ބައިޑެން ހުވާ ކުރެއްވުމާ ދިމާކޮށް ހަމަނުޖެހުން ހިންގަފާނެތީ އެމެރިކާގެ ސްޓޭޓުތައް އެލާޓަށް

އެމެރިކާގެ ކޮންގްރެސް އިމާރާތް ކައިރީގައި ފެންސް ޖަހަނީ -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (ޖެނުއަރީ 17): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އާއި ކަމަލާ ހެރިސް އަންނަ ބުދަ ދުވަހު ވެރިކަމުގެ ހުވާ ކުރައްވާ އިރު އެގައުމުގައި ހަމަނުޖެހުން ހިންގަފާނެތީ އެގައުމުގެ ހުރިހާ ސްޓޭޓެއްގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފި އެވެ.

އެމެރިކާގެ 50 ސްޓޭޓާއި ވޮޝިންޓަން ޑީސީގައި ސަލާމަތީ ހާލަތު ވަރުގަދަ ކުރީ ބައިޑެން ހުވާ ކުރައްވާ ދުވަހު އާއި އޭގެ ކުރިން، ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ މީހުން ހަތިޔާރާ އެކު ހުރިހާ ސްޓޭޓެއްގައި މުޒާހަރާ ކުރުން އެކަށީގެންވާ ކަމަށް އެފްބީއައިއިން ފުލުހުންގެ އިދާރާތަކަށް އެންގި ފަހުންނެވެ. އަދި ކަމާ ބެހޭ މާހިރުން ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހިނގާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރިޔާސީ އިންތިހާބުގައި ބައިޑެން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވި ސްޓޭޓުތައް ކަމަށްވާ ވިސްކޮންސިން، މިޝިގަން، ޕެންސިލްވޭނިއާ އަދި އެރިޒޯނާގަ އެވެ.

އޭގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ ނެޝަނަލް ގާޑުންގެ ފައުޖުތައް ނެރެފައިވާ ސްޓޭޓުތަކުގެ ތެރޭގައި ކެލިފޯނިއާ، މިޝިގަން، ޕެންސިލްވޭނިއާ، ކެންޓަކީ އަދި ފްލޮރިޑާ ހިމެނެ އެވެ. އަދި ވޮޝިންޓަން ޑީސީއަށް 10،000 ސިފައިން ވަނީ ނެރެފަ އެވެ.

މީގެ އިތުރުން މެރިލޭންޑް، ނިއު މެކްސިކޯ އަދި ޔޫޓާގައި ވަނީ އެ ސްޓޭޓުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ކައިރީ މުޒާހަރާ ކޮށްފާނެތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި މިޝިގަންއިން ވަނީ އެ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ވަށައިގެން ހަ ފޫޓުގެ ފެންސެއް ޖަހާފަ އެވެ.

ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން ވޮޝިންޓަން ޑީސީގެ ކޮންގްރެސް އިމާރާތް ކައިރީ އޮންނަ ގިނަ މަގުތަކުގައި ކޮންކްރީޓު ބެރިއަރާއި ދަގަނޑު ފެންސުތައް ޖަހާ، އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އަދި ރައީސް ހުވާ ކުރައްވާ މަންޒަރު ބަލަން އާއްމު ގޮތެއްގައި އެތައް ހާސް މީހުން އެއްވާ ނެޝަނަލް މޯލް ވަނީ ސީކްރެޓް ސާވިސްގެ އެދުމުގެ މަތިން ބަންދުކޮށްފަ އެވެ.

އެމެރިކާއިން އެފިޔަވަޅުތައް އެޅީ މި މަހުގެ ހަޔެއްގައި ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ހަތިޔާރާ އެކު ކޮންގްރެސް އިމާރާތަށް ވަދެ، ހަމަނުުޖެހުން ހިންގި ފަހުންނެވެ. އެ މުޒާހަރާގެ ބައިވެރިން ކޮންގްރެސް އިމާރާތް ކައިރިއަށް އެއްވެ، އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް ހިތްވަރު ދެއްވީ ޓްރަމްޕް އެވެ. އަދި އެ އެއްވުން ބޭއްވީ ރިޔާސީ އިންތިހާބުގެ އިލެކްޓޯރަލް ވޯޓުތައް ކޮންގްރެސްގެ ދެ ގެއިން ގުނަމުން ދަނިކޮށެވެ.

އޭގެ ފަހުން ކޮންގްރެސްގެ ހަތަރު ކޮމިޓީއެއްގެ ލީޑަރުން ވަނީ މި މަހުގެ ހަޔެއްގައި ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް