އަދަނު އެއާޕޯޓަށް ދިން ހަމަލާއެއްގައި 26 މީހަކު މަރުވެއްޖެ

އަދަނު އެއާޕޯޓުގައި ހަމަލާ ދިނީ ޔަމަނުގެ އާ ސަރުކާރުގެ މެމްބަރުން ބޯޓުން ފައިބައިވަޑައިގަންނަވަމުން ގެންދަވަނިކޮށް -- ފޮޓޯ: އޭޕީ

އަދަން (ޑިސެމްބަރު 31): ޔަމަނުގެ އާ ސަރުކާރުގެ މެމްބަރުންނާ އެކު ދަތުރު ކުރި މަތިންދާބޯޓެއް އެގައުމުގެ އަދަނުގެ އެއާޕޯޓުގައި އިއްޔެ ޖެއްސުމާއެކު އެއާޕޯޓަށް ދިން ބާރުގަދަ ހަމަލާއެއްގައި 26 މީހަކު މަރުވެއްޖެ އެވެ.

އެ ހަމަލާ ދިނީ ޔަމަނުގެ އާ ބޮޑުވަޒީރު މައީން އަބްދުލްމަލިކް ސައީދު އާއި ސައުދީ ސަފީރު މުހައްމަދު ސައިދު އަލްޖާބިރާއި ކެބިނެޓު މިނިސްޓަރުން ބޯޓުން ފައިބަޑައިވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ ހާދިސާގައި ތިން ގޮވުމަކާއި ބަޑީގެ އަޑުފަށްގަނޑު އިވިގެން ދިޔަ އެވެ. އަދި އެ ހާދިސާގައި ބޮޑުވަޒީރާއި ސައުދީ ސަފީރާއި ކެބިނެޓު މިނިސްޓަރުން ސަލާމަތްވި ނަމަވެސް 26 މީހަކު މަރުވެ، 50އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި ނޫސްވެރިންނާއި އާއްމު ރައްޔިތުން ހިމެނެ އެވެ.

ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރު މުއައްމަރު އަލް-އެރިޔާނީ ތުހުމަތު ކުރައްވާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ވަނީ އީރާނުގެ މަދަދު ލިބޭ ހޫޘީ ހަނގުރާމަވެރިންނެވެ. ނަމަވެސް އެ ޖަމާއަތުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

އަދަނުގެ އެއާޕޯޓުގައި ދިން ހަމަލާއަށް ފަހު ސަރުކާރުގެ މެމްބަރުން ގެންދިޔަ ގަނޑުވަރު ކައިރީގައިވެސް އެއްޗެއް ގޮއްވާލި އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައި ނުވެ އެވެ.

އެ ހަމަލާތަކަށް ފަހު ބޮޑުވަޒީރު ސައީދު ވަނީ އެ ބޭފުޅުން ތިއްބެވީ އަދަނުގައި ކަމަށާއި ސަރުކާރުގެ ބޭފުޅުންގެ ހާލުގެ ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހަމަލާއަކީ ޔަމަނާއި ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ބަޔަކު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ދިން ހަމަލާއެއް ކަމަށާއި އޭގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނާއި ސަރުކާރުގެ މެމްބަރުން މިތިބީ ވަގުތީ ވެރިރަށް ކަމަށްވާ އަދަންގައި އަދި އެންމެންގެ ހާލުވެސް ރަނގަޅު. އަދަން އެއާޕޯޓަށް ދިން ފިނޑި، ޓެރަރިސްޓު ހަމަލާއަކީ ޔަމަނުގެ ދައުލަތާއި ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ބަޔެއް. އޭގެ ސަބަބުން އަޅުގަނޑުމެންގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް އިތުރަށް ހިތްވަރު ލިބެނީ،" ސައީދު ވިދާޅުވި އެވެ.

ޔަމަނުގައި އާ ސަރުކާރެއް އެކުލަވާލީ، އަވަށްޓެރި ސައުދީ އަރަބިއާއިން ތާއިދު ކުރާ ޔަމަނުގެ ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރާއި އެގައުމުގެ ސަދަން ޓްރާންޒިޝަނަލް ކައުންސިލް (އެސްޓީސީ)ގެ މެދުގައި އުފެދިފައިވާ ދެބައިވުމަށް ނިމުމެއް ގެނައުމަށެވެ. އެސްޓީސީއަކީ ޔަމަނުން ވަކިވެގަނެ، ސައުތު ޔަމަން ކިޔާ ވަކި ދައުލަތެއް އުފެއްދުމަށް ތާއިދު ކުރާ، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އެހީ ލިބޭ ޖަމިއްޔާއެކެވެ.

ދެހާސްސާދަ ވަނަ އަހަރު ޔަމަނުގެ ހަނގުރާމަ ފެށުނީ ހޫޘީ ހަނގުރާމަވެރިން އެގައުމުގެ ވެރިރަށް ސަންއާ އާއި އެހެން މައި ސިޓީތައް ހިފުމުންނެވެ. އެއާ އެކު ރައީސް ހާދީ ސައުދީއަށް ވަޑައިގެންނެވި އެވެ. އަދި ޖެހިގެން އައި އަހަރު ހާދީގެ ވެރިކަން ރުޖޫއަ ކުރުމަށް ކަމަށް ބުނެ ސައުދީ އިސްވެ އޮންނަ ކޯލިޝަނަކުން ހަނގުރާމައިގެ ތެރެއަށް ވަދެގަތެވެ. އޭރު އެސްޓީސީންވެސް ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރި އެވެ.

ނަމަވެސް ހާދީއަށް ތާއިދު ކުރާ ފައުޖުތަކާއި އެސްޓީސީއާ ދެމެދުވެސް ބައެއް ފަހަރު ދެބަސްވުންތައް އުފެދި، ހަމަލާ ބަދަލުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެސްޓީސީން އަދަނުގެ ކޮންޓްރޯލް އަތުލާ، ސަރުކާރުގެ ކެބިނެޓުގެ މެމްބަރުން އަދަނަށް ދިޔުން ހުއްޓުވި އެވެ. އޭގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހު ސައުދީ މެދުވެރިވެގެން ހާދީގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކައި އެސްޓީސީއާ ދެމެދު ބާރުތައް ހިއްސާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އަދި ބޮޑުވަޒީރު ސައީދުގެ ސަރުކާރު އެކުލަވާލީ އެ އެއްބަސްވުމުގެ ދަށުންނެވެ.

އދ.ގެ އޮފިސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާސް (އޯސީއެޗްއޭ)އިން ބުނާ ގޮތުގައި ޔަމަނުގެ ހަނގުރާމައިގައި މިހާރު 233،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް