ވައްކަމުގެ އަޑު ވަރަށް ގަދަވި!

ވައްކަމާއި ހިޔާނާތުގެ މައްސަލަތަކަކީ ކޮންމެ އަހަރަކަށްވިޔަސް، ކޮންމެ ސަރުކާރެއްގައިވިޔަސް އަބަދުވެސް އިވޭ އަޑެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުނު އަހަރު، މި ވިހިވިހި މިދިޔައީ ދުނިޔެ ނުދެކޭފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ނަމަވެސް، ނުރައްކަލުގެ ރަނގަބީލުގެ އަޑާ އެއްވަރަށް ވައްކަމާއި، ހިޔާނާތުގެ އަޑު ވެސް މިއަހަރު ގަދަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކުރި ގޮތުގައި ކޮވިޑުގެ ތެރޭގައި ސަރުކާރުގެ ޖުމްލަ 34 ކޮރަޕްޝަންގެ މައްސަލައެއް ވަނީ އެ އިދާރާއަށް ރިޕޯޓުކޮށްފަ އެވެ.

ކޮވިޑުގައި ހާލު ބޮޑުވާ މީހުންގެ ފުރާނަ ސަލާމަތް ކުރަން ހޯދަން އުޅުނު ވެންޓިލޭޓަރުތަކާއި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ގަތުމުގެ ތެރެއިން ވެސް ޖަރީމާތަކެއް ހިންގީ އެވެ.

އިގްތިސާދު ހަފުސް ވަމުންދިޔަ މި އަހަރުގައި މި މައްސަލަތަކުގެ ސަބަބުން އިގްތިސާދުގެ ރިހޭ ފައިގެ މައްޗަށް ފޮއި ވެއްޓުނެވެ. އާ އަހަރެއްގެ ތެރެއަށް ވަދެގެން ދާއިރު ބަލިމަޑުކަމުގެ ތެރެއިން ފެންމަތިވި ވައްކަމާއި ހިޔާނާތުގެ ކަންތައްގަނޑަށް ބަލައިލަމާ ހިނގާށެވެ.

ވެންޓިލޭޓަރުން ހިޔާނާތާއި މަކަރުހެދުން

ބަލިމަޑުކަމުގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ ހޮސްޕިޓަލް އެނދުތައް ފުރެމުން ދިޔައިރު ހެލްތުން ބެލީ ތެޅިފޮޅިގަނެގެން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރާށެވެ. މި ކަންތައްގަނޑެއް ހިންގީ ކޮވިޑުގެ ހާލަތުގައި ރާއްޖެއަށް އެހީތެރިކަމުގެ އެންމެ ބޮޑު އަތެއް ދިއްކޮށްލި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ ނިވާފަތްގަނޑަކަށް ހަދައިގެންނެވެ.

އޮޑިޓެއް ހަދައި ނިމުނު އިރު ހާމަވީ ކަމަކީ ދުބާއީ ކުންފުނިން އެންމެ ވެންޓިލޭޓަރެއް ގެނެސް ނުދެނީސް ވެސް އެތަކެތީގެ އަގުގެ ބޮޑުބައެއް ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދައްކާ ހަލާސްކުރި ކަމެވެ. އަދި އެކަން ކުރީ ގެރެންޓީގެ ގޮތުގައި ބްލޭންކް ޗެކެއްހާ ހިސާބުވެސް ހޯދުމެއް ނެތި އެވެ. އެ ކުންފުންޏަށް 30.91 މިލިއަން ރުފިޔާ އެޑްވާންސުގެ ގޮތުގައި ދިނެވެ.

މިކަމުގައި ގޯސްތަކެއް އުޅޭކަން ފެންމަތިވިއިރު އެ ކުންފުންޏަށް އެއްބަސްވި ތާރީހަށް ވެންޓިލޭޓަރުތައް ސަޕްލައިނުކޮށް ދެވުނެވެ. އަދި އޭގެ އެތައް ދުވަސްފަހުން އެ ކުންފުނިން ފުރަތަމަ ފޮނުވި ވެންޓިލޭޓަރު ތަކަކީވެސް އެއްބަސްވި ބްރޭންޑުގެ ވެންޓިލޭޓަރުތަކަކަށް ނުވުމުން ޖެހުނީ އަނބުރާ ފޮނުވާލާށެވެ. އެތަކެތި ވީ ދަށްފެންވަރުގެ ވެންޓިލޭޓަރުތަކަކަށެވެ. އެންމެ ފަހުން ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގަތީ ރާއްޖޭގެ އޭޑީކޭ ޓްރޭޑިން މެދުވެރިކޮށް ސަޕްލަޔަރެއްގެ އަތުންނެވެ. އެ ކަމަކު އެ ވެންޓިލޭޓަރުތަކުގައިވެސް ބައެއް ތަކެތި މަދުވެ ހަވާލުވުން ލަސްވި އެވެ.

އަދިވެސް ނުލިބި 60 ވެންޓިލޭޓަރު އެބަހުއްޓެވެ. ދުބާއީ ކުންފުނީގެ މައްސަލައިގެ އިތުރުން ހެލްތުން ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ދެން ތިބި ކުންފުނިތަކުގެ އެއްބަސްވުންތަކުންވެސް މައްސަލަތަކެއް ފާހަގަވި އެވެ. އޭޑީކޭ އަދި އެސްޓީއޯއިން ވެންޓިލޭޓަރުތައް ގެނައުމަށް ހުށަހެޅި ހުށަހެޅުންތަކަށް ހެލްތުން ދިނީ ބީރު ކަންފަތެކެވެ. އެ މަސައްކަތަށް ބިޑު ކުރުމުގައިވެސް އެއްވެސް ހަމައެއް އިންސާފެއް ނެތެވެ. މި ހުރިހާ ކަމެއްވެސް ހާމަވީ އޮޑިޓާ ޖެނެރަލް އޮފީހުން ހެލްތުގެ ހަރަދުތަކަށް ހިންގި އޮޑިޓްއަކުންނެވެ.

ދުބާއި ކުންފުނީގެ މައްސަލައިގައި ހެލްތުގެ އެކި މަގާމުތަކުގެ ފަރާތްތައް ސަސްޕެންޑްކުރިއިރު އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުތަކާއިއެކު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންނަމަވެސް އެ މައްސަލަ އަދިވެސް އޮތީ ކުރިއަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ ދައުވާކުރަން ކުރި ފުރަތަމަ މަސައްކަތް ނާކާމިޔާބުނުވުމުން އަނެއްކާވެސް ދެވަނަ ފަހަރަށް އެ މައްސަލަ ރިވިއު ކުރަމުންނެވެ.

ކާބޯތަކެއްޗާއި އެކޮމޮޑޭޝަން ހަމަޖެއްސުމުގައި ގޯސްތަކެއް

ކޮވިޑް-19 ގެ ހާލަތުގައި އެންމެ ބޮޑު ހަރަދެއް ކުރި އެއް މުއައްސަސާ އަކީ ނެޝަނަލް ޑިޒާޒްޓާ މެނޭޖްމެންޓް އޮތޯރިޓި (އެންޑީއެމްއޭ) އެވެ. ގިނަ އަދަދެއްގެ ހަރަދުތަކެއް އެންޑީއެމްއޭއިން ކުރިއިރު، އެ ހަރަދުތަކުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާ އެތައް އެތައް ކަންތައްތަކެއް ހުރިކަން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓަކުން ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ގެސްޓްހައުސްތަކުގައި ބޭތިއްބުމަށާއި، އައިސޮލޭޓު ކުރަން ޖެހޭ މީހުން ދައުލަތުގެ ހަރަދުގައި ރިސޯޓުތަކުގައި ބޭތިއްބުމަށް މާލިއްޔަތު ގަވައިދާ ހިލާފު ކަންތައްތައް ހިންގާފައިވާއިރު، އެކަންކަމާ ހުރެ މާލިއްޔާއިން އެތައް ފައިސާއެއް ބޭކާރުވި އެވެ. އެކަން ހަމަޖެއްސުމުގައި ހަމައެއްލަމައެއް ނެތްއިރު ތަންތަން ކުއްޔަށް ހިފުމުގައި ބަލަންޖެހޭ މިންވަރަށް ކަންކަން ބަލާފައިނުވާކަންވެސް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތައް އަދި ވަގުތީ ހިޔާތަކުގައި ކެއުމުގެ ކަންކަން ހަމަޖެއްސުމުގައިވެސް ހަރަދުކުރި ނުވަ މިލިއަނެއްހާ ރުފިޔާއާއިމެދުގައިވެސް ވަނީ ސުވާލު އުފެދިފަ އެވެ. އަދި ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ އަސާސީ ކާބޯތަކެތި ގަތީވެސް އަގު ބޮޑުކޮށްކަން ވެސް ފަޅާއެރި އެވެ.

ނަމަވެސް އެންޑީއެމްއޭއިން އެކަން ދަނެގަނެ އެމައްސަލައިގައި ގެއްލުނު ފައިސާ އަނބުރާ ހޯދި އެވެ. އެންޑީއެމްއޭއިން ވަނީ ރިޕޯޓަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ކަންކަން ސާފުކޮށްދޭން މަސައްކަތްކޮށްފަ އެވެ.

ސުވާލު އުފެދޭ ހަރަދުތަކެއް

ކޮވިޑް-19ގެ ހާލަތުގެ އެންމެ ހަރަކާތްތެރިކޮށް ފެނުނު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޭނާ ހިންގަވަމުންދިޔަ ޓޫރިޒަމް މިނިސްޓްރީގެ ހަރަދުތަކުން އެތައް އެތައް ނުކިއްސަރު ކަމެއް ހުރިކަން އޮޑިޓުން ފެންމަތިކުރި އެވެ.

ކަރަންޓީނު ފެސިލިޓީތައް ހެދުމާއި، ބޭސް ހޯދުން، ޑޮކްޓަރުން ގެނައުން، އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކުރުން ފަދަ އެތައް ކަމެއްގައި ކުރީގައި އުޅުނި އަލީ ވަހީދާއި ޓޫރިޒަމް މިނިސްޓްރީ އެވެ. އޮޑިޓްގައި ބުނީ އެ މިނިސްޓްރީއިން ކުރި 99 ޕަސެންޓް ހަރަދަކީ މިނިސްޓްރީއާ އެއްވެސް ގުޅުމެއް ނެތް ހަރަދު ކަމަށާއި އެ މިނިސްޓްރީއިން އެ ކަންކަމާ ޖާމިނުވެގެން އުޅުމުން ސުވާލު އުފެދޭ ކަމަށެވެ.

އެ އޮޑިޓުގައި ފާހަގަކުރި ގޮތުންނަމަ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކުރި ކަންތައްތަކަކީ އެ ކަންކަން ކުރުމަށް ދައުލަތުގެ އެހެން މުއައްސަސާތަކެއް ހުރި މަސައްކަތްތަަކެކެވެ. ބައެއް ހަރަދުތައް ކުރީ އެ ފަންޑު ހިންގާ ކޮމިޓީއިން ހުއްދަ ނުހޯދާ ހަރަދު ކުރާނެ ވަރެއްވެސް ކަނޑައެޅުމެއް ނެތި އެވެ. އަދި އެ ފަންޑުގެ މަގްސަދާ ނުގުޅޭ ހަރަދުތަކެއްކޮށްފައިވާއިރު އެކަމާ ގުޅޭ ޕްރޮކިއުމެންޓް މަސައްކަތްތައް ވެސް އޮތީ އޮޅުންބޮޅުންވާ ގޮތަށްކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ރީތި އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީގެ ގޮތުގައި މަޝްހޫރުކުރި ކ. ވިލިވަރަށް ކުރި ހަރަދުތަކާ މެދުވެސް އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ. ޖުމްލަ 6.5 މިލިއަން ރުފިޔާއަށް އެ ރަށަށް "ތަޅާލިއިރު" އެ ހަރަދުތައްވީ މާލިއްޔަތު ގަވައިދުގެ އިމުން ބޭރުން ކުރި ހަރަދުތަކަކަށެވެ.

މިނިސްޓަރު އަލީ ވަހީދު އޭރުވެސް މަގާމުގައި ހުންނެވިއިރު އެ މައްސަލަތައް ފެންމަތިވިތާ ދުވަސްކޮޅެއްފަހުން ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލަތަކެއްގެ ތަހުގީގު ވެސް ފެށި އެވެ. އޮޑިޓާއި ގުޅިގެން ކުރިޔަށްދިޔަ ތަހުގީގަށް އިތުރުވެގެންދިޔަ ބޮޅުތަކަކީ އަމިއްލަ ފަރާތަކުން އަލީ ވަހީދަށާއި މިނިސްޓްރީގެ ބައެއް ވެރިންނާއި ދެކޮޅަށް ކުރި ތުހުމަތުތަކެކެވެ. މި ތުހުމަތުތަކުގެ ތަފްސީލެއް އަދި ތަހުގީގު ކުރިޔަށް ދިޔަ ހިސާބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަނެއްކާވެސް ބިގުގެ މައްސަލައެއް

ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގުރޫޕުގެ މައްސަލައެއް އަނެއްކާވެސް ވަނީ މި އަހަރުގެ ތެރޭގައި ފެންމަތިވެފަ އެވެ. ބިގުގެ މައްސަލަ ފެންމަތިވީ، އެ ކުންފުނިން 2.15 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރަން މަސައްކަތްކުރުމާއެކު އެވެ. ފައިސާގެ އަސްލު ޔަގީން ނުކުރެވޭތީވެ އަދި އެދެވޭ މިންވަރަށް ބޭންކަށް ލިޔެކިޔުން ހުށަހަޅާފައިނުވާތީވެ، ބީއެމްއެލްއިން އެ ފައިސާ ޖަމާކޮށްދީފައެއް ނުވެ އެވެ. އެހެންނަމަވެސް ބިގް ކުންފުނިން ވަނީ އޭގެ ފަހުން އެ ފައިސާ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް ޖަމާކޮށްފަ އެވެ. މި މުއާމަލާތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވަނީ ސަސްޕިޝަސް ޓްރާންސެކްޝަންއެއްގެ ގޮތުގައި ރިޕޯޓުވެސް ކޮށްފަ އެވެ. ފައިސާގެ އަސްލު ޔަގީންކުރެވިފައިނުވާއިރު ބިގް ކުންފުންޏަށް ވަނީ މަނީ ލޯންޑަރިންގްގެ ތުހުމަތުތަކެއް ކުރެވި ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ.

މޭޔަރު ކޮރަޕްޝަން ހިންގި ކަމަކަށް ނުވި

މި އަހަރުގެ ތެރޭގައި ދެން ފެންމަތިވި އަނެއް މައްސަލައަކީ މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދާއި ގުޅޭ މައްސަލައެކެވެ. މި މައްސަލައަކީ، މާލެ ސިޓީ ކައުންސިލުން އަޑިޕާކު ނުވަތަ މިހާރުގެ ލޮނުޒިޔާރަތް ޕާކު ތަރައްގީކުރުމުގެ ތެރޭ އެތަނުގައި ދެ ފާހާނާބަރިއެއް ހަދަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ، ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށް ފެންނަ އުސޫލަކުން ނޫންކަމަށް ބުނެ ފެންމަތިވި މައްސަލައެކެވެ.

އޭސީސީއިން ބުނިގޮތުގައި އެ މައްސަލައިގައި މޭޔަރު ޝިފާއަށް ތުހުމަތުކުރެވެނީ ބިޑް ކޮމިޓީން ނުވަތަ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވަނީސް، އަމަލީގޮތުން އެ މަސައްކަތް ފަށަން ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މޭޔަރު ޝިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާއަށްކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު އޮވެ، ޝިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަންވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ވެެރިކަންކުރާ އެމްޑީޕީގެ އިސްވެރިން ޝިފާގެ ދިފާއުގައި ވާހަކަދެއްކިއިރު އެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވިފަ އެވެ. އެންމެ ފަހުން މި މައްސަލައިގައި ލިބިފައިވާ ކުރިއެރުމަކީ ނުވަތަ ފަހަތަށް އެޅި ފިޔަވަޅަކީ ތަހުގީގު ފުރިހަމަކުރުމަށްކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަބުރާ އޭސީސީއަށް ފޮނުވާލިކަމެވެ. އެއަށް ފަހު ހަބަރެއް ނުވި އެވެ.

ނުގަންނަ ތެލަކަށް ބޮޑު ބިލެއް

ނޮވެމްބަރު މަހުގެ ފަހުކޮޅަށް ދިޔަ އިރު އިވުނު އަޑަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބައެއް މުއައްޒަފުންތަކެއް ގުޅިގެން ހިންގި ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އެވެ. މިކަން ވެސް ހިންގީ ކޮވިޑުގެ ފުރަބަންދުގެ ތެރޭގަ އެވެ. މި ކަން ފަޅާއަރާފައިވަނީ އާންމު މަސްތަކަށް ވުރެވެސް ގިނައިން ފުރަބަންދުގެ ތެރޭ އާދަޔާހިލާފަށް ތެޔޮ ބޭނުންކުރި ކަމަށް އެމްޕީއެލްގެ ބިލު ރިޕޯޓްތަކުން ފެންނަން ފެށުމާއެކު އެވެ. ބިލުތައް ހަދާފައިވަނީ ކޮވިޑާއިއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް މަޑުޖައްސާލާފައިވަނިކޮށެވެ. އެ ވައްކަން ކުރީ ޑޮކިއުމެންޓްތަކެއް ފޯޖު ކޮށްގެން ކަމަށާއި އަދި އެމްޕީއެލްއަށް ނުލިބޭ ނުވަތަ ނުގަންނަ ތެލަށްވެސް ބިލް ހަދާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އެފްއެސްއެމްއާއި އެމްޕީއެލްގެ ބައެއް މުވައްޒަފުންތަކަކަށް ފިޔަވަޅު އަޅާފައިވާއިރު މިވައްކަން ފެށުނު ތާރީޙެއް އަދި ވައްކަމުން ލިބުނު ގެއްލުމުގެ ޖުމްލަ އަދަދުވެސް އަންދާޒާ ކުރެވޭކަށް ނެތެވެ. މައްސަލައާ ގުޅިގެން އެމްޕީއެލްގެ ޗެއާމެން ކަމުގައި އޭރު ހުންނެވި މުހައްމަދު ޒަކީ ނުވަތަ ނަޒާކީ ޒަކީ ވަނީ ބަސްނުވިކޭކަމަށް ވިދާޅުވެ އެ މަގާމުން އިސްތިއުފާވެސް ދެއްވައިފަ އެވެ. މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ތަފާތުކޮށްލި 2020 ގައި މީގެ އިތުރުންވެސް ކޮރަޕްޝަނާއި ޙިޔާނާތުގެ އިތުރު އެެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ދެން ހިމެނޭ މައްސަލަތަކުގެ ތެރޭގައި، ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓަށް އާ ބަސްތަކެއް ގެނައުމަށް ހަވާލުކުރުމުން ބާ ބަސްތަކެއް ގެނެސް ހަވާލުކުރި ކަމުގެ މައްސަލަ ވެސް މިއަހަރު ފެންމަތިވި އެވެ. އަދި އެ މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު ޝިމާޒް އަލީއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ ބޮޑު މައްސަލައެއް ވެސް ފެންމަތިވި އެވެ. ޝިޕިން އެޖެންސީގެ ހިދުމަތާ ބެހޭ ގަވާއިދު މިނިސްޓަރު އައިޝަތު ނަހުލާ ކުއްލި ގޮތަކަށް އުވާލެއްވި މައްސަލަ ވެސް އޭސީސީއަށް ދިޔަ އެވެ. މި ހުރިހާ މައްސަލަތަކަކާ ހުރެ ޓްރާންސްޕޯޓް މިނިސްޓްރީ ފެނުނީ ވައްކަމުގެ ހާއްޔެއްގެ ގޮތުގަ އެވެ.

މުޅި އަހަރު އެއްކޮށް ސަސްޕެންޝަނެއްގައި ހުރި މޯލްޑިވް ގޭހުގެ މޭނޭޖިންގް ޑިރެކްޓަރު ޝަޒައިލް ސިޔާމަށް ކުރެވުނު ރިޝްވަތުގެ ތުހުމަތު ސާބިތު ނުވެ، ނަމަވެސް ތަހުގީގުގެ ތެރެއިން އޭނާގެ މައްޗަށް ތުހުމަތުވާ މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ފެންމަތިވި އެވެ.

މީގެ އިތުރަށް ފެނަކަ ކޯޕަރޭޝަނާއި ގުޅޭ ޖުމްލަ 22 މައްސަލައެއްގެ ޝަކުވާ، އަދި ރައީސް ޔާމީންގެ ސަރުކާރުގައި މޯލްޑިވްްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން ތެރެއިން ހިންގި ކޮރަޕްޝަންގެ ކަންކަން ވެސް އޮޑިޓު ރިޕޯޓުން ތިލަކުރި އެވެ.

ބޮޑު ހިޔާނާތާ ގުޅޭ އާ ދައުވާތަކެއް

ނަމަވެސް އަހަރު ނިންމާލީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ދެ ދައުވާއަކާ އެކު އެވެ. އެގޮތުން އޭސީސީގެ ތެރެއިން ހިންގި އެމްއެމްޕީއާރުސީގެ ތަހުގީގެއް އޮޅުވާލައި އޮއްބާލުމަށް ޓަކައި އެ ހިޔާނާތުގެ ފައިސާ ނެގި އެ ކޮމިޝަންގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަދި އައިއޭއެސްގެ މިހާރުގެ ބޯޑު މެންބަރު ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއްކުރި އެވެ. އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު ނިހާނު ވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ހަ ދައުވާއެއް އުފުލި އެވެ. އަދި އެ ހިޔާނާތުން ހޯދި ކަމަށް ތުހުމަތުވާ މުދާ ދައުލަތަށް ނެގުމަށް ވެސް ދައުވާ އުފުލި އެވެ. މީގެ އިތުރުން އެ ހިޔާނާތުގެ މޭޒްތިރިންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތާ އެކު ދައުލަތުން ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އެބޭފުޅުންގެ މައްޗަށް ލުއި ހުކުމެއް އިއްވައި އަދީބު ގޭގައި ހުކުމް ތަންފީޒު ކުރަން ޖެހޭ ގޮތަށް ވެސް ކަންކަން ރޭވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު