ޓްރަމްޕް 73 މީހުންނަށް މާފު ދެއްވާ، 70 މީހެއްގެ ހުކުމް ލުއިކޮށްދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ކުރީގެ މުޝީރު ސްޓީވް ބެނަންއަށް މާފު ދެއްވާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 20): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހު ދުވަހު 73 މީހަކަށް މާފު ދެއްވާ، އެކި މައްސަލަތަކުގައި 70 މީހަކަށް ކޮށްފައިވާ ހުކުމްތައް ލުއިކޮށް ދެއްވައިފި އެވެ.

ޓްރަމްޕް މާފު ދެއްވި މީހުންގެ ތެރޭގައި އޭނާގެ ކުރީގެ މުޝީރެއް ކަމަށްވާ ސްޓީވް ބެނަން ހިމެނެ އެވެ.

ބެނަންއަށް މާފު ދިނީ، އެމެރިކާ އާއި މެކްސިކޯއާ ދެމެދު ފާރެއް ރޭނުމަށް ކުރިއަށް ގެންދިޔަ ފައިސާ އެއްކުރުމުގެ ކެމްޕޭނަކާ ގުޅިގެން އޭނާގެ މައްޗަށް ހިޔާނާތުގެ ދައުވާ ކުރި ފަހުންނެވެ. ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ބެނަން ވަނީ އެ ކެމްޕޭނަށް އެތައް ހާސް މީހުން ހަދިޔާ ކުރި ބައެއް ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރައްވާފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

އެމެރިކާގެ ރައީސުން އާއްމު ގޮތެއްގައި މާފު ދެއްވަނީ ކުށް ސާބިތުވެފައިވާ މީހުންނަށް ކަމަށްވީ ނަމަވެސް އެގައުމުގެ ގަވާއިދުތައް އޮންނަ ގޮތުން ޝަރުއީ މަރުހަލާތައް ފަށާފައި ނުވާ މައްސަލަތަކުގައިވެސް ރައީސަށް މާފު ދެއްވޭނެ އެވެ.

ބެނަންގެ އިތުރުން ޓްރަމްޕް ވަނީ އޭނާގެ ކެމްޕޭނަށް ފައިސާ އެއްކުރުމުގައި އިސް ދައުރެއް އަދާ ކުރި އެލިއޮޓް ބްރޮއިޑީއަށް މާފު ދެއްވާ، ޑެޓްރޮއިޓްގެ ކުރީގެ މޭޔަރު ކުވާމޭ ކިލްޕެޓްރިކްގެ ޖަލު ހުކުމް ލުއިކޮށްދެއްވާފަ އެވެ. އޭގެ ތެރެއިން ބްރޮއިޑީ ވަނީ ލޮބީ ކުުރުމުގެ ގާނޫނުތަކާ ހިލާފުވި ކަމަށް މިދިޔަ އަހަރު އިއުތިރާފުވެފަ އެވެ. އަދި ކިލްޕެޓްރިކް ދަނީ ކޮރަޕްޝަނުގެ ދައުވާގައި 28 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ އެފްބީއައިއަށް އިތުރުފުޅު ހެއްދެވި ކަމަށް އިއުތިރާފުވި އޭނާގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކެލް ފްލިންއަށް މާފު ދެއްވާފަ އެވެ. އަދި އޭނާގެ ދަނބިދަރިކަލުންގެ ބައްޕާފުޅު ޗާލްސް ކުޝްނާ އާއި ކުރީގެ ކެމްޕޭން މެނޭޖަރު ޕޯލް މެނަފޯޓަށްވެސް މާފު ދެއްވާފަ އެވެ. އޭގެ ތެރެއިން ކުޝްނާގެ މައްޗަށް ސާބިތުވެފައި ވަނީ ޓެކުހަށް މަކަރު ހެދުމާއި ގަވާއިދާ ހިލާފަށް ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭނަށް ފައިސާ ހަދިޔާ ކުރެއްވުމުގެ ދައުވާ އެވެ. އަދި މެނަފޯޓްގެ މައްޗަށް ސާބިތުވީ ޓެކުހަށް މަކަރު ހެދުމާއި ބޭންކަށް އޮޅުވާލުން ފަދަ ދައުވާތަކެވެ.

ޓްރަމްޕަށް ފަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނެ ޖޯ ބައިޑެން މިއަދު ވެރިކަމުގެ ހުވާ ކުރައްވާނެ އެވެ.

comment ކޮމެންޓް