ހިންމަފުށީ ރިހެބުން މީހުން ނިކުމެ ރަށު ތެރޭ ކުށްކުރަނީ

ކ. ހިންމަފުށީ ރިހެބުން ފަރުވާ ހޯދާ ފަރާތްތަކާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކ. ހިންމަފުށީގައި ހުންނަ ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާއަށް ގެންގޮސްފައި ތިބޭ މީހުން ރަށު ތެރެއަށް ނިކުމެ ވައްކަން ކުރުމާއި އެހެން ކުށްތައް ކުރާތީ އެ ރަށުގެ އާންމުން އިންތިހާއަށް ކަންބޮޑުވެއްޖެ އެވެ.

ހިންމަފުށީ ކައުންސިލްގެ ނައިބު ރައީސް ހަސަން ފާއިޒު މިއަދު "ސަން"އަށް ވިދާޅުވީ ޑުރަގް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދާ ބައެއް ފަރާތްތަކުން ރަށު ތެރެއަށް ނިކުމެ އާންމުންނަށް އުނދަގޫ ކުރުމުގެ ކަންތައްތައް ބޮޑުވީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑަށް ފަހު، ޑްރަގު ފަރުވާއަށް ބޭނުންވާ ގިނަ ބަޔަކު އެ ސެންޓަރަށް ގެނެސް ކަރަންޓީނުގައި ބައިތިއްބަން ފެށުމުން އެ ސެންޓަރުގައި ތިބޭ ބައެއް ފަރާތްތައް ރަށު ތެރެއަށް ނިކުންނަން ފެށި އެވެ. ރަށު ތެރެއަށް ނިކުންނަ މީހުންގެ ތެރޭގައި ކަރަންޓީނުގައި ތިބޭ ފަރާތްތައް ހިމެނޭކަން ވެސް ފާއިޒު ފާހަގަ ކުރެއްވި އެވެ.

"މިފަހުން ކައުންސިލަށް ވަރަށް ގިނައިން އެބަ ޝަކުވާ އާދޭ ގޭގެއަށް ގޮސް ސަލާންވެސް ޖަހަނީ އެތަނުގައި ތިބޭ ކުދިން ރަށު ތެރެއަށް ނިކުމެގެން އައިސް. އަނެއްކާ ފިހާރަތަކުންނާއި ގޭގެއިން ވައްކަން ކުރުން ފަދަ ކަންކަން އެބަ ގިނަވޭ މިފަހަކުން. ފިހާރައެއް ފަޅާލައިގެން ބިޑި އާއި ސިނގިރޭޓް ވެސް ވަގަށް ނަގއިފި ރޭވެސް. އަނެއްކާ ކަރަންޓީނުގައި ތިބޭ މީހުން ވެސް އެހެން ނިކުންނާތީވެސް އާންމުން ކަންބޮޑުވޭ ވަރަށް ބޮޑަށް. އެކަމުގެ ޝަކުވާތައް ވަރަށް ބޮޑުވެއްޖެ މިފަހުން،" ފާއިޒު ވިދާޅުވި އެވެ.

ރިހެބުގައި ތިބޭ މީހުން ރަށު ތެރެއަށް ނިކުތުމަކީ މަނާކަމެކެވެ. ފާއިޒު ވިދާޅުވީ ބައެއް މީހުން ވަގަށް ފާރުމަތިން ވެސް ފުންމާލައިގެން ރަށު ތެރެއަށް ނިކުމެ އުޅޭ އިރު އަނެއް ބަޔަކު އެތަނުގެ ގާޑުންނަށް ނުކިޔަމަންތެރިކަން ދައްކާ ރަށު ތެރެއަށް ނިކުމެ އެވެ. އެހެން ނަމަވެސް، އެ މީހުންގެ ގައިގާ އަތްލުމުގެ ހުއްދަ ގާޑުންނަށް ނޯންނާތީ އެ މީހުން ރަށު ތެރެއަށް ނުކުތަސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާޑުން ބައެއް ފަހަރު އެ މީހުން ފަހަތުން ވެސް ގޮސް އެ މީހުން އުޅޭ ނޫޅޭގޮތް ބަލައި ނަސޭހަތްދީގެން އެ މީހުން އަނބުރާ ވައްދާ އެތަނަށް. އެކަމަކު ގައިގާ އަތްލައި ގަދަކަމުން އެކަން ކުރެވޭކަށް ނޯވެ. އެހެންވެ އެ މީހުން ބޭނުން ގަޑިއަކު ނިކުމެ ވަދެ އުޅެނީ. އެކަމަކު މިއީ ހައްލެއް އަންނަން ޖެހޭ ކަމެއް،" ފާއިޒު ވިދާޅުވި އެވެ.

އެ މައްސަލައިގައި ރިހެބު ހިންގާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި އެހެން ވެސް ފަރާތްތަކާ އެކު ވާހަކަ ދެއްކިއްޖެ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް މިކަމަކީ. ނަމަވެސް އެއްވެސް ހައްލެއް ނުލިބި މިހާރު އެތައް ޒަމާނެއް. ފުލުހުންނަށް ރިޕޯޓް ކުރިއަސް އެބޭފުޅުންނަށް ވެސް އެޅޭ ދިޔަވަޅެއް ނެތް،" ފާއިޒު ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެންޑީއޭގެ އެކްޓިން ސީއީއޯ އަލީ ޝަރީފް މިއަދު ވިދާޅުވީ، ރިހެބުގައި ތިބޭ ކުދިން އެތަނުން ނިކުމެގެން ރަށު ތެރޭ އުޅޭ މައްސަލަ ހައްލު ކުރަން ވަސީލަތްތައް ހުރިވަރަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެފަދަ ކަންކަން މުޅިން ނުހިނގާ ގޮތް ހެދުމަކީ ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކަށް ވަނީ، އެތަނުން ފަރުވާ ހޯދާ ދުވަސްވަރު އެ ފަރާތްތަކުގެ އުޅުމަށް އަންނަ ބަދަލުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ދެއްތޯ ހޮސްޕިޓަލްތަކުގައި ވެސް މި ފަރުވާ ނުދެވެނީ. އަޅުގަނޑުމެން ހަމަ ގާޑުންނާ މީހުން ބައިތިއްބައިގެން ބަލަން އެ މީހުން އެތަނުން ނިކުމޭތޯ. ނިކުންނަން އުޅޭ ނަމަ އެކަމަށް ހުރަސްވެސް އަޅާ. އަދި ފުލުހުންނަށް ވެސް ރިޕޯޓް ކުރަން. އެހެން ނަމަވެސް، އެކަންކަން މުޅިން ހުއްޓުވައެއް ނުލެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް