ހަ އަހަރުގެ ކައިވެންޏަށް ފަހު މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން އާއި ރެޕާ ކާންޔޭ ވެސްޓް ވަރިވާން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކިމް ދަނީ މިހާރު ވަރިވާން ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
ކިމް އާއި ކާންޔޭއާ ދެމެދު މައްސަލަތަކެއް ޖެހި ދެތަރިން ވަކިން ދިރިއުޅޭތާ ދުވަސްކޮޅެއްވެފައި ވާއިރު ދަރިންގެ ކަންކަމުގައި ބައްދަލުވެ އުޅޭކަމަށް ވެއެވެ. އެހެންނަމަވެސް ދެމީހުންގެ ގުޅުން ނިމުމުމަކަށް އައިސްފައިވާ ކަމަށް ކިމް ގަބޫލުކުރާ ކަމަށް މީޑީއާތަކުގައި ވެއެވެ.
ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް އެންމެ ފުރަތަމަ އެކުގައި ފެނުނީ 2012 ވަނަ އަހަރު އެވެ. އޭގެ ދެއަހަރު ފަހުން 2014 ވަނަ އަހަރު މުޅި ދުނިިޔެ ސިއްސުވާލި ބޮޑު ކައިވެނީގެ ހަފްލާއެއް ޕެރިސްގައި ދެމީހުން ވަނީ ބާއްވާފަ އެވެ. އަދި މިހާރު ދެމީހުންނަށް ހަތަރު ކުދިން ވަނީ ލިބިފަ އެވެ.
ދެމީހުންގެ ކައިވެނި ރޫޅެން އުޅޭކަމުގެ ހަބަރުތައް އެންމެ ފުރަތަމަ ރިޕޯޓްކުރި ޕޭޖް ސިކްސް އިން ބުނާގޮތުގައި މިފަދަ ނިންމުމަކާއި ހިސާބަށް އައުމުގައި ބޮޑެތި ސަބަބުތަކެއް ވެއެވެ. މިގޮތުން ރިޔާސީ ރޭހުގައި ކާންޔޭ ވާދަކުރާނެ ކަމަށް ބުނެ އެކަން ނާކާމިޔާބުވުމާއި ކިމްގެ އާއިލީ ބައެއް ސިއްރުތައް ކާންޔޭ މީޑިއާ އަށް ހާމަކުރުން ހިމެނެ އެވެ.
ދެތަރިންގެ ގުޅުން ރަނގަޅުކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކުގައި ކުރި ކަމަށް ރިޕޯޓްތައް ބުނާއިރު އަދިވެސް ދަނީ ކައުންސެލިން ހޯދަމުންނެވެ. އަދި ވަކިން އުޅުމުގެ ނިންމުމަކީ ވެސް މި މައްސަލަ ހައްލުކުރުމަށްޓަކައި ކިމް ނިންމި ގޮތެއްކަމަށްވެސް ވެއެވެ.
ކިމް އާއި ކާންޔޭ ގެ ވަރީގެ އަޑުތައް ގަދަވެފައިވާއިރު މިދިޔަ އަހަރު އޮކްޓޯބަރުގައި ކިމްގެ 40 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ޓަހީޓީއަށް ދިޔަ ދަތުރުގެ ފޮޓޯތަކުން ކާންޔޭ ވަނީ ފެނިފަ އެވެ. ކިމް ވެސް މިދަތުރުގައި ކާންޔޭ އާއިއެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރިއިރު، ޕޭޖް ސިކްސްއިން ބުނީ ކާންޔޭ ދަތުރުގައި ބައިވެރިވީ ކުޑަ ދުވަސްކޮޅަކަށެވެ.
މިކަމާއި ބެހޭގޮތުން އަދި ދެތަރިން ވެސް ސީދާ އެއްޗެއް ބުނެފައެއް ނު ވެއެވެ.