އެމެރިކާގެ ޓޯކް ޝޯ ހޯސްޓް ލެރީ ކިންގް މަރުވެއްޖެ

ލެރީ ކިންގް ވަނީ އުމުރުން 87 އަހަރުގައި މަރުވެފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖެނުއަރީ 24): އެމެރިކާގެ މަޝްހޫރު ޓޯކް ޝޯ ހޯސްޓް ލެރީ ކިންގް އުމުރުން 87 އަހަރުގައި މަރުވެއްޖެ އެވެ.

ކިންގް އުފެއްދި ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ އޮރާ މީޑިއާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާ މަރުވީ ލޮސް އެންޖެލިސްގެ ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށެވެ. އަދި މިމަހުގެ ކުރީކޮޅު ކިންގް ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން އޭނާއަށް ފަރުވާ ދިން ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިރު، އޭނާ މަރުވި ސަބަބެއް އޮރާ މީޑިއާއިން ހާމަ ނުކުރެ އެވެ.

މީގެ ކުރިން ވެސް ތަފާތު ސިއްހީ މައްސަލަތަކާ ހެދި ކިންގް ހޮސްޕިޓަލުގައި އެޑްމިޓު ކުރުމަށް ފަހު ފަރުވާ ދީފައިވެ އެވެ. އެގޮތުން ހާޓް އެޓޭކް ޖެހިގެންނާއި ފުއްޕާމޭގެ ކެންސަރު ޖެހުމުން އޮޕަރޭޝަން ކޮށްފައިވާކަން 2017 ވަނަ އަހަރު އޭނާ ހާމަ ކުރި އެވެ.

ޓޯކް ޝޯ ހޯސްޓެއްގެ ގޮތުގައި ކިންގް މަސައްކަތް ކުރި 63 އަހަރު ތެރޭގައި އޭނާ ސީއެންއެންގައި 'ލެރީ ކިންގް ލައިވް' ޝޯ ހިންގުމުގައި 25 އަހަރު ހޭދަ ކުރި އެވެ. އަދި އޭނާ ގާތްގަނޑަކަށް 50،000 އިންޓަވިއުކޮށްފައިވާ އިރު އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖެރަލްޑް ފޯޑް އިން ފެށިގެން ބަރަކް އޮބާމާއަށް ހަމަޔަށް އެގައުމުގެ ހުރިހާ ރަައީސުން ހިމެނެ އެވެ. އަދި އޭނާގެ ޝޯގެ އިތުރު މަޝްހޫރު މެހެމާނުންގެ ތެރޭގައި ޑރ. މާޓިން ލޫތާ ކިންގް އާއި ދަލައި ލާމާ އާއި ނެލްސަން މަންޑޭލާ ހިމެނެ އެވެ.

ކިންގް ހަތް އަންހެނަކާ އަށް ފަހަރު ކައިވެނިކޮށްފައިވާ އިރު އޭނާއަށް ފަސް ދަރިން ލިބިފައިވެ އެވެ. އެ ދަރިންގެ ތެރެއިން 51 އަހަރުގެ ކާޔާ ކިންގް އާއި 65 އަހަރުގެ އޭންޑީ ކިންގް ވަނީ މިދިޔަ އަހަރު މަރުވެފަ އެވެ. ކާޔާ މަރުވީ ފުއްޕާމޭގެ ކެންސަރު ބަލީގަ އެވެ. އަދި އޭންޑީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް