ރީތި ރާއްޖޭގެ ގޮނޑު ފަރާތް، ހުތުރު މަންޒަރެއް!

ކ. މާފުށި. މާފުށީގައި ކުނި ނައްތާލާނޭ ނިޒާމެއް ނެތުމުން ކުނި އަޅަން މަޖުބޫރުވެފައިވަނީ ރަށުގެ ގޮނޑުދޮށްތަކަށް --

މާފުށްޓަކީ ގެސްޓްހައުސް ޓޫރިޒަމްގައި ރާއްޖޭގެ އެއް ނަމްބަރު މަރުކާ އެވެ. އެ ރަށުގެ ރީތިކަން މުޅި ދުނިޔެއަށް ވިއްކައިގެން އެތައް މިލިއަން ޑޮލަރެއް ކޮންމެ ދުވަހަކު ރާއްޖެއަށް އެތެރެވެ އެވެ. ބަލިމަޑުކަމުގެ މިދުވަސްވަރުވެސް އެތައް ޓޫރިސްޓުންނެއް މާފުށީގެ ހުޅަނގު އުތުރު ފަރާތުގެ ދޮންވެލި ގޮނޑުދޮށުގައި އެ ދަނީ ހިތްހަމަޖެހުން ހޯދަމުންނެވެ.

ނަމަވެސް ހަމަ އެ ރަށުގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށުން ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. އެއީ ކުނިން ފުރާލާފައިވާ، ތައައްޔަރުވެފައިވާ މުޑުދާރު މޫދެކެވެ. ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ބިއްދޮށު ފަރާތުގައި މި ވަނީ ބޮޑު ކުނިގޮނޑެކެވެ.

އާންމުކޮށް ގެސްޓުން ގޮސް ނޫޅޭ ރަށުގެ އިރުމަތީ އެ ފަރާތުން ފެންނަނީ ރާއްޖޭގައި 1900 ގެ އަހަރުތަކުގައި މޫދަށް ކުނި އެޅި އިރުވެސް ފެނިގެންދިޔަ މަންޒަރުތަކަށްވުރެ ގޯސް މަންޒަރެކެވެ. މާފުށީގެ އެއް ފަރާތުގެ ގޮނޑުދޮށް ވިއްކައިގެން މިލިއަން ޑޮލަރު ނަގަމުން އަންނަ އިރު އަނެއް ފަރާތުގެ ގޮނޑުދޮށަށް ކުނި އަޅައި ހަރާބުކޮށްލަނީ އެވެ.

މި ލަދުވެތި މަންޒަރު ގޫގުލް މެޕްސުންވެސް އެ އޮތީ މުޅި ދުނިޔެއަށް ފެންނާށެވެ. އެ ރަށުގެ އެއް ފަރާތުގެ ގޮނޑުދޮށާއި މޫދު ވަށާލާފައި ވަނީ ކުނީގެ ފަށަލަ އެކެވެ.

ރަށުގެ ރައްޔިތުންނާއި، ރަށުގެ މައި ލޭނާރުކަމުގައިވާ ގެސްޓުހައުސް ސިނާއަތުގެ އިސްވެރިން ބުނާ ގޮތުގައި މާފުށީގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އާދޭސް ކުރާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. މުޅި ދުނިޔެއަށް މާފުށީގެ ގުދުރަތީ ރީތިކަން ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދާއިރު އަނެއް އަތުން އެ ރީތިކަން ހަލާކުކޮށްލަނީ އެވެ.

މާފުށީގެ ގޮނޑުދޮއްތައް ގޫގުލް މެޕްސް ސެޓެލައިޓް ފޮޓޯ -- ގޫގުލް މެޕްސް

މާފުށީގެ ރައްޔިތުން ބުނާގޮތުގައި ރަށުގެ ގޮނޑުދޮށްތަކަށް ކުނިއެޅުމަކީ އެރަށުގައި އެންމެ ކުރީއްސުރެންވެސް ކަންކަން އޮންނަ ގޮތެވެ.

ކުނި ނައްތާލާނޭ ނިޒާމެއް ރަށުގައި ނެތްއިރު އަބަދުވެެސް ލިބެނީ ވަގުތީ ހައްލެއް ކަމަށް މާފުށީގެ ރައްޔިތުން ބުނެ އެވެ. އެ މީހުން ބުނާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ބިލިއަނުން ފައިސާ ވައްދާ މި ރަށަށް މަޖުބޫރުވެފައިވަނީ ގޮނދުދޮށްތަކަށް ކުނިއަޅާށެވެ. އެ ނޫން ގޮތެއް ނެތީ ކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.

"ކުނި ނައްތާލާ ނިޒާމެއް ނެތުން އެއީ މައްސަލައިގެ ހަގީގަތަކީ. ފޮޓޯއިން ތި ފެެންނަނީ ހަމަ މާފުށި. ރަށުގެ ޖަލު ހުންނަ ސަރަހައްދުން ތަންކޮޅެއް އެކޮޅުމަތި ތި ފެންނަނީ. ކޮވިޑުގެ ތެރޭގައި ރަށަށް ކުނި ނައްތާލާ އިންސިނަރޭޓަރެއް ގެނައި ނަމަވެސް އެ އަދި މަސައްކަތެއް ނުކުރޭ. ދެން މި ޖެހެނީ މޫދުގައި ދަގަނޑު ފެންސެއް ޖަހައިގެން ވަކި ސަރަހައްދަކަށް ވާ ގޮތަށް ކުނި އަޅަން." ރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.

ކައުންސިލް މެންބަރު ވިދާޅުވި ގޮތުގައި އެބޭފުޅުން ކައުންސިލަށް އައުމުގެ ކުރިން ކަންތައްތައް އޮތީ މިއަށްވުރެންވެސް ގޯސްކޮށެވެ. އޭރު މުޅި ރަށް ވަށާލާލާފައި އޮންނަނީ ކުންޏެވެ. އެބޭފުޅުންގެ ކައުންސިލްކަމުގެ ދައުރުގައި ރަށުގެ ވަކި ސަރަހައްދެއްގައި ދަގަނޑު ފެންސް ޖަހައިގެން ކުނި އަޅާ ގޮތަށް ހަމަޖެއްސީ އެވެ. ނަމަވެސް އެ ސަރަހައްދަށް ޕްލާސްޓިކްފަދަ ފަސޭހައިން ނެތިގެން ނުދާ ޒާތުގެ ކުނި ނޭޅުމަށް އަންގާފައިވާނެ ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ. އެކަމަކު ރައްޔިތުންނަށް އެ ނޫން ގޮތެއް ނެތުމުން މޫދަށް ޕްލާސްޓިކް ފަދަ ތަކެތިވެސް އަޅަނީ އެވެ.

"ސަރުކާރުގެ ކަމާބެހޭ ފަރަތްތަކަށް ވާނީ ދަންނަވާފަ. އިންްސިނަރޭޓަރެއް ހުއްޓަސް، އެތަނަށް އަދި ވެހިކަލް ބޭނުންވާނެތާ، ކުނި ކޮށްޓެއްވެސް ބޭނުންވާނެތާ. ދެން ކުނި ގިނަވެގެން މިޖެހެނީ އަންދައިގެން ނައްތާލަން. އެވެސް އެންމެ ރަނގަޅު ގޮތެއ ނޫންް. ހަމަ އިނގޭ ތިމާވެއްޓަށްވެސް ގެއްލުންވާނެކަން. ގަބޫލުވެސް ކުރަން، އެކަމަކު އިތުރު ގޮތެއް ނެތް އަދި. އެބަ ބޭނުންވޭ ދާއިމީ ހައްލެއް." ކައުންސިލް މެންބަރުގެ އާދޭހަކީ މިއެވެ.

މާފުށީގެ ގޮނޑުދޮށްތަކަށް ކުނި އަޅާފައިވާ މަންޒަރު --

މާފުށީގައި ތިން ގެސްޓުހައުސް ހިންގާ ވިޔަފާރިވެރިއެއްކަމުގައިވާ އިބްރާހިމް މުސްތޮފާ ކަންބޮޑުވުމަކީ ވެސް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބުމެވެ. ކުނީގެ މައްސަލަ ބޮއްސުންލާފައި އޮތުމުގެ އަސަރު އެ ރަށުގެ ޓޫރިޒަމަށް މިހާރުވެސް ކުރާކަން ފާހަގަކޮށް އިބްރާހިމް ބުނީ މުސްތަގުބަލުގައި އެ އަސަރު އަދި މާބޮޑަށް ކުރާނެ އެވެ.

"މިކަމަކީ ހަމަ ދާއިމީ ހައްލެއް އަންނަން ޖެހޭ ކަމެއް. ހަމަ މުޅި ރަށް ވަށާ އޮންނަނީ ކުނި އިނގޭތޯ. އަބަދުވެސް ލިބެނީ ވަގުތީ ހައްލު. ފަތުރުވެރިކަމަށް އަސަރުކުރާނެތާ ހަމަ ޔަގީނުންވެސް. ތިއީ ވަރަށް އާދައިގެ ސުވާލެއް. ފަތުރުވެރިކަމުގެ އެންމެ ބޮޑަށް ވިއްކާ އެކައްޗަކީ ރާއްޖޭގެ ރަށްތަކުގެ ރީތި ގޮނޑުދޮށްތަކާއި، ހިއްގައިމުކަމާއި ހިތްފަސޭހަކަން. އެއީ ފަތުރުވެރިކަން ކުރާ ގޮތަކީ ރާއްޖޭގައި،" މުސްތޮފާ ބުންޏެވެ.

"އެކަމަކު މިތަނަށް އަންނަ ބައެއް ގެސްޓުން ކުނިތައް މޫދުން ފެނިފައި ޝަކުވާކުރޭ، ރަށް އެބަ ސިފަކުރޭ ވަރަށް ހަޑި ރަށެއްގެ ގޮތުގައި، ކުނިތަކުގެ ފޮޓޯ ނަގައި އެ އެއްޗިހި އެބަ ދައުރުވެސް ކުރެވޭ. އެހެންވީމަ ރަށް ޕްރޮމޯޓުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތާއި އެއްވަރަށް ހަމަ އެބަ ޑީމޯޓުވެސް ވޭ މިކަމުން."

މުސްތޮފާ ވެސް ގަބޫލުކުރާ ގޮތުގައި މިހާރު މާފުށްޓަކީ ރާއްޖޭގައި ކުރިން ކަންތައް ކުރާ ގޮތަށް މޫދަށް ކުނި އަޅައިގެން އުޅެން ޖެހޭ ފެންވަރުގެ ރަށެއް ނޫނެވެ. ރަށުގެ އާބާދީ ބޮޑުވެފައި އުފައްދާ ކުނިވެސް އެހެން ރަށްތަކާއި އަޅާ ބަލާއިރު އެތައް ގުނައެއް އެ ރަށުގައި ގިނަ އެވެ. އަދި އެ ރަށުގައި ފަތުރުވެރިކަމާއި ގުޅިފައިވާ އެތައް ވިޔަފާރިތަކެއް ކުރަމުންދާއިރު މިއީ މާފުށި ކަހަލަ ރަށަކަށް ހައްގު މިންވަރު ނޫން ކަމަށް އޭނާ ބުންޏެވެ.

"އެ ސަރަހައްދަކީ އިންސާނުން ކީއްކުރަން އެހެން އެއްޗަކަށްވެސް ދިރިނޫޅެވޭނެ ސަރަހައްދެއް. އެތަނުން ދުވާ ވަހުގެ ސަބަބުންނާއި ކުނި މެހީގެ ސަބަބުން. ދެން ކުނި ގިނަވެގެން މި ޖެހެނީ ކަހައިގެން ނަގައިގެން އަންދާލަން، އަންދާލާއިރުވެސް ދުމުގެ އަސަރު މުޅި ރަށަށް ކުރޭ. ހަމަ އެބަ ޖެހޭ މިކަން ހައްލުކުރަން." މުސްތޮފާ ބުންޏެވެ.

މާފުށްޓަށް ކޮންމެ އަހަރަކުވެސް ހާހުން ހާހުން ފަތުރުވެރިން އަންނަ އިރު އެ ރަށުގެ ކުނީގެ މައްސަލައާ ހުރެ ގޮނޑުދޮށްތަކާއި މޫދަށް ފަތުރުވެރިން އެރި އުޅުމަކީ ރައްކާތެރި ކަމެއް ކަމާ މެދުވެސް ސުވާލު އުފެދޭ ފަހަރު ފަހަރު އާދެ އެވެ. ސަބަބަކީ އެ ރަށުގެ ވަށައިގެންވާ މޫދު "ކުނި"ވެފައި އޮތުމުގެ ކަންބޮޑުވުމެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މާފުށި ކަހަލަ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގައި ކުނި ނައްތާލެވޭނެ އެކަށޭނަ ނިޒާމެއް ނެތުމަކީ ލަދުވެތި ކަމެއް ކަމެވެ. މިއީ މި މައްސަލަ ރާއްޖޭގެ ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ދައްކުވައިދޭ އަދި ކުޑަ ކުޑަ މިސާލެކެވެ. ކުނީގެ މައްސަލައަކީ ރަށުގެ ޓޫރިޒަމް ނެތި ދިއުމުގެ ސަބަބަކަށް ވުމުގެ ބިރު އެބަ އޮތެވެ. ގެސްޓު ހައުސް ހިންގާ ފަރާތްތަކާއި ރައްޔިތުން ވެސް ތިބީ އެ މާޔޫސް ކަމުގަ އެވެ. އެކަމަކު، ކުނީގެ މައްސަލަ ހައްލު ކުރަން އަދި ހައްލެއް ނުފެނެ އެވެ.

comment ކޮމެންޓް