މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުން ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

މާލެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ސްޓްލެކޯއިން "ފޯތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި ކުރިއަށް ގެންދާ 8000 ކިލޯވޮޓުގެ ދެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތުގެ ދަށުން މިއަދާއި މިރޭ ވެސް މާލޭގެ އެކި ސަރަހައްދުން ކަރަންޓް ކެނޑެމުންދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓްލެކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފު މިއަދު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން މިރޭ 10:00 އާ ހަމައަށް މާލޭގެ އެކި ސަރަހައްދުން ކަރަންޓް ކެނޑެމުންދާނެކަމުގެ ނޯޓިހެއް ވެސް އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ބާހާފައިވާނެ ކަމަށެވެ.

ރައޫފު ވިދާޅުވީ މިހާރު ކުރާ މަސައްކަތަކީ އާ ދެ ޖެނެރޭޓަރާއި ސްޓެލްކޯގެ ޖަނަރޭޓަރުތައް ގުޅައިލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ކުރިއަށްދާއިރު މާދަމާ ވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އާ ޖެނެރޭޓަރު ބެހެއްޓުމަށްޓަކައި ސްޓްލެކޯގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑު ތިން ޖެނެރޭޓާ ނިއްވާލަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ވެސް މާލޭގެ އެކި ސަރަހައްދުން ދޭތެރެދޭތެރެއިން ކަރަންޓް ކަނޑައިގެންދާނެ ކަމަށްވެސް ރައޫފު ވިދާޅުވި އެވެ. އަދި އަލަށް ބަހައްޓާ ދެ ޖެނެރޭޓަރުގެ އަންނަ އެޕްރީލް މަހު ބޭނުން ކުރަން ފެށޭނެވަރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" މާލެ އަށް ކަރަންޓް ދިނުމަށްޓަކައި މިޙާރުވެސް 17 ޖަނަރޭޓަރު ހުރޭ. މިހާރު މި ބޭނުންކުރާ ސިސްޓަމްގެ ތެރެއަށް އިތުރު ދެ ޖެނެރޭޓާ ލުމުގެ މަސައްކަތް މިކުރަނީ. އަލަށް ބަހައްޓާ މި ދެ ޖެނެރޭޓަރުން ވަރަށް ބޮޑު ކެޕޭސިޓީއެއް އިތުރުވާނެ،" ރައޫފު ވިދާޅުވި އެވެ.

ސްޓެލްކޯ އިން އަލަށް ބަހައްޓާ މި ދެ ޖެނެރޭޓަރުގެ ސަބަބުން މާލޭގައި ބޭނުންކުރަމުންދާ ކަރަންޓްގެ ސަބަބުން އޯވަލޯޑްވެގެން ކުއްލިއަކަށް ކަރަންޓް ކަނޑައިގެންދާން ދިމާވާ މައްސަލަ އަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު