ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަސްކަރީ ބާރުތަކުން ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގާވާއިދާ އެއްގޮތަށް ކަމަށް ދެއްކުމަށް ޓަކައި މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ޝަރުއީ ދާއިރާގެ އަގު ވައްޓާލުމަށްޓަކައި ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް މާލޭ ކޯޓްތަކުގެ މުއްވައްޒަފުންގެ އިއްތިހާދުން ބުނެފި އެވެ.
އެ އިއްތިހާދުގެ ރައީސް މުހައްމަދު އާމިރު ސޮއިކުރައްވައި މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ނެރެފައިވާ އަމުރުތަކަށް ގޮންޖަހައި، ކޯޓްތަކުގެ ހުރުމަތް ކަނޑަމުން ގެންދާ ގެންދިއުން ކުށްވެރިކުރާ ކަމަށެވެ.
"މިދާއިރާގެ ވެރިންނާއި މުވައްޒަފުން ބަދުނާމުކުރުމަށްޓަކައި ސަރުކާރުން ފަތުރަމުންގެންދާ ހަގީގަތާއި ހިލާފު ވާހަތަކާއި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ބަޔާނުގައިވެ އެވެ.
އަބްދުﷲ ޣާޒީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ފަހު ސަރުކާރުން އަމަލުކުރަމުން ގެންދަނީ ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ގާނޫނީ ގޮތުން ސަރުކާރުން އަދާކޮށްދޭން ޖެހޭ ޒިންމާތައް ނުއުފުލޭތީ އެކަންކަން ފޮރުވުމަށް ޓަކައި ކަމަށާއި އެގޮތުން ގާނޫނު އަސާސީން ބުނާ ޝަރީއަތްތައް ހިންގުމުގެ ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ހުރަސްތައް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޝަރުއީ ދާއިރާގެ އަގުވައްޓާލުމުގެ ގޮތުން ސަރުކާރުން ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތްތަކާއި ފަނޑިޔާރުންގެ މަސައްކަތުގެ ހަގީގަތް އާއްމުންނަށް އޮޅުން އަރަމުންދާތީ އެކަމުގެ ނޭދެވޭ އަސަރު އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރަމުންދާ ކަމަށާއި އެ ވާހަކަތައް ވަގުތުން ހުއްޓާލުމަށް ވެސް އެއިއްތިހާދުން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށާއި ޝަރުއީ ދާއިރާގެ މަސައްކަތްތައް ހިންގުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ކަންކަން ފޯރުކޮށްދިނުމަށާއި ފަނޑިޔާރުންނަށް ހިމާޔަތާއި ރައްކާތެރިކަމުގެ އިތުބާރު ގާނޫނީ އިމުގެ ތެރެއިން ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.