އިންތިޚާބުގައި ވާދަކުރުމުގެ އިތުރު ފުރުސަތަކަށް އެދި ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި

ހައިކޯޓު --- ސަން ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ އިތުރު ފުރުސަތެއް ހުޅުވާލުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

އިންތިހާބާ ގުޅޭ ހާއްސަ ގާނޫނުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރި ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ، އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، ހައެއް މާޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އާންމުކޮށްފައިވާ ކެންޑިޑޭޓުން ކަމަށެވެ.

ނަމަވެސް ގާނޫނީ ވަކީލު އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމުގައިވާ މުހައްމަދު ތަސްލީމްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ، އެއީ ގާނޫނުއަސާސީގެ އަސާސީ ބާބުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބާރުވެރިކަމާއި ދިމިގްދިރާތީ ދައުލަތުގެ ދުސްތޫރީ މަބާދިއުތަކާއި، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަނޑައަޅައި ކަށަވަރުކޮށްދީފައިވާ އުމުރުން 18 އަހަރު ފުރުނު ކޮންމެ ރައްޔިތަކަށް އިންތިހާބުތަކުގައި ވާދަކުރުމާއި ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، އެމީހަކު އިހްތިޔާރުކުރާ މަންދޫބެއް މެދުވެރިކޮށް ނުވަތަ އަމިއްލައަށް ނަމަވެސް ރައްޔިތުންގެ ކަންކަން ހިންގުމުގައި ބައިވެރިވުމުގެ، އަސާސީ ހައްގުތަކާއި، އެގާނޫނު އަސާސީގެ އެހެނިހެން މާއްދާތަކުން މަތިކޮށްފައިވާ، ހަމަހަމަކާމައެކު ތަފާތުކުރުމެއްނެތި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ދުސްތޫރީ އިލްތިޒާމްތަކުގެ އިތުރުން، ގާނޫނު އަސާސީގެ އެހެނިހެން ތަފާތު މާއްދާތަކުގެ މަފްހޫމު މަގްސޫދާވެސް ހިލާފު އަކުރެއްކަމަށް ބުނެ، އެ އަކުރު ބާތިލުކޮށްދިނުމަށް އެދި އެވެ.

އެ މައްސަލައިގައި މިއަދު ފުރަތަމަ އަޑުއެހުން ބާއްވާފައި ވާއިރު، ތަސްލީމް ވިދާޅުވީ ސަންސެޓް ގާނޫނެއްގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުނެގުން އަހަރެއްހާ ދުވަހުގެ ދިގުމުއްދަތަކަށް ފަސްވެގެން ދާއިރު، އިތުރު އެއްވެސް ފަރާތަކަށް އެ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް އެ ގާނޫނުގައި ކަނޑައަޅާފައި ވުމުން، އިންތިހާބު ލަސްކުރެވި ފާއިތުވެގެން މިދާ ދިގު މުއްދަތުގައި އަލަށް 18 އަހަރުފުރޭ 5000 އެއްހައި މީހުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީ ލިއްބައިދީފައިވާ، އުމުރުން 18 އަހަރު ހަމަވާ ކޮންމެ މީހަކަށްމެ އިންތިހާބުތަކުގައި ވާދަކުރުމުގެ އަސާސީ ހައްގުން އެ ރައްޔިތުން މަހްރޫމް ވެގެންދާ ކަމަށެވެ.

އެހެންކަމުން އޭނާ އެދުނީ ހައެއް މާޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އާންމުކޮށްފައިވާ ކެންޑިޑޭޓުން ފިޔަވައި އެހެން މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އޮތް މާއްދާގެ (ހ ) ބާތިލްކޮށް ދިނުމަށެވެ.

އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ދީފައި ނެތް ނަމަވެސް، އިންތިހާބުގައި ކުރިމަތިލީ ފަރާތްތަކަށް ނަން ނެގުމުގެ ފުރުސަތު ލިބިދީފައިވެ އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވީއިރު އެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،300 އަށްވުރެ ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.

މިހާތަނަށް އިންތިހާބަށް ކުރިމަތިލީ 100 އަށްވުރެ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައި އިންތިހާބު ބޭއްވުމަށެވެ.

comment ކޮމެންޓް