އެސްޖޭއަށް 111 މިލިއަން ރުފިޔާގެ ބަދަލެއް ނަގައި ނުދިން

ޒިކުރާ މިސްކިތް ހުރި ތަން މިހާރު -- ސަން ފޮޓޯ

ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ގެއްލުމުގެ ގޮތުގައި 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޒިކުރާ މިސްކިތުގެ އިމާރާތް އަޅަން އެސްޖޭއާ ހަވާލު ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 9 ޖުލައި 2018ގަ އެވެ.

ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެއީ ސްޓްރަކްޗާ އަދި އާކިޓެކްޗުރަލް ކުރެހުން އެއްބަސްވެފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އޭޕްރިލް، 30، 2019ގައި އެސްޖޭއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

އެ ކުންފުނިން އެދުނީ، މިނިސްޓްރީއިން އެއްބަސްވުން ބާތިލު ކުރުމަށް ފޮނުވި ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ގެއްލުމުގެ ގޮތުގައި އެ ކުންފުންޏަށް 111 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އެސްޖޭއިން އެދިފައިވެ އެވެ.

އެ މައްސަލައިގައި އިއްޔެ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ހުކުމް ކުރެއްވީ، ދެ ފަރާތުން ހެދި އެއްބަސްވުން ބާތިލު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނޯޓިސް ފޮނުވާފައި ވަނީ އެއްބަސްވުމުގައިވާ ގޮތާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެއްބަސްވުން އުވާލީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ބެލެވެން ނެތަސް، އެސްޖޭއިން ހޯދުމަށް އެދިފައިވާ ބަދަލު ސާފުކޮށްދެވިފައި ނުވާތީ އާއި ބަދަލަކީ އެއްބަސްވުމުގެ ދަށުން އެސްޖޭއަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ، އެ ބަދަލު ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޖޭ ކޮންސްޓްރަކްސަންއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ

ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރަށާއި އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

ޒިކުރާ މިސްކިތުގެ މައްސަލަ އޭސީސީން ބެލުމަށްފަހު ބުނެފައި ވަނީ އެ މިސްކިތް އަވަހަށް އަޅަން އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް އިސްލާމިކް މިނިސްޓްރީން ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލެއްގެ މައުލޫމާތު ހިމަނާ އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައި ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

އެ ޕްރޮޕޯސަލްތަކަކީ ކިހިނެތް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލުން ނޫން ކަމަށާއި، އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު، އެސްޖޭ ކޮންސްޓްރަކްޝަންއަށް މަޝްރޫއު ހަވާލުކުރުމަށް މަސައްކަތްކޮށް، ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް، އިބްރާހީމް އަބްދުﷲ ސައީދު ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.

comment ކޮމެންޓް