ޝީރީންގެ މަރު: ނަޖާހަށް އިއްވި 12 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ޝީރީންގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ކޯޓުން ނެރެނީ ---- ސަން ފައިލް ފޮޓޯ

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މީގެ 10 އަހަރު ކުރިން މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު، 12 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ، 2009 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގަ އެވެ. އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހު މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ. އަދި އޭނާ ވަނީ މިނިވަންވެފަ އެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމުގައިވާތީ، ޕޯސްޓްމޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައިވެ އެވެ.

ނަމަވެސް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ހައިކޯޓުން ކަނޑައެޅީ މިދިޔަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް 'ގަސްދުމަރާއި ވައްތަރުގެ މަރު' ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން 12 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވައިފަ އެވެ.

ހައިކޯޓުގެ ހުކުމް ނަޖާހުގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 20 ވަނަ ދުވަހުގެ 11:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވާނީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

comment ކޮމެންޓް