ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޓޯނަމަންޓް 2020ގައި ކްލަބް ސްކޯ ސްޕޯޓްސް(ސީއެސްއެސް) އިން ކުޅުނު ފުރަތަމަ މެޗުގެ ފަސް ގޭމް ކާމިޔާބުކޮށް، އެ ކްލަބުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
މިއަދު ހަވީރު ދަ ގޯޅި ސްޕޯޓްސް ކްލަބް (ޓީޖީއެސްސީ)އާ ދެކޮޅަށް ސީއެސްއެސް ކުޅުނު މެޗުގައި އެ ކްލަބް ވަނީ މެންސް ޑަބަލްސްގެ ތިން ގޭމާއި، ވިމަންސްޑަބަލްސްގެ އެއް ގޭމުގެ އިތުރުން މިކްސްޑް ޑަބަލްސްގެ އެއް ގޭމު ކާމިޔާބު ކޮށްފައެވެ. އެ މެޗުގައި ކުޅުނު ހަތް ގޭމުގެ ތެރެއިން ޓީޖީއެސްސީއަށް ކާމިޔާބުކުރެވިފައި ވަނީ ވިމަންސް ޑަބަލްސްގެ އެއް ގޭމާއި މިކްސްޑް ޑަބަލްސްގެ އެއް ގޭމެވެ.
ކޮންމެ މެޗެއްގައި މެންސް ޑަބަލްސްގެ ތިން ގޭމާއި ވިމަންސް ޑަބަލްސްގެ ދެ ގޭމުގެ އިތުރުން މިކްސްޑް ޑަބަލްސްގެ ދެ ގޭމު ކުޅެން ހަމަޖެހިފައިވާ އެ މުބާރާތުގައި މިއަދު ހަވީރު ސީއެސްއެސްގެ ކާމިޔާބީއަށް ފަހު އެ ކްލަބަށް ވަނީ މޮޅުވި ގޭމުތަކުން ފަސް ޕޮއިންޓާއި ވިނިންގް ފަސް ޕޮއިންޓުގެ އިތުރުން ޓްރަމްޕް މެޗުގެ ދެޕޮއިންޓާއެކު މުޅިއަކު 12 ޕޮއިންޓު ލިބިފައެވެ. އަދި މޮޅުވި ދެ ގޭމުން ދެ ޕޮއިންޓާއި ވިނިންގް އެއް ޕޮއިންޓުގެ އިތުރުން ޓްރަމްޕް މެޗުގެ ދެ ޕޮއިންޓާއެކު ޓީޖީއެސްސީއަށް ލިބިފައި ވަނީ މުޅިއަކު ފަސް ޕޮއިންޓެވެ.
މުޅިއަކު އަށް ޓީމު ބައިވެރިވެފައިވާ ބީއޭއެމް މިކްސްޑް ޓީމް ޓޯނަމަންޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިންނެވެ. އެގޮތުން އިއްޔެ އެ މުބާރާތުގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗުތައް ކުރިއަށް ގެންގޮސްފައި ވާއިރު، މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގެ އިތުރުން މިރޭވެސް އެ މުބާރާތުގެ ގްރޫޕް ބީގެ މެޗެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ ޔުނައިޓަޑް ވިކްޓްރީ އާއި އެންމެ ފަހުގެ ފުރަތަމަ ޑިވިޝަންގެ ޗެންޕިއަން ރިވައިވަލް ސްޕޯޓްސް އެވެ.
ބީއޭއެމް މިކްސްޑް ޓީމް ޓޯނަމަންޓުގައި އިއްޔެ ކުޅުނު ގްރޫޕް އޭގެ މެޗުތަކުން އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ (އައިބާ) އާއި އިންޑޯ ސްޕޯޓްސްބެޑްމިންޓަން އެކެޑެމީ (އައިއެސްބީއޭ) ވަނީ ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައެވެ. އެގޮތުން ސައިރިކްސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅު މެޗުގެ ހުރިހާ ގޭމެއް އައިބާއިން ކާމިޔާބު ކުރިއިރު، ކްލަބް ސްޓެޓިކްއާ ދެކޮޅަށް ކުޅުނު މެޗުގައި އައިއެސްބީއޭއިން ވަނީ ހަތް ގޭމުގެ ތެރެއިން ހަ ގޭމް ކާމިޔާބު ކޮށްފައެވެ.
މި އަހަރު ބީއޭއެމްއިން ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދަން ރޭވި ނަމަވެސް، މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެ އެސޯސިއޭޝަނަށް ވަނީ އެ ހަރަކާތްތައް މަޑު ޖައްސާލަން ޖެހިފައެވެ. ރެއިން ފެށިގެން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޓޯނަމަންޓަކީ މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އެޗްޕީއޭއިން މި ހަފްތާ ތެރޭ ހުއްދަ ދިނުމުން ބީއޭއެމްއިން ކުރިއަށް ގެންދާ ފުރަތަމަ މުބާރާތެވެ.