ޒޭން މާލިކް އާ ލަވަ އަލްބެއް ނެރެފި

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް---

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް، 28، އާ ލަވަ އަލްބަމެއް ނެރެފި އެވެ.

"ނޯ ބޮޑީ އިޒް ލިސިނިންގް"ގެ ނަމުން ނަންދީފައިވާ މި އަލްބަމުގައި ޖުމުލަ 11 ލަވަ ހިމެނެ އެވެ. ލަވަ އަލްބަމް ނެރުމަށްފަހު ޒޭން ބުނީ އާ އަލްބަމް ދޫކޮށްލަން ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ އެންމެންގެ ސަޕޯޓާއެކު މިކަން ވެއްޖެ ކަމަށެވެ.

ބައްޕައަކަށް ވުމަށް ފަހު ލަވަކިޔުންތެރިޔާ ޒޭން ނެރުނު ފުރަތަމަ ލަވަ އަލްބަމަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ޓްރެންޑް ވަމުން އަންނަ މި ލަވަ އަލްބަމް ވަރަށް ކަމުދާ ކަމަށް ގިނަ ފަންނާނުން ވެސް ވަނީ ބުނެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު ޒޭން އާ އޭނާގެ ލޯބިވެރިޔާ މޮޑެލް ޖީޖީ ހަދީދް އަށް ފުރަތަމަ ދަރިފުޅު ވަނީ ލިބިފަ އެވެ. ދެމީހުންނަށް އަންހެން ދަރިއަކު ލިބުނު ނަމަވެސް ދަރިފުޅު ގެންގުޅެނީ މީޑިއާތަކާ ވަރަށް ދުރުގަ އެވެ. ޒޭން ވަނީ އޭނާގެ އަމިއްލަ ސޯލޯ ތިން އަލްބަމެއް މިހާތަނަށް ނެރެފަ އެވެ.

ދެހާސް ދިހަވަނަ އަހަރު އުފެދުނު މަޝްހޫރު ބޭންޑް ވަން ޑިރެކްޝަން އިން ބޮޑު މަގްބޫލުކަމެއް ހޯދި ޒޭން މާލިކް ވަނީ 2015 ވަނަ އަހަރު އެ ބޭންޑުން ވަކިވެފަ އެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން އަންނަނީ ސޯލޯ ލަވަތަކެއް ނެރުމަށެވެ.

comment ކޮމެންޓް