ރައީސް ބައިޑެންއާ އެކު ރައީސް ސޯލިހު އުންމީދު އާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އެމެރިކާގެ ރިޔާސަތާ ޖޯ ބައިޑެން ހަވާލުވުމާ ގުޅިގެން އެމަނިކުފާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ބައިޑެންއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އާއި އެމެރިކާ އަކީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި އެ ގައުމުގެ ރިޔާސަތާ ހަވާލުވި އާ ސަރުކާރާއެކު މި ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަން އަށާއި 49 ވަނަ ނައިބު ރައީސް ކަމަލާ ހެރިސް އަށް މަރުހަބާ،" ރައީސް ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ޕެރިސް ކްލައިމެޓް ޗޭންޖް އެގްރިމެންޓުގައި އެމެރިކާ އިން އަލުން ބައިވެރިވެފައިވާތީ، އެކަމަށް ވެސް ރައީސް ވަނީ މިއަދު މަރުހަބާ ވިދާޅުވެފަ އެވެ.

ޕެރިސް އެގްރިމެންޓުގައި އެމެރިކާ އިން އަލުން ބައިވެރިވުމަކީ، ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ބާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވަން ނިންމީ 2017 ޖޫން އެއްވަނަ ދުވަހު އެވެ.

ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވީ، އެ އެގްރިމެންޓުގެ ސަބަބުން އެމެރިކާގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ އެވެ.

comment ކޮމެންޓް