ޓްރަމްޕްގެ ޓުވިޓާ އާއި ފޭސްބުކް އެކައުންޓުތައް ސަސްޕެންޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖެނުއަރީ 7): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓާ އަދި ފޭސްބުކް އެކައުންޓު ބޭނުން ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން ސަސްޕެންޑުކޮށްފި އެވެ.

ޓުވިޓާ އާއި ފޭސްބުކުން އެ ފިޔަވަޅު އެޅީ ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ތެރެއަށް ވަތް ފަހުންނެވެ. އެ މުޒާހަރާ ބޭއްވުމަށް ޓްރަމްޕް ހިތްވަރު ދެއްވި ނަމަވެސް ފަހުން އޭނާ ވަނީ އެ މީހުން "އަނބުރާ ގެޔަށް ދިޔުމަށް" އެދިވަޑައިގެންފަ އެވެ.

އެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމީހުންގެ އިހުސާސުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި "މިއީ ބޮޑު ތަފާތަކުން ކާމިޔާބު ކުރި އިންތިހާބެއް"ގެ ކާމިޔާބީ އެހެން ބަޔަކު ނެގުމުން ހިނގަމުންދާ ކަންތައްތައް ކަމަށް ވިދާޅުވެފަ އެވެ. އަދި ޓުވިޓާ އާއި ފޭސްބުކުން ވަނީ އެއީ އެ ދެ ކުންފުނީގެ ސިޔާސަތުތަކާ ހިލާފުވާ ޕޯސްޓުތައް ކަމަށް ފާހަގަކޮށް، އެ ޕޯސްޓުތައް ނަގާފަ އެވެ.

އޭގެ ފަހުން ޓުވިޓާއިން ވަނީ ޓްރަމްޕްގެ އެކައުންޓު 12 ގަޑި އިރަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ފޭސްބުކުން ވަނީ އޭނާގެ އެކައުންޓުން "ހަމަނުޖެހުމަށް ހިތްވަރުދެވޭ" ކަމަށް ބުނެ އެ އެކައުންޓު 24 ގަޑި އިރަށް ސަސްޕެންޑުކޮށްފަ އެވެ.

މީގެ އިތުރުން ޓުވިޓާއިން ނެރުނު ބަޔާނުގައި ވަނީ ޓްރަމްޕް އެ ކުންފުނީގެ ގަވާއިދުތަކާ ހިލާފުވަމުން ގެންދަވާ ނަމަ އޭނާގެ އެކައުންޓު ދާއިމީކޮށް ބޭނުން ނުކުރެވޭ ގޮތަށް ހަދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުން ވަނީ ކޮންގްރެސް އިމާރާތަށް ވަދެ، ކުޑަ ދޮރުތައް ތަޅާ، ޑެސްކަށް ގެއްލުން ދީފަ އެވެ. އަދި އެ މީހުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެކަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް