ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް"ގެ ދެވަނަ ޕްރޮގްރާމް "ގާލްސް ޓު ކޯޑް- ތިނަދޫ"ގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގދ. ތިނަދޫއަށް އަމާޒުކޮށްގެން ވާޗުއަލްކޮށް ބާއްވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގަ އެވެ. މި ޕްރޮގްރާމްގައި ބައިވެރި ވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ. އަދި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށެވެ.
އަންހެންކުދިންނަށް ކޯޑްކުރަން ދަސްކޮށްދިނުމާއި އެ ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ހިންގާނީ މިފަހަރު ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ. އަދި މިޕްރޮގްރާމްގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ އެވެ.
އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން މި ޕްރޮގްރާމްގައި ދަސްކޮށްދޭނެ އެވެ. އަދި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެ އެވެ.
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ އަންހެންކުދިން ޓެކްނޮލޮޖީގެ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދު ކަމަށާއި 'ގާލްސް ޓު ކޯޑް' ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތައާރަފު ކުރުން ވަރަށް މުހިންމު ކަމަށެވެ.
ދިރާގުން ބުނީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވައި، ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމަކީ އެކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ހާއްސަ އަހައްމިޔަތުކަމެއް ދެމުންދާ ދާއިރާއެއް ކަމަށެވެ.
މިދިޔަ އަހަރު ހިންގި ގާލްސް ޓު ކޯޑުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފުވައްމުލަކުގަ އެވެ. އަދި އެ ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވަނީ ރޭވިފައިވެއެވެ.
ގދ. ތިނަދޫއިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މި ލިންކުން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅޭނެ އެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހެވެ.