މަންދު ކޮލެޖް ހިންގި އިމާރާތް އަތުލި މައްސަލަ ހިނގައި ދިޔަގޮތް ދައުލަތުން ދަނީ އޮޅުވާލަމުން: އިބުރާ

ޖޫން 3، 2015: މަންދު ކޮލެޖު ހިންގާ ކުރީގެ އެމްއީއެސްގެ އިމާރާތް ހުސްކުރުން ފަސްކުރުމަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމާ ގުޅިގެން އެ އިމާރާތުގައި ސަރުކާރުން ތަޅުއެޅުވުން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މަންދު ކޮލެޖް ކުރިން ހިންގަމުން ދިޔަ ކުރީގެ މާލޭ އިންގްލިޝް ސުކޫލް (އެމްއީއެސް) އިމާރާތުގައި ތަޅު އަޅުވައި އެތަން އަތުލި މައްސަލަ ހިނގާ ދިޔަ ގޮތް ދައުލަތުން އޮޅުވާލަމުން ދާ ކަމަށް މަންދުކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އިބްރާ އެހެން ވިދާޅުވީ މަންދު ކޮލެޖް ހިންގަމުން ދިޔަ އިމާރާތް އަތުލުމުން އެ ކޮލެޖް ހިންގާ މާލޭ ހައި އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ހައިގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ. އެމައްސަލާގައި ހައިކޯޓުން ނިންމީ މަންދު ކޮލެޖާ އެއްކޮޅަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ދައުލަތުން ބޭނުންވާ ގޮތަށް ހައިކޯޓުން މައްސަލަ ނުނިންމުމަކީ ފަނޑިޔާރުން ކަންކަމަށް ރިއާޔަތް ނުކުރެއްވީ ކަމަށް ބެލެވެން ނޯންނާނެ ކަމަށެވެ. ފަނޑިޔާރުން އެމައްސަލަ ނިންމެވީ ހުރިހާ ކަމަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށް ގަބޫކު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން ވަކި ގޮތަކަށް ކަމެއް ކުރަަން ނިންމާފައި. އެކަން ކޮށްފައި ދެން މި ހޯދަނީ ގާނޫނީ ހުއްޖަތް އެއަށް ޖަސްޓިފައި ކުރަން. އެގްރިމެންޓް ބަލައިގެން ކަމެއް އޮތްގޮތް ބަލާފައި ނިންމުމެއް ނިންމީކީ ނޫން." އިބުރާ ވިދާޅުވި އެވެ.

"އެއްފަހަރު އެއްގޮތަށް. މިހާރު ސްޓޭންޑް ސިވިލް ކޯޓުން ހައިކޯޓުން ސުޕްރީމް ކޯޓުން ބަދަލު ކުރައްވާތަން އެބަ ފެނިވަޑައިގަންނަވާ." އިބުރާ ވިދާޅުވި އެވެ.

އިބުރާ ވިދާޅުވީ ދައުލަތުން ވާހަކަ ދައްކާއިރު ކޮންމެސް އެއްގޮތަކަށް ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި އިބުރާ ވަނީ އެކަން ހިނގާ ދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ވަނީ ދައުލަތާ ބައެއް ސުވާލުތައް ކުރައްވައިފަ އެވެ. އެގޮތުން ދައުލަތާއި މާލޭ ހައި ޕްރައިވެޓް ލިމިޓޭޑާއި ދެމެދު ކިތައް އެއްބަސްވުންވެފައި އޮތްތޯ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ދެ އެއްބަސްވުމެއް މާލޭ ހައި އާ ދެމެދު ދައުލަތުން ވެފައިވާ ކަމަށެވެ. ފުރަތަމަ އެއްބަސްވުމަކީ ސުކޫލު ހިންގުމަށް މާލޭ ހައިއާ ދެމެދު އެއްބަސްވި އެއްބަސްވުން ކަމަށާއި ދެވަނަ ދެވަނަ އެއްބަސްވުމަކީ އަރަބިއްޔާ ސުކޫލު ހިންގާނެ ޖާގަ ނެތިގެން އެތަން އެ އިމާރާތުގައި ހިންގުމަށް ވީ އެއްބަސްވުން ކަމަށެވެ.

މަންދު ކޮލެޖް ހިންގުމަށް މާލޭ ހައިއާ އެކު އެޑިއުކޭޝަނުން އެއްބަސްވުމެއް ހެދީ 2008 ވަނަ އަހަރު އެވެ. އެތަން މާލޭ ހައިއަށް ދިނީ އިންޓަނޭޝަނަލް ސުކޫލެއް ހިންގާށެވެ. އެހެންނަމަވެސް އެދުުވަސް ވަރު އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ކިޔަވާނެ ތަނެއް ނެތިގެން އެ އިމާރާތް މަންދު ކޮލެޖުން ދޫކުރީ އަރަބިއްޔާ ކުދިންނަށް ޖާގަ ދިނުމަށެވެ.

މާލޭ ހައިއަށް ދިން ހުއްދަ އެޑިއުކޭޝަނުން ބާތިލުކޮށްފައިވަނީ އެތަނުގައި ހުއްދަ ދިން ގޮތަށް ސުކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ އެވެ. އެ އިމާރާތުގައި ތަޅު އެޅުވީ 2015 ވަނަ އަހަރު އެވެ.

comment ކޮމެންޓް