ޔުނިވާސިޓީއިން ބިރުދެއްކިޔަސް މަސައްކަތް ދެ ގުނަ ޖައްސާނަން: ޑރ. އިޔާޒު

ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރައްވަމުންދާ ޓްވީޓުތަކާ ހެދި ގައުމީ ޔުނިވާސިޓީއިން ނަސޭހަތުގެ ލިޔުމެއް ދިނުމަކީ ބިރުދެއްކުން ކަމަށާއި، ނަސޭހަތް ދިނަސް އޭނާ ކުރައްވާ މަސައްކަތް ދެން ދެ ގުނަ ކުރައްވާނެ ކަމަށް ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒު ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ޓްވިޓާގައި މުހާތަބުކުރައްވަމުން ގެންދާ ކަމަށް ބުނެ އެ ޔުނިވާސިޓިއިން މިދިޔަ އަންގާރަ ދުވަހު އޭނާއަށް ވަނީ ނަސޭހަތުގެ ލިޔުމެއް ދީފަ އެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ ޔުނިވާސިޓީގެ މުވައްޒަފަކު ސިޔާސީ ވާހަކައެއް ދައްކާއިރު އެ ވާހަކަ ދައްކަނީ ކޮލެޖުގެ ހައިސިއްޔަތުން ވަކި ފަރާތަކަށް ތާއީދުކޮށް ނުވަތަ އިދިކޮޅަށް ކަމަށް ހީވެދާނެ ކޮންމެ ހާލަތެއްގައި އެ ވާހަކަ ދައްކަނީ އަމިއްލަ ހައިސިއްޔަތުންކަން ބުނަންވާނެ ކަމަށެވެ. ނަމަވެސް، ޑރ. އިޔާޒު ޓްވީޓު ކުރައްވާއިރު، އެހެން ވިދާޅެއްނުވެ އެވެ.

ޑރ. އިޔާޒު މިރޭ "ސަން"އަށް ވިދާޅުވީ، އޭނާ ޓްވީޓު ކުރެއްވުމަކީ ޔުނިވާސިޓީއިން މައްސަލައެއް ޖައްސަން ޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން މިއީ މައްސަލައެއް ޖައްސަން ޖެހޭ ކަމެއް ކަމަށް. އަޅުގަނޑު މިއީ އެއްވެސް ގޮތަކަށް ފިތުނަ ފަސާދަ އުފައްދާކަށް ނޫނީ، ހަގީގަތު ހިލާފު ވާހަކަ ދައްކާ މީހެއް ނޫން. ސަރުކާރުންވެސް ރަނގަޅު ކަމެއް ކޮށްފިއްޔާ އެކަން ފާހަގަކުރާނަން. ނުބައިކަމެއް ކޮށްފިއްޔާ އެކަމެއް ފާހަގަކުރާނަން،" ޑރ. އިޔާޒު ވިދާޅުވި އެވެ.

އޭނާއަށް ނަސޭހަތް ދިނުމަކީ ވަރަށް ނާތަހުޒީބުކޮށް ކުރި ކަމެއް ކަމަށްވެސް ޑރ. އިޔާޒު ވިދާޅުވި އެވެ. އަދި އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށް ވިދާޅުވި އެވެ.

ނަސޭހަތުގެ ސިޓީ ފޮނުވުމުން އޭނާ ކުރައްވާ މަސައްކަތް ހުއްޓާނެ ކަމަށް ހީކުރިޔަސް، އެ މަސައްކަތް ދެ ގުނަ ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ހީކުރަނީ އެ ބޭފުޅުންގެ މަގާމުގެ ދަހިވެތިކަން ހުންނަ ވަރަށް އަޅުގަނޑުގެވެސް ހުންނާނެއޭ. އަދި އެހެން އެ ބޭފުޅުން ސިޓީއެއް ފޮނުވާލީމަ އަޅުގަނޑު ކުރާ މަސައްކަތް އަޅުގަނޑު ހުއްޓާލާނެ އޭ. އަޅުގަނޑުގެ މަސައްކަތް އަދި އިތުރަށް ދެ ގުނަ ބާރަށް ޖައްސާނަން އިރާދަކުރެއްވިއްޔާ،" ޑރ. އިޔާޒު ވިދާޅުވި އެވެ.

އެ ނަސޭހަތަކީ ކްރިސްމަސް ފާހަގަ ކުރުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ މި ފަހުން ޓްވީޓު ކުރަމުން ގެންދިޔުމުން ދިން ނަސޭހަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ޑރ. އިޔާޒު ވިދާޅުވި އެވެ.

"ކްރިސްމަސް ފާހަގަ ކުރެވުމާ ގުޅިގެން ދެކެވުނު ވާހަކައިގަ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ބަޔާންކުރަމުން ގެންދިޔައީ. އެހެންވީމަ ޔުނިވާސިޓީގެ ބޭފުޅުން ވިދާޅުވާ ކަހަލަ ކްރިސްމަސް ފާހަގަ ކުރުމަކީ ކުރަން ޖެހޭ ކަމެކޭ އެއާ ދެކޮޅަށް ޑރ. އިޔާޒު ދެއްކިި ވާހަކައަކީ މުޖުތަމައުގެ ފިތުނަ ފަސާދަ އުފެދޭ ވާހަކަތަކެކޭ ޔުނިވާސިޓީގެ އަގު ވެއްޓޭ ކަހަލަ ވާހަކަތަކެކޭ ކޮށްގެންވާނެ ކަމެއް ނޫނޭ. އަޅުގަނޑަށް އެ ބޭފުޅުންގެ ސިޓީއިން ދޭހަވަނީ އެ މާނަ،" ޑރ. އިޔާޒު ވިދާޅުވި އެވެ.

ޑރ. އިޔާޒަށް ދިން ނަސޭހަތުގައިވާ ގޮތުން އޭނާ ސިޔާސީ ޓްވީޓެއް ކުރައްވާ ކޮންމެ ފަހަރަކު އެ ޓްވީޓު ކުރައްވަނީ އަމިއްލަ ހައިސަތުންކަން ފާހަގަ ނުކުރައްވައިފި ނަމަ އެކަން ބެލެވޭނީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ފަދަ ކަމެއް ކަަމަށެވެ.

ދީނީ ކަންކަމުގެ އިތުރުން ޓްވިޓާގައި ސިޔާސީ ކަންކަމާ ގުޅިގެން ޑރ. އިޔާޒު ވަރަށް ގިނައިން ޓްވީޓު ކުރައްވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވުމުން އެކަމަށްވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް