މަރުހަބާ! އަނުޝްކާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް

ވިރާޓް އަދި އަނުޝްކާގެ ދެމަފިރިން -- ފޮޓޯ: ޓްވިޓާ

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އަށް ދަރިއަކު ލިބިއްޖެ އެވެ.

ބަތަލާ އަނުޝްކާ ވިހޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރަމުން ވިރާޓް ބުނީ މިއަދު މެންދުރު އަނުޝްކާ ވިހައިފި ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ދިރިއުޅުމުގައި މި މަރުހަލާ ފެށުމަށް ކެތްމަދުވެފައި ހުރިކަމަށްވެސް ވިރާޓް ވަނީ ބުނެފަ އެވެ.

އަނުޝްކާ ވިހެއީ މުމްބާއީގައި ހުންނަ ބްރީޗް ކޭންޑީ ހޮސްޕިޓަލުގަ އެވެ. އަނުޝްކާ އާ ވިރާޓަށް ދަރިއަކު ލިބެން އުޅޭކަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އޮގަސްޓް މަހު އެވެ. ބަތަލާ އަނުޝްކާ ވިހޭ ކަން އިއުލާންކުރުމާއެކު ގިނަ ފޭނުންނެއް އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. މިއީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ.

ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވިރާޓް އާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 2018 ވަނަ އަހަރު ނިކުތް ފިލްމް ޒީރޯ އިން ޝާހްރުކްޚާން އާއެކު އެވެ.

އަނުޝްކާ ވިހޭއިރު ދެން އެންމެ އަވަހަށް ވިހާނެ ކަމަށް ބެލެވެނީ ބަތަލާ ކަރީނާ ކަޕޫރެވެ.

comment ކޮމެންޓް