ޖިހާދު ފުރުން މަނާކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފަށަނީ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައި ވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހަވީރު 3:30 ގައި ވަނީ ތާވަލުކޮށްފަ އެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭގެ އިތުރުން، އޭސީސީއިން އަންނަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ބަލަމުންނެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން އެކަމާ މެދު ގޮތެއް ނިންމަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

ދިމާވެފައިވާ ގިނަ ސިއްހީ ހާލަތްތަކެއް ބަޔާންކޮށް، އެކަންކަމަށް ފަރުވާ ހޯދަން ދުބާއީއަށް ވަޑައިގަންނަވަން މިހާރު ޓިކެޓުވެސް ނަންގަވާފައިވާ ކަމަށް އެ އަޑުއެހުމުގައި ޖިހާދުގެ ފަރާތުން ވަކީލު ހަސަން ފަލާހު ވިދާޅުވި އެވެ. އެ މައްސަލަތަކަކީ ގަވައިދުން ބޭސް ކުރަން ޖެހޭ މައްސަލަތަކެއް ކަމަށާއި އަދި ދިމާވެފައިވާ ބަލި ހާލަތްތަކުގެ ތެރޭގައި އިންސޮމްނިއާ، ހަކުރު ބަލި ހިމެނޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭނާ އަކީ އަވަސްއަވަހަށް ކުޑަކަމުދެވޭ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޖިހާދަކީ ގައުމުގެ ނައިބު ރައީސްކަމާއި، ފިނޭންސް މިނިސްޓަރު ކަމާއި، އެމްއެމްއޭގެ ގަވަރުނަރު ކަންކޮށް، 35 އަހަރު ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ދައުލަތުގެ އިއްޒަތްތެރިއެއްކަން ވެސް ފަލާހު ފާހަގަކުރެއްވި އެވެ.

އޭނާގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި، އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް ދައުލަތުން ވަނީ އިއުތިރާޒު ކޮށްފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އަދި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅެނީ ރާއްޖެއިން ނުލިބޭ ފަރުވާއެއް ހޯދަން ނޫންކަންވެސް ދައުލަތުން ފާހަގަކުރި އެވެ. އަދި ރާއްޖެއިން ފަރުވާ ލިބޭ ކަމަކަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފުރަން ހުއްދަ ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ދައުލަތުން ބުންޏެވެ.

އޭގެ އިތުރުން ޖިހާދު އަދާކޮށްފައި ހުރި މަގާމުތަކަށް ބަލާއިރު، ބޭރުގެ އެހެން މީހުންނާ ގުޅިގެން ފިލުމުގެ ބާރު އޭނަށް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލައި، ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދު ފިލައިގެންގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ހުއްދަ ނުދޭށެވެ. އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ޖެނުއަރީ 20އާ ހަމައަށެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެ އެވެ.

ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުރެގެންނެވެ.

ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައިވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ވަޒީރުންގެ މަޖިލީހުން އެމައްސަލަ ނިންމި އިރު ބިމުކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 411.7 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްރައިމް ލޮކޭޝަން ޗާޖުގެ ގޮތުގައި 50 އަހަރު ތެރޭގައި 192.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖިހާދު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އެއިން އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ކަމަށެވެ.

comment ކޮމެންޓް