ޗީފް އޮމްބަޑްސްޕާސަން އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރި، އަބްދުއްސަލާމް އާރިފް ---

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ޗީފް އޮމްބަޑްޕާސަން އަދި އޮމްބަޑްޕާސަންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ މަގާމްތަކަށް ބޭފުޅުން އައްޔަންކޮށްފައިވަނީ އިއްޔެ އެވެ.

ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓަސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލްކުރައްވާފަ އެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަނަދޫ ދާއިރާއަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައިވެސް ވާދަކޮށްފައެ ވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ. އެއީ ޕީޖީގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސް އާއި ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ، އެ ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރީ އިންތިގާލީ އިންސާފުގެ ގާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުން ކަމަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން އޮމްބޮޑްސްޕާސަން އޮފީސް އެކުލެވިގެންވަނީ ރައީސް އައްޔަންކުރާ ތިން އޮމްބަޑްސްޕާސަނުންގެ މައްޗަށެވެ. އެ މާއްދާގައި (ށ)ގައި ބުނަނީ، އޮމްބަޑްސްޕަސަންގެ ތެރެއިން މީހަކު، ޗީފް އޮމްބަޑްސްސަޕާސްންގެ ގޮތުގައި ރައީސް އައްޔަންކުރައްވަން ވާނެ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ރައީސް ތަސްދީގު ކުރެއްވި އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފެއްދެވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

އެ އޮފީހުން ބަލާ މައްސަލަތަކަކީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމެވެ.

އެ ގާނޫނަކީ، 1953 ޖަނަވަރީ އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާފައިވާ ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އަނިޔާ ލިބުނު މީހުންނަށް ބަދަލު ހޯދައިދިނުމެވެ.

https://sun.mv/146870

comment ކޮމެންޓް