ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބެހޭ ގޮތުން އެކި ފަރާތްތަކުން ހުށަހަޅާފައިވާ 11 މައްސަލައެއް މިހާރު ވެސް ބަލަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ޖޭއެސްސީ ހާޒިރުކޮށް، މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާދަމް މުހައްމަދު ވިދާޅުވީ އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް އެ ކޮމިޝަންގެ ކަމާ ބެހޭ ކޮމެޓީތަކުން ބަލަމުންދާ ކަމަށެވެ.
"އަބްދުﷲ މުހައްމަދުގެ މައްޗަށް ފުދޭވަރަށް އެބަހުރި ޝަކުވާ ހުށަހެޅިފައި. ދެ ހާސް ނުވައެއްގައި ތިން މައްސަލަ. 2010ގައި ތިން މައްސަލަ. 2011ގައި ތިން މައްސަލަ. އަދި ޖެނުއަރީ 1، 2012 ގައި އެބައިން ދެ މައްސަލަ އެންޓާވެފައި،"
އާދަމް މުހައްމަދު ވިދާޅުވީ މިހާރު ފެންމަތިވެފައިވާ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައަކީ 2009 ވަނަ އަހަރު ހުށަހެޅިފައިވާ ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ ބެލި ކޮމެޓީގައި ހިމެނިވަޑައިގަންނަ ވަނީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރު ގާސިމް އިބްރާހިމާއި އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރު ޝުއައިބް އަބްދުރަހްމާނާއި "ބޭރުން ކޮމެޓީގައި ހިމެނޭ އަލިތަރި ރަޝާދު" ކަމަށެވެ.
މިއަދުގެ ކޮމެޓީގެ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅަން ނިންމި ކޮމެޓީގައި ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާތީ އެވެ. އެމްޑީޕީ މެންބަރުން ބުނަމުން ގެންދިޔައީ ގާސިމް އިބްރާހިމްގެ އެތައް މައްސަލަތަކެއް ކޯޓްތަކުގައި ހުރި ދަނޑިވަޅެއްގައި އެ މަނިކުފާނު މަސްލަހަތު ހިމެނޭ ފަނޑިޔާރެއްގެ މައްސަ ނިންމުމަށް އޭނާ ބައިވެރިވަޑައިގެން ނުވާނެ ކަމަށެވެ.
ނަމަވެސް ގާސިމްގެ މައްޗަށް ތުހުމަތު ކުރި މައްސަލަތަކާ ބެހޭ ގޮތުން ގާސިމު ޖަވާބުދާރީ ވުމަށް، ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ފުރުސަތެއް ނުދެއްވި އެވެ. ގާސިމު އަތް ނަންގަވައި ފުރުސަތަކަށް އިޝާރާ ކުރައްވަމުން ގެންދެވި އެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ ސުވާލު އަމާޒު ކުރީ ގާސިމަށް ނޫން ކަމަށެވެ.
އާދަމް މުހައްމަދު ވިދާޅުވީ އޭނާ އެ ކޮމެޓީގައި ގާސިމް ހިމަނާފައި ވަނީ ޖޭއެސްސީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެފަދަ މައްސައެއް ބަލާ ކޮމެޓީގައި އަމިއްލަ މަސްލަހަތު ހިމެނޭ ނަމަ ގާސިމް އަމިއްލަފުޅަށް އެ މައްސަލައަކުން ތަނާޒުލް ވެވިދާނެ ކަމަށެވެ.
އާދަމް މުހައްމަދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވި އަބްދުﷲ މުހައްމަދަށް ޖޭއެސްސީގެ މައްސަލާގެ ރިޕޯޓް ހުށަހެޅުމުން ކޮމިޝަނަށް ޖަވާބު ދާރިވުމުގެ ބަދަލުގައި އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށް ކަމަށެވެ. އަދި ސިވިލް ކޯޓުން އެ މައްސަލާގައި ނެރެފައިވާ ވަގުތީ އަމުރާ ގުޅިގެން އޭނާއާމެދު އެވެސް ފިޔަވަޅެއް ނޭޅުމަށް ކޯޓްގެ އަމުރުގައި ބުނެފައިވާ އޭނާ ވިދާޅުވީ އެވެ.
އާދަމް މުހައްމަދު ވިދާޅުވީ ޝަރުއީ މަރުހަލާ އިން އެކަން ނިމުނުހާ އަވަހަކަށް އެނާއާމެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީ ކެތްމަދުވެފައިވާ ކަމަށެވެ.
"އެ މައްސަލާގައި [އަބްދުﷲ ގާޒީއާ މެދު] ފިޔަވަޅު އަޅައިފިއްޔާ ގާނޫނާ އަޅުގަނޑުމެން ހިލާފުވީ. ހުކުމާ ހިލާފުވުމަކީ ގާނޫނުގެ ނަސްއަކާ ހިލާފުވުން. އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅަށް ސަމާލުވެގެން، އެހިސާބަށް އާދެވުނީމަ އަޅުގަނޑުމެންގެ ކޮމިޝަންގެ މައްޗަށް ލާޒިމުވާ ހުރިހައި ކަމެއް، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް މިތިބެނީ ކެތްނުލަވާފައި،" އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅަން ބޭނުންވާ ކަމަށް އިޝާރާތް ކުރައްވާ އާދަމް މުހައްމަދު ވިދާޅުވި އެވެ.
ނަމަވެސް އާދަމަ މުހައްމަދު ވިދާޅުވީ ހައި ކޯޓުގައި އޮތް އިސް ގާޒީގެ ސުލޫކީ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހުއްޓިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ޖޭއެސްސީ އިން ހުށަހަޅާފައިވާ މައްސަލާގައި އޭނާ ޝަރީއަތަށް ހާޒިރު ކުރުމަށް ދެ ފަހަރަށް އަމުރު ކުރުމުން ވެސް، އެމްއެންޑީއެފްގެ ބާރުގެ ދަށުގައި ހުންނެވި އަބްދުﷲ ގާޒީ ހާޒިރު ކުރުމަށް ސަލާމަތީ ބާރުތަކުން ވަނީ ދެކޮޅުހަދައި ހާޒިރު ނުކޮށްފަ އެވެ.