖެހޭނެ ގައިޑްލައިން ވަނީ އާންމުކޮށްފަ އެވެ.
އެ ގައިޑްލައިން ބުނާގޮތުން ސިނަމާ ހޯލަށް ވަދެ ނިކުތުމުގައި ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭޏެ ގޮތަކަށް އިންތިޒާމު ހަމަޖައްސަން ޖެހެ އެވެ. އަދި ވަންނަ ދޮރު ކައިރީ ސެނިޓައިޒާ ބަހައްޓަން ޖެހޭނެ ކަމަށާއި އެތަަނުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ސިނަމާ ހޯލަށް މީހުން ވަންނަ އިރު ކޮވިޑުގެ އަލާމާތްތައް ހުރޭތޯ ޗެކު ކުރުމަށް ގައިޑްލައިން ބުނާއިރު، ބަލީގެ އަލާމާތްތައް ހުންނަ މީހުން ސިނަމާ ހޯލަށް ވައްދައިގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އޮންލައިންކޮށް ނުވަތަ ފޯނު މެދުވެރިކޮށް ޓިކެޓު ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގައިޑްލައިން ބާރު އަޅަ އެވެ. އަދި ފައިސާގެ މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރަންވެސް ގައިޑްލައިން ގައި ބުނާއިރު ޓިކެޓު ޗެކުކުރުމުގައި ތިން ފޫޓުގެ ދުރުމިން ބަހައްޓައި، ތަނަށް ވަންނަ މީހުންނަށް މުއާމަލާތް ކުރާއިރު މާސްކުގެ އިތުރުން ފޭސް ޝީލްޑްވެސް ބޭނުން ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން، އެކި ދަންފަޅިތަކަށް ބަހާލައިގެން ޝޯ ބާއްވާނަމަ، ކޮންމެ ދެ ދަންފަޅިއެއް ދޭތެރޭގައި ތަން ރަނގަޅަށް ސާފު ކުރެވޭނެ ވަގުތު ދޭންޖެހޭނެ އެވެ. އަދި ދެ ދަންފަޅި ބަލާލަން ޖެހޭނީ އެއް ދަންފަޅިއާ އަނެއް ދަންފަޅި ދިމާ ނުވާނެހެންނެވެ. ސިނަމާ އަށް ދާ މީހުން މާސްކު އަޅައިގެން ތިބޭތޯ، ކަށަވަރު ކުރުމަށްވެސް ގައިޑްލައިން ބާރުއަޅަ އެވެ.
ތަނުގެ އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށް، އާންމުކޮށް އަތްލާ ތަންތަން ކޮންމެ ޝޯ އެއް ނިމުމާއެކު ސައިބޯނި ފޮތިގަނޑެއް ބޭނުންްކޮށްގެން ރަނގަޅަށް ސާފުކުރުމަށާއި އާންމުކޮށްއ ަތްާ ތަންތަނުގެ ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ގައިޑްލައިން ބާރުއަޅަ އެވެ.
މީގެ އިތުރުން ސިނަމާ ހޯލުގެ ތެރޭގައި ކާބޯތަކެތި ވިއްކުންވެސް ގައިޑްލައިން މަނާކުރެ އެވެ. އަމިއްލަ އަށް ބޭނުން ކުރަން ސިނަމާ އަށް ގެންދާ ފެންފުޅި ފަދަ އެއްޗެއް ފިޔަވައި، އެހެން އެއްޗެހި ސިނަމާ އަށް ވެއްދުން މަނާވާނެ ކަމަށް އެ ގައިޑްލައިން ބުނެ އެވެ.
ގައިޑްލައިން ބުނާގޮތުން ޕްރީ ސީޓިންގެ ބަދަލުގައި ޓިކެޓުގައި ސީޓް ނަންބަރު ޖަހާފައި އޮންނަން ވާނެ އެވެ. އަދި ސީޓް ބަދަލު ނުކުރަން ސިނަމާ ހޯލަށް ވަންނަ މީހުންނަށް އަންގަން ޖެހޭނެ އެވެ.
ކޮންމެ ޝޯ އަކަށް ވަނުމަށް ޓިކެޓު ނެގި މީހުންގެ މައުލޫމާތު ލޮގް ކުރުމަށް އެ ގައިޑްލައިން ބުނާއިރު، ސިަމާ އަށް ދާ މީހުން ޓްރޭސް އެކީ އެޕް ބޭނުން ކުރަން ބާރު އެޅުމަށްވެސް ގައިޑްލައިން ބުނެ އެވެ.
ސިނަމާ އަށް ދާ މީހުންނާއި ސިނަމާގައި މަސައްކަތް ކުރާ މީހުންވެސް އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރަން ގައިޑްލައިން ގައި ބުނެފައި ވެއެވެ.