އެމާ ސްޓޯންއަށް ދަރިއަކު ލިބެނީ

އެމާ ސްޓޯން އަދި ފިރިމީހާ ޑޭވް މެކޭރީ ---

އެމެރިކާގެ ފިލްމީތަރި އެމާ ސްޓޯން ބަލިވެ އިންކަން ހާމަވެއްޖެއެވެ.

އެމާ އޭނާގެ ލޯބިވެރިޔާ، ކޮމީޑިއަން އަދި ޑިރެކްޓަރު ޑޭވް މެކޭރީއާ ކައިވެނިކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެ ދެމަފިރިންނަށް އަލަތު ދަރިއަކު ލިބެން އުޅޭކަން ކަށަވަރުވީ ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކުންނެވެ.

އޭނާގެ ބަލިވެއިންކަން ކަށަވަރުވާ ފޮޓޯތަކެއް މީޑިއާތަކުން ގެނެސްދިން އިރު ހަބަރުތައް ބުނާގޮތުގައި އެމާގެ ބަނޑަށް މިހާރު ހަތަރު މަސް ވެދާނެ ކަމަށެވެ.

މިހާތަނަށްވެސް އެމާއާއި މެކޭރީ، މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ ދެމަފިރިންނާ ގާތް ފަރާތަކުން ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ "އީ އޮންލައިން"އާ ވާހަކަ ދައްކާފައެވެ.

"ބަނޑުބޮޑުވުމާ ގުޅިގެން އެމާ ހުރީ ވަރަށް އުފާވެފައި. އޭނާ އަބަދުވެސް ބޭނުންވޭ އާއިލާއެއް ބިނާކުރަން. މިހާރު ހުރީ މަންމައަކަށް ވުމަށް ކެތްމަދުވެފައި،" އެމާއާ ގާތް މީހަކު އީ އޮންލައިންއަށް ބުނިކަމަށް އެ ނޫހުން ރިޕޯޓުކުރިއެވެ.

ދެހާސް ދިހަވަނަ އަހަރު ނުކުތް ޓީން ކޮމެޑީ ފިލްމު "އީޒީ އޭ"ގެ ލީޑު ކުޅެ، ބޮޑު މަގުބޫލުކަމެއް ހޯދައި އެ ރޯލަށް އެމްޓީވީ މޫވީ އެވޯޑްސްގައި ބެސްޓް ކޮމީޑިކް ޕަފޯމަންސް އެވޯޑު ހޯދި އެމާއާއި މިހާރުގެ ފިރިމީހާ މެކޭރީ 2018 ވަނަ އަހަރު އެންގޭޖުވީ ދެ އަހަރު ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހުއެވެ.

ދަ އެމޭޒިންގް ސްޕައިޑަމޭން އަދި އޭގެ ސީކުއެލްއިންވެސް ފެނުނު އެމާ ވަނީ 2017 ވަނަ އަހަރުގެ ފިލްމު "ލަ ލަ ލޭންޑް"ގެ ލީޑު ރޯލު ކުޅެ އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ އެވޯޑު، ބަފްޓާ އެވޯޑު، ގޯލްޑެން ގްލޯބު އެވޯޑު އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑު ހޯދާފައެވެ.

comment ކޮމެންޓް