ސައިންސްވެރިންގެ ބޮޑު ހަނގުރާމަ، ކާމިޔާބު ވެކްސިނެއް!

މީގެ ކުރިން ދުނިޔޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭ ތައްޔާރުކޮށް، ބޭނުން ކުރަން ފެށި ވެކްސިނަކީ 1960ގެ އަހަރުތަކުގައި އުފެއްދި މަމްޕްސް ވެކްސިނެވެ. އެ ވެކްސިން ޓެސްޓު ކުރުމަށްޓަކައި މަމްޕްސް ޖައްސާ ވައިރަހުގެ ސާމްޕަލްތައް ނެގުމުން ފެށިގެން މީހުންގެ ގަޔަށް އެ ވެކްސިން ޖަހަން ހުއްދަ ލިބުމާ ދޭތެރޭ ހަތަރު އަހަރު ހޭދަވި އެވެ. ނަމަވެސް މި އަހަރު މުޅި ދުނިޔެއަށް ލޮޅުން ގެނައި އާ ކޮރޯނާވައިރަހާ އެކު ސައިންސުވެރިން ވަނީ ވެކްސިން އުފެއްދުމުގެ ރެކޯޑެއް ވެސް މުގުރާލާފަ އެވެ.

މީގެ ކުރިން އެތައް އަހަރެއްގެ މަސައްކަތުން ތައްޔާރު ކުރާ ވެކްސިން މިފަހަރު މަދު މަސްތަކެއްގެ ތެރޭ އުފައްދައި ސައިންސްވެރިން ބޮޑު ކާމިޔާބީއެއް ހޯދި އެވެ.

ވެކްސިންގެ ދަތުރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކެމްބްރިޖް ޔުނިވާސިޓީގެ ޓްރާންސްލޭޝަނަލް ބަޔޯމެޑިކަލް ރިސާޗްގެ ޑިރެކްޓަރު ޑރ. މާކް ޓޮޝްނާ ވިދާޅުވީ ވެކްސިންއެއް ތައްޔާރު ކުރަން ކޮންމެހެން 10 ވަރަކަށް އަހަރުގެ މުއްދަތެއް ނަގަން ނުޖެހޭ ކަމަށެވެ.

ޓޮޝްނާ ވިދާޅުވި ގޮތުގައި ވެކްސިންއަށް ހުއްދަ ހޯދުމުގެ މަސައްކަތް އާއްމު ގޮތެއްގައި ދިގު ލައިގެން ދަނީ އޭގެ ދިރާސާއަށް ފައިސާ ހޯދުމަށް ތަކުރާރުކޮށް ކުރާ މަސައްކަތްތަކަށާއި ޓެސްޓުތަކަށް ހުއްދަ ހޯދުމަށާއި ވެކްސިންގެ ޑޯޒްތައް އުފައްދާނެ ކުންފުނިތަކާ އެކު މަޝްވަރާ ކުރުމަށާއި ޓެސްޓުތަކުގައި ބައިވެރިވާ މީހުން ހޯދުމަށެވެ. އަދި އޭގެ ތެރެއިން ކޮންމެ ކަމަކަށް ބައެއް ފަހަރު އަހަރުތަކެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަރުހަލާތައް ދިގު ވަނީ އެގޮތަށް ވާން ޖެހޭތީ ނުވަތަ އެއީ ރައްކާތެރި ގޮތަށް ވާތީ އެއް ނޫން، ނަމަވެސް އަސްލު ދުނިޔޭގައި [ކަންތައް ހިނގާ ގޮތުން]،" އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް-19 ވެކްސިން ޓެސްޓުތަކެއް ކުރިއަށްގެންދިޔުމުގައި ބައިވެރިވެވަޑައިގެންނެވި ޓޮޝްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން ބާރު ސްޕީޑުގައި ތައްޔާރު ކުރި ނަމަވެސް ވެކްސިން އުފެއްދީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި ކޮވިޑްގެ ވެކްސިން އެހާ އަވަހަށް ކާމިޔާބުކޮށް އާންމުންނާ ހަމައަށް ގެނެސްދެވުނީ ސައިންސުވެރިން ހޭބޯނާރާ ކުރި މަސައްކަތާއި ވެކްސިންގެ ޓެސްޓުތަކުގައި ބައިވެރިވާން ގިނަ އަދަދެއްގެ މީހުން އަމިއްލައަށް އިސް ނެގުމާއި ވެކްސިން އުފެއްދުމަށް ފައިސާ ލިބުނު މިންވަރު ބޮޑުކަމުންނެވެ.

ފައިޒާ އާއި ބަޔޯއެންޓެކްގެ ވެކްސިން ހިމެނޭ ފުޅިއެއް -- ފޮޓޯ: އޭއެފްޕީ

ސައިންސުވެރިންގެ މަސައްކަތާއި ކުރީގެ ދިރާސާތައް

ކޮވިޑް-19 ޖައްސާ ސާސް-ސީއޯވީ-2 ވައިރަހާ ދެކޮޅަށް ވެކްސިންތައް އުފައްދާފައި ވަނީ އެހެން ކޮރޯނާވައިރަސްތަކާ ބެހޭ ގޮތުން ސައިންސުވެރިން މީގެ ކުރިން ހަދާފައިވާ ދިރާސާތަކުގެ އެހީގަ އެވެ. އޭގެ ތެރޭގައި ސާސް ކޮރޯނާވައިރަހާއި މާސް ކޮރޯނާވައިރަހާ ބެހޭ ދިރާސާތައް ހިމެނެ އެވެ. އަދި އެ އާއިލާގެ ވައިރަސްތަކާ ދެކޮޅަށް ވެކްސިން އުފައްދާއިރު އިސްކަން ދޭންވީ ވައިރަހުގައި ހުންނަ "ސްޕައިކް ޕްރޮޓީން"އަށް ކަން ސައިންސުވެރިން ވަރަށް ކުރީބައިގައި ދެނަގަތެވެ.

ސްޕައިކް ޕްރޮޓީންއަކީ ކޮރޯނާވައިރަހުން ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަނުމަށް ބޭނުން ކުރާ "ތަޅުދަނޑި" އެވެ. އަދި އެ ސްޕައިކް ޕްރޮޓީންއަށް ހަމަލާ ދެވޭ ވެކްސިންއެއް އުފެއްދިއްޖެ ނަމަ ވެކްސިން ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ދިރާސާތަކުން ފާހަގަވި އެވެ.

އެހެންކަމުން ކޮވިޑުން ރައްކާތެރިކޮށްދިނުމުގައި އެންމެ ކާމިޔާބު ވެކްސިންތައް ކަމަށް ޓެސްޓުތަކުން މިހާތަނަށް ދައްކާފައިވާ ދެ ވެކްސިން ކަމަށްވާ ފައިޒާ އާއި މޮޑާނާގެ ވެކްސިންގައި ބޭނުން ކުރީ، އެ ސްޕައިކް ޕްރޮޓީން އުފައްދަން ކޮރޯނާވައިރަހުގައި ހުންނަ "ޖެނެޓިކް ކޯޑު" ނުވަތަ އެމްއާރުއެންއޭ އެވެ. އަދި ވެކްސިން މެދުވެރިކޮށް އެމްއާރުއެންއޭ ހަށިގަނޑުގެ ސެލްތަކަށް ފޮނުވުމުން، ސެލްތަކުން އެ ސްޕައިކް ޕްރޮޓީން އުފައްދަ އެވެ.

އެއަށްފަހު އެ ސްޕައިކް ޕްރޮޓީންއަކީ ހަށިގަނޑުގައި ހުންނަން ޖެހޭ އެއްޗެއް ނޫންކަން ދިފާއީ ނިޒާމަށް ފާހަގަ ކުރެވުމުން، އެ ޕްރޮޓީން ނައްތާލުމުގެ މަސައްކަތް ފަށަ އެވެ. އަދި އެ ޕްރޮޓީން އުފެއްދި ސެލްއިން ވެކްސިންގައި ހުރި އެމްއާރުއެންއޭ ވެސް ނައްތާލަ އެވެ. އެހެންކަމުން ވެކްސިންގެ ހުރިހާ ބަޔެއް އެހާ ހިސާބުން ނެތިގެން ދާނެ އެވެ. ނަމަވެސް ދިފާއީ ސެލްތަކުގެ ތެރޭގައި ހިމެނޭ "މެމޮރީ ސެލްތައް" އެ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތް ދަސްކުރެ އެވެ. ދެން ކޮރޯނާވައިރަސް ހަށިގަނޑުގެ ތެރެއަށް ވަދެއްޖެ ނަމަ އޭގައި ހުންނަ ސްޕައިކް ޕްރޮޓީން އާއި އެ ޕްރޮޓީން ނައްތާލާނެ ގޮތް އެ ސެލްތަކަށް އެނގޭނެ އެވެ. އެހެންކަމުން ވައިރަސް ހަށިގަނޑުގެ ތެރެއަށް ފެތުރުމަށް ފުރުސަތު ނުދީ އިންސާނާގެ ދިފާއި ނިޒާމު އޭގެ އަމިއްލަ ޒާތުގައި ވައިރަސް ބަލިކޮށްލަ އެވެ.

"ކޮރޯނާވައިރަހަށް މީގެ ކުރިން ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވާތީ [ކޮވިޑް ވެކްސިން] އުފެއްދުމުގެ މަސައްކަތް އަވަސްވުމަށް މަގުފަހިވި،" ޔޫއެސް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސެސް (އެންއައިއޭއައިޑީ)ގެ ވެކްސިން ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ބާނީ، ގްރަހަމް ވިދާޅުވި އެވެ.

އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ވެކްސިން ތައްޔާރު ކުރަނީ -- ފޮޓޯ: ގާޑިއަން

ފައިޒާ އާއި މޮޑާނާގެ ވެކްސިންގެ އިތުރުން އޮކްސްފޯޑުގެ ވެކްސިންއިންވެސް އަމާޒު ކުރަނީ ސްޕައިކް ޕްރޮޓީންއަށެވެ. އެ ވެކްސިންއިން ސްޕައިކް ޕްރޮޓީން އުފައްދާ ގޮތުގެ އިރުޝާދުތައް ހަށިގަނޑަށް ފޮނުވައި ދެނީ ބަލި ނުޖައްސާ ގޮތަށް ޖެނެޓިކް ބަދަލުތައް ގެނެސްފައިވާ ވައިރަހެއް މެދުވެރިކޮށެވެ. އަދި ވެކްސިން ވާސިލުވާ ސެލްތަކުން އެ މައުލޫމާތުގެ އެހީގައި ޕްރޮޓީން ސްޕައިކްސް އުފެއްދުމުން ދިފާއީ ނިޒާމު ހޭލާ، ބައްޔެއް ޖެހިފައިވާ ކަމަށް ބެލެވޭ ސެލްތަކާއި ސްޕައިކް ޕްރޮޓީންތައް ނައްތާލުމަށާއި އެ މައުލޫމާތު މެމޮރީ ސެލްތަކުގައި ރައްކާ ކުރުމަށް ހަރަކާތްތެރިވެ އެވެ.

ވެކްސިންގެ ޓެސްޓުތައް

އާ ބައްޔަކަށް ވެކްސިން އުފައްދާ އިރު އެ ވެކްސިން ފުރަތަމަ ޖަނަވާރުންނަށްދީ، އޭގެއިން ނޭދެވޭ އަސަރެއް ކުރޭތޯ އާއި ދިފާއީ ބާރަށް ބަދަލެއް އާދޭތޯ ބަލަ އެވެ. އަދި އޭގެ ފަހުން އިންސާނުންނަށް ދީގެން "ކްލިނިކަލް ޓްރައަލްސް" ކުރިއަށްގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ:

އެއް ވަނަ ފިޔަވަހި: ވެކްސިން ރައްކާތެރިތޯ ބެލުމަށް މަދު ބަޔަކަށް ދީގެން ޓެސްޓު ކުރުން

ދެވަނަ ފިޔަވަހި: ކުރިއަށް ވުރެ ގިނަ މީހުންނަށް ވެކްސިންދީ، ރައްކާތެރިކަމާއި މަސައްކަތް ކުރާ މިންވަރު ބެލުން

ތިން ވަނަ ފިޔަވަހި: ވެކްސިން އެތައް ހާސް މީހުންނަށް ދީ، ބަލިން ރައްކާތެރިކޮށްދޭތޯ ބެލުން

ވެކްސިން ޓެސްޓު ކުރާ އިރު އާންމު ގޮތެއްގައި އެކި ފިޔަވަހިތައް ކުރިއަށް ގެންދަނީ ތަރުތީބުން ނަމަވެސް، މިއަހަރު ސައިންސުވެރިން ވަނީ ބައެއް ފަހަރު ދެ ފިޔަވަހި އެއްކޮށް ކުރިއަށް ގެންގޮސްފަ އެވެ. އަދި ބަލި ހަލުވި ކަމާއެކު ފެތުރެމުން ދިޔުމުން ވެކްސިންގެ ޓެސްޓުތަކުގައި ބައިވެރިވާން ބޭނުންވި މީހުންގެ އަދަދު އިތުރުވި އެވެ.

ވެކްސިން ރޭހުގެ ކުރީގައި ތިބި ފައިޒާ-ބަޔޯއެންޓެކް އާއި މޮޑާނާ އާއި އޮކްސްފޯޑުގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގައި އެކި ގައުމުތަކުން 30،000އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެ އެވެ. އެ ފިޔަވަހީގައި ވެކްސިން ދޭ ގުރޫޕަކާއި ވެކްސިން ނުދޭ "ކޮންޓްރޯލް ގުރޫޕެއް" ހިމެނުމަށް ފަހު، ވެކްސިން ދިން ގުރޫޕާއި ނުދޭ ގުރޫޕުގެ ނަތީޖާ އަޅާ ކިޔެ އެވެ. އަދި ޓެސްޓުތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު ބަލާ، ބަލި މަދުން ޖެހުނީ ވެކްސިން ދިން ގުރޫޕުގެ މީހުންނަށް ކަމަށްވާ ނަމަ ވެކްސިން މަސައްކަތް ކުރާކަން ކަށަވަރުވި އެވެ.

އޭގެ ތެރެއިން ފައިޒާގެ ވެކްސިންގެ ޓެސްޓުތަކުން 95 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރިކޮށްދޭ ކަމަށް އެ ކުންފުނިން ބުނާ އިރު މޮޑާނާގެ ވެކްސިންގެ ރައްކާތެރިކަން 94.5 ޕަސެންޓަށް އަރަ އެވެ. އަދި އޮކްސްފޯޑުގެ ވެކްސިންގެ އެވްރެޖު ކާމިޔާބީ 70.4 ޕަސެންޓަށް އަރާ ކަމަށް އެ ޔުނިވާސިޓީން ހާމަ ކުރި އެވެ. ނަމަވެސް އޮކްސްފޯޑުގެ ޓެސްޓުތަކުގައި ތަފާތު ދެ ގޮތަކަށް ޑޯޒްތައް ދެވިފައި ވުމުން އެ ޔުނިވާސިޓީން ދަނީ އޭގެ ތެރެއިން ބޮޑަށް ކާމިޔާބު ޑޯޒްތައް އިތުރަށް ޓެސްޓު ކުރަމުންނެވެ.

ފައިޒާގެ ވެކްސިން 95 ޕަސެންޓު ކާމިޔާބު ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: ގެޓީ

ވެކްސިން އުފައްދަން ބޭނުންވާ ފައިސާ

ވެކްސިން އުފެއްދުމަކީ އެކަން ކުރިއަށްދާ ވަރަކަށް ހަރަދުތައް އިތުރުވާ މަސައްކަތެކެވެ. އަދި އެ ފައިސާ ހޯދުމަށް ބައެއް ފަހަރު ދިގު މުއްދަތެއް ނެގުމަކީ އެހެން ބައެއް ވެކްސިންތައް އުފެއްދުން ލަސްވާ މައިގަނޑު އެއް ސަބަބެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ހިސާބުތަކަށް ފޯރާ، މުއްސަނދި ގައުމުތަކަށްވެސް އިގުތިސާދީ ގެއްލުންތައް ލިބުމުން ވެކްސިންގެ ދިރާސާތަކަށް ފައިސާ ހާއްސަ ކުރާ މިންވަރު އިތުރުވި އެވެ. އޭގެ ތެރޭގައި ގައުމުތަކުގެ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ހަދިޔާ ކުރަމުން ދިޔަ ފައިސާވެސް ހިމެނެ އެވެ.

އެހެންކަމުން ވެކްސިން ތައްޔާރު ކުރާ ފަރާތްތަކަށް ވެކްސިން ޓެސްޓުގެ ބައެއް ފިޔަވަހިތައް އެއްކޮށް ކުރިއަށް ގެންގޮސް، ރަސްމީ ނަތީޖާއެއް ލިބުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ވެކްސިންގެ ޑޯޒްތައް އުފައްދަން ފެށުމުގެ "ރިސްކު" ނަގަން މަގުފަހިވި އެވެ.

އޭގެ ފަހުން މިހާރު ބައެއް ގައުމުތަކުގައި ވެކްސިން ޖަހަން ހުއްދަ ލިބިފައިވާ ފައިޒާއިން އަންނަ އަހަރު 1.3 ބިލިއަން ޑޯޒް ތައްޔާރު ކުރާނެ ކަމަށް ބުނެފައިވާ އިރު މޮޑާނާ އާއި އޮކްސްފޯޑުންވެސް ވަނީ އެއް ބިލިއަން ޑޯޒް އުފެއްދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ދުނިޔޭގެ އާބާދީގެ 14 ޕަސެންޓު ހިމެނޭ އެންމެ މުއްސަނދި ގައުމުތަކުން ވަނީ މިހާތަނަށް އެންމެ ކާމިޔާބު ވެކްސިންތަކުގެ 53 ޕަސެންޓު ސްޓޮކް ގަނެފަ އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރަމުން ޕީޕަލްސް ވެކްސިން އެލަޔަންސްއިން ބުނި ގޮތުގައި މުއްސަނދި ގައުމުތަކުން ވެކްސިންގެ ގިނަ ޑޯޒްތައް ގަތުމުން، ފަގީރު 67 ގައުމެއްގައި ވެކްސިން ދޭން ޖެހޭނީ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށެވެ. ނަމަވެސް އެ ގައުމުތަކަށްވެސް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އިތުރު ފަރާތްތައް ގުޅިގެން ވަނީ ކޯވެކްސްގެ ނަމުގައި ގުރޫޕެއް އުފައްދާފަ އެވެ.

ކޯވެކްސްއިން އުއްމީދު ކުރަނީ އެ ގުރޫޕްގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، އަންނަ އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.

މިހާތަނަށް 190 ގައުމަކުން ބައިވެރިވެފައިވާ ކޯވެކްސް ފެސިލިޓީއަށް ގާތްގަނޑަކަށް ދެ ބިލިއަން ޑޯޒް ލިބޭ ވަރަށް މިހާރު އެއްބަސްވުންތައް ހަދާފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ހާމަކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ވެކްސިންތައް ގައުމުތަކަށް ފޮނުވަން ފަށަން ރާވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މޮޑާނާގެ ވެކްސިން ތައްޔާރު ކުރުމުގައި ބައިވެރިވި އެންއައިއޭއައިޑީގައި އިސް މަގާމެއްގައި ހުންނަވާ ގްރަހަމް ވިދާޅުވި ގޮތުގައި އިންސާނުންނަށް ބަލި ޖައްސާ އެހެން ވައިރަސްތައް ދިރާސާކޮށް، އެކަމަށް އިންވެސްޓު ކުރުމުގެ މުހިއްމުކަން މި ބަލިމަޑުކަމުން އެނގިއްޖެ އެވެ. އަދި ކޮވިޑް-19 ވެކްސިން އުފެއްދުމުގެ ތަޖުރިބާއިން ވެކްސިން އުފެއްދުމުގެ މަސައްކަތަށް ދާއިމީ، އުއްމީދީ ބަދަލުތަކެއް ގެނެސްދޭނެ އެވެ.

"ކޮވިޑް-19 ވެކްސިންގެ އާދަޔާ ހިލާފު ކާމިޔާބީއަކީ ސައިންސުގެ ޒަރިއްޔާއިން ވަރަށް އަވަހަށް ކުރެވިދާނެ ކަންކަމުގެ ރަނގަޅު މިސާލެއް. ނަމަވެސް އެއީ އެންމެ ރެއަކުން ލިބުނު ނަތީޖާއެއް ނޫން،" ގްރަހަމް ވިދާޅުވި އެވެ.

ކޮވިޑް ވެކްސިން އުފައްދަން ސައިންސްވެެރިން ހޭބޯނާރާ ކުރި މަސައްކަތުން ދުނިޔޭގެ އާންމު އާދަތަކުގެ ގޮންޖަހައި ކާމިޔާބު ވެކްސިނެއް މި ވަނީ އުފައްދައިފަ އެވެ. ވިހިވިހި ނިމި އެކާވީހަށް މި ދަތުރުފަށަނީ ސައިންސްވެރިންގެ އެ ބޮޑު ހަނގުރާމައިން ބުނެދޭ އެތައް ފިލާވަޅުތަކެއް ހިފައިގެންނެވެ.

comment ކޮމެންޓް