ބ. ފެހެންދޫ ދަރިވަރުން ގޮއިދޫއަށް ސްކޫލަށް ދިޔުމަށް އެއްވެސް ދައްޗެއް ނެތްކަމަށް އެ ދެ ރަށުގެ ކައުންސިލުން ބުނެފިއެވެ.
ފެހެންދޫގައި ދިރިއުޅޭ ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ދާންޖެހެނީ ބ. ގޮއިދޫ ސްކޫލަށެވެ. ދަރިވަރުން ސްކޫލަށް ގޮސް އައިސް ވުމަށް ކޮންމެ ދުވަހަކު ލޯންޗު ދަތުރު ބާއްވައެވެ.
ފެހެންދޫގައި ހިންގާ ގެސްޓްހައުސް އަކަށް އިއްޔެ ފަތުރުވެރިން ގޮސްފައިވާއިރު އެރަށުގެ ދަރިވަރުން ގޮއިދޫ އަށް ސްކޫލަށް ގެންދިޔުމަށް ގޮއިދޫގެ ބައެއް ބެލެނިވެރިން ދެކޮޅު ކަމަށް ވަނީ ވާހަކަ ދެކެވިފައެވެ.
ނަމަވެސް ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ކުދިން ސްކޫލަށް އައިސް ގޮސްވުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ސްކޫލުން ގޮއިދޫ ބެލެނިވެރިންނާވެސް ބައްދަލު ކުރި ކަމަށާއި ބެލެނިވެރިންގެވެސް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"ކުދިން ސްކޫލަށް ގޮސް އައިސް ހަދާނީ ގައިޑްލައިން އާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު، މާސްކު އަޅައިގެން ގައިދުރުކޮށް. ސްކޫލަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ޗެކުކޮށް، އަތް ދޮވެ ހަދާނެ. ފެހެންދޫ ކުދިން ގޮއިދޫ އަށް ސްކޫލަށް އައިސްގެން އެއްވެސް ބިރުވެރިކަމެއް ނެތް. ކުދިން ސްކޫލަށް އަންނާތީ ކަންބޮޑުވުމެއްވެސް ނެތް،" އާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެހެންދޫ ކުދިންނާއެކު ބެލެނިވެރިންނަށް މިހާރު ގޮއިދޫއަށް ނުދެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ކުދިންބަލައި ގޮއިދޫ ސްކޫލުގެ ޓީޗަރަކު ފެހެންދޫ އަށް ދާނެ ކަމަށާއި ކުދިން ސްކޫލާއި ހަމައަށް ގެނެސް، ކުދިން ގޮވައިގެން އަލުން ފެހެންދޫއަށްވެސް ޓީޗަރަކު ދާނެ ކަމަށެވެ.
ފެހެންދޫ ކައުންސިލުންވެސް ބުނީ އެ ރަށުގެ ދަރިވަރުން ގޮއިދޫއަށް ސްކޫލަށް ދިޔުމަށް އެއްވެސް އުނދަގުލެއް، ދައްޗެއް ކުރިމަތި ނުވާ ކަމަށެވެ.
އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން އެހެން ނަމަވެސް އަސާސީ ހިދުމަތެއް ހޯދުމަށް ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުން، ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދިޔަނަމަވެސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އޭގެ ތެރޭގައި ސްކޫލަށް ދިޔުންވެސް ހިމެނެއެވެ.