ޔޫވީ ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ރިވައިވަލްއަށް ރަނގަޅު ފެށުމެއް

ބީއޭއެމް މިކްސްޑް ޓީމް ޓޯނަމަންޓުގެ ތެރެއިން ... ފޮޓޯ/ ސަން

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޓޯނަމަންޓުގައި ރޭ ޔުނައިޓަޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެންޕިއަން ރިވައިވަލް ސްޕޯޓްސް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ގްރޫޕް ބީގެ ދެވަނަ މެޗު ރިވައިވަލް ސްޕޯޓްސްއިން ކާމިޔާބު ކޮށްފައި ވަނީ މެޗުގައި ކުޅުނު ހަތް ގޭމުގެ ތެރެއިން ފަސް ގޭމް ކާމިޔާބު ކޮށްގެނެވެ. އެ މެޗުގައި ޔޫވީއަށް ކާމިޔާބު ކުރެވިފައި ވަނީ ހަމައެކަނި ދެ ގޭމެވެ.

ރޭގެ މެޗުގައި ކުޅުނު ފުރަތަމަ މެންސް ޑަބަލްސް ގޭމު ރިވައިވަލް އިން ކާމިޔާބު ކުރީ ދެ ސެޓު، އެއް ސެޓުންނެވެ. އަދި ފުރަތަމަ ވިމަންސް ޑަބަލްސް ސީދާ ދެ ސެޓުން ރިވައިވަލް ކާމިޔާބު ކުރި އިރު، މެޗުގައި ކުޅުނު ފުރަތަމަ މިކްސްޑް ޑަބަލްސް ވެސް ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ރިވައިވަލް އެވެ.

މެޗުގައި ޔޫވީން ކާމިޔާބު ކުރީ ދެވަނައަށް ކުޅުނު މެންސް ޑަބަލްސް ގޭމެވެ. އެ ގޭމު ޔޫވީން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. އަދި ދެ ވަނަ އަންހެން ޑަބަލްސް ދެ ސެޓު އެއް ސެޓުން ރިވައިވަލް ކާމިޔާބު ކުރި ނަމަވެސް، ދެ ވަނަ މިކްސްޑް ޑަބަލްސް އެ ކްލަބުން ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ.

ޔޫވީއަށް މެޗުގައި ކާމިޔާބު ކުރެވުނު ދެވަނަ ގޭމަކީ ތިންވަނަ މެންސް ޑަބަލްސް ގޭމެވެ. އެ ގޭމް ޔޫވީން ސީދާ ދެ ސެޓުން ކާމިޔާބު ކުރި ނަމަވެސް، މުޅި މެޗަށް ބަލާ އިރު ރިވައިވަލް ސްޕޯޓްސްގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުމަށް ޔޫވީ ވަނީ ނުކުޅެދިފަ އެވެ.

ބީއޭއެމް އިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޓޯނަމަންޓުގައި މިހާތަނަށް ގްރޫޕް އޭގެ ދެ މެޗާއި ގްރޫޕް ބީގެ ދެ މެޗު ކުޅެވިފައި ވާއިރު، ގްރޫޕް އޭގެ ފުރަތަމަ މެޗުތަކުން އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ އާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑެމީން ވަނީ ރަނގަޅު ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އޭގެ އިތުރުން އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ކްލަބް ސްކޯ ސްޕޯޓްސް ވެސް ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ.

comment ކޮމެންޓް