ޖޭއެސްސީން ގާސިމް ވަކި ކުރާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރައްވާ ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ މަގާމުން ވަކި ކުރައްވާނެކަމުގެ އިންޒާރު އެމްޑީޕީން ދީފި އެވެ.

ވެރިކަންކުރާ އެމްޑީޕީން ބާއްވަމުން ގެންދާ "ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާ ޖަލްސާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫފްގެ މެންބަރުން ރޭ ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ޖޭއެސްސީގައި ހުންނަވައިގެން އެ ކޮމިޝަނުގައި މަޖިލީސް ތަމްސީލް ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

"ކިހިނެތްތޯ ޝަރުއީ ނިޒާމް ރަނގަޅު ކުރެވޭނީ. ގާސިމް އިބްރާހިމް ޖޭއެސްސީގައި އިންނަވާފައި ދެން އެ ވަޑައިގަންނަވަނީ އިދިކޮޅު ފަރާތްތަކާއެކު މުޒާހަރާއަށް. އެ ބޭފުޅާގެ މަސްއޫލިއްޔަތު އިހްލާސްތެރިކަމާއެކު އަދާކުރެއްވޭނެ ކަމަށް ގަބޫލު ނުކުރަން،" މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މާފަންނު ހުޅަނގުދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުގެ ގާސިމް އިބްރާހިމް ޖޭއެސްސީގައި އަދާކުރައްވަން ޖެހޭ ފުރިހަމަ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އަދި ޖޭއެސްސީގައި އިންނެވުމަށްފަހު އިދިކޮޅު ފަރާތްތަކާއެކު ގާސިމް އިބްރާހިމް މުޒާހަރާ ކުރައްވަމުން ގެންދިއުމަކީ "ގަބޫލު ކުރެވޭނެ ކަމެއް ނޫން" ކަމަށާއި މިހާރުން ފެށިގެންވެސް ގާސިމް އިބްރާހިމް މަގާމުން ވަކި ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީސް ތަމްސީލް ކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސާއި ގާސިމް، މަސްއޫލިއްޔަތު އަދާކުރެއްވުމަށް އިލްތިމާސްކޮސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ އިއްޔެ ނޫސް ބަޔާނެއް ވެސް ނެރެފަ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރައްވާ ދެބޭފުޅުންކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުގެ ފުރިހަމަ ޒިންމާއާއި މަސްއޫލިއްޔަތު އެ ކޮމިޝަނުގައި އަދާކޮށް މި ނާޒުކު ހާލަތުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށް އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯއްދެއްވުމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން އިލްތިމާސް ކުރަމެވެ."

ގާސިމް އިބުރާހިމް މިއަދު ވިދާޅުވީ އެމްޑީޕީގެ މެންބަރު އެގޮތަށް ވާހަކަފުޅު ދައްކަވާ އަނިޔާވެރިވުމަކީ އާކަމެއް ނޫން ކަމަށާއި އެކަންކަން އެންމެންގެ ލޯމައްޗަށް ދިމާއަށް ފެންނާން އެބަހުރި ކަމަށެވެ.

"އެއީއަކީ އާ ކަމެއް ނޫން. އަޅުގަނޑު ތިކަމުގައި ބުނާނީ ކީކޭ؟ އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑު މަސައްކަތް ކުރަނީ އިހުލާސްތެރިކަމާއެކު އިންސާފަށޭ. އެގޮތަށް މަސައްކަތް ކުރާތީއޭ އެގޮތަށް ވިދާޅުވަމުން ދަނީ. ދެން އެބޭފުޅުންނަށް އެކަން ކުރެވެން އޮތިއްޔާ ހަމަ ކުރަންވީ އެއަކު އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު