އަލީ ވަހީދުގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަނީ

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.

އަލީ ވަހީދު މަގާމުން ވަކިކުރީ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

އަލީ ވަހީދަށް ކުރާ 7 ދައުވާ:
1. ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ

2. ޖިންސީ ކުށުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ

3. ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ

4. ޖިންސީ ކުށުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ

5. ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ

6. ގާނޫނުލްއުގޫގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:30 އަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ ޖުލައި މަހުއެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

ރައީސް ސޯލިހް ދާދި ފަހުން ވިދާޅުވީ، އަލީ ވަހީދު މަގާމުން ދުރުކުރުމަކީ އޭރު ނިންމަވަން ޖެހުނު، އަދި ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި އެއީ އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ލަފާފުޅާވެސް އެކުގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މިނިވަން އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، ހަގީގަތް ހާމަވާނެ ކަމަށާއި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު އޭރު ވިދާޅުވި އެވެ.

މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕްވެސް ހިފަހެއްޓިއެވެ. އޭގެ އިތުރުން ޖުލައި 12 އިން ފެށިގެން އޭނާ ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް