ހުކުމް ކުރާ ދުވަހު ކޯޓުތަކުން ހުކުމް އާންމު ކުރަން ސުޕްރީމް ކޯޓުން އަންގައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުރިހާ ކޯޓުތަކުންވެސް ހުކުމް ކުރާ ދުވަހު، ހުކުމް ކުރި ގޮތް އާންމު ކުރަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

މިިދިޔަ ހޯމަ ދުވަހު އެ ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެއްގައި ވަނީ ކޮންމެ ކޯޓަކުންވެސް އެ ކޯޓަކުން ނިންމާ ނިންމުންތައް އެ ދުވަހުން ދުވަހަށް އާންމު ކުރަން އަންގައިފަ އެވެ. އަދި ވެބްސައިޓުތައް ހުންނަ ކޯޓުތަކުން، ފަނޑިޔާރުން ސޮއިކޮށްފައިވާ ހުކުމުގެ ޕީޑީއެފްގެ ކޮޕީއެއް ވެބްސައިޓުގައި ޝާއިއު ކުރަންވާނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައިވެ އެވެ.

ހުކުމުގައި ލިޔުމުގެ ކުށެއް ފަދަ ކުށެއް އޮތް ނަމަ އެ ކުށެއް ރަނގަޅު ކުރަންވާނީ ހުރިހާ ހަސްމުން ނުވަތަ އެ ފަރާތްތަައް ތަމްސީލު ކުރާ ވަކީލުންގެ ހާޒިރުގައި ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެފަދަ ކުށެއް އިސްލާހު ކުރުން ނޫން އެހެން ބަދަލެއް ގެނެސްގެން ނުވާނެ ކަމަށްވެސްވެ އެވެ.

އިސްލާހު ގެނައިކަމުގެ ރެކޯޑު ފައިލުގައި ރެކޯޑު ކުރަންވާނެ ކަމަށާއި، ކުށް ފިލުވާފައިވާ ހުކުމުގެ ކޮޕީއެއް ވެބްސައިޓުގައި ޝާއިއު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓު އަދި ހައިކޯޓުން ކުރާ ހުކުމްތައް އެ ދުވަހުން ދުވަހަށް އާންމު ކުރެ އެވެ. ނަމަވެސް، ބައެއް ދަށު ކޯޓުތަކުގައި ހުރިހާ ހުކުމެއް ދުވަހުން ދުވަހަށް އާންމެއް ނުކުރެ އެވެ.

comment ކޮމެންޓް