މަސްވެރިންގެ ޝަކުވާތައް މިފްކޯއާ ހިއްސާކޮށްފި

ފެލިވަރުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން--

މަސްވެރިންގެ ޝަކުވާތައް މިފްކޯއާ ހިއްސާކޮށްފިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން މަސްވެރިން ފެލިވަަރަށް ގޮސް މިއަދު ވަނީ އިހްތިޖާޖު ކޮށްފައެވެ. އެގޮތުން މިއަދު ފެލިވަރަށް 20 ދޯނި ވަނީ ގޮސްފައެވެ.

މަސްވެރިން ހަތަރުކަމަކަށް އިހުތިޖާޖް ކުރަމުންދާއިރު އޭގެ ތެރޭގައި މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، ފެލިވަރުގައި މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ށ. ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަން ބޭނުންކުރެވޭނެ ހާލަތަކަށް ގެންދިއުމުގެ އިތުރުން ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މިއަދު މަސްވެރިންނާ ފޯނުން ގުޅައި އެމީހުންގެ ޝަކުވާތައް އައްސަވައިފައިވާ ކަމަށެވެ.

މަހުގެ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުވާނެގޮތަށް މަސްވެރިން ޑިމާންޑްކުރަމުންދާތީ އެކަމާ ގުޅޭގޮތުން ފައުޒީ ވިދާޅުވީ ކޮވިޑްގެ ހާލަތާއެކު ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއެކު މިހާރުވެސް އެންމެ ބޮޑު އަގެއް ދެމުން އަންނަނީ މިފްކޯއިން ކަމަށެެވެ.

އިސްމާއިލް ވިދާޅުވީ މިހާރުވެސް ސައުދީ ފަންޑުން ކޫއްޑޫއާއި ކަނޑުއޮއްގިރިއާ އިތުރު ރަށްރަށުގައި ކުރިއަށް ގެންދާ ބޮޑެތި ޕްރޮޖެކްޓްތައް ނިމެން 18 ވަރަކަށް މަސްދުވަސް ހޭދަވާނެކަމަށް ބެެލެވޭ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު މަސްވެރިން ވަަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަަމަށާއި އަދި މިއަަހަރުގެ މިހާތަނަށް 12،000 މަސްޓަނު ފެލިވަރުން އެކަނި ގަނެވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެލިވަރު ތަރައްގީކުރާއިރު އިތުރު 100 ޓަނުގެ އައިސް ޕްލާންޓްވެސް ގާއިމްކުރާނަން. މިހާރިވެސް މި އިންނަނީ ގާތްގަނޑަކަށް 60 އަކަށް ޓަނު. މިހާރުވެސް ދެ ޕްލާންޓް މި އިންނަނީ ޖެއްސިފަ" އޭނާ ވިދާޅުވިއެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ މިހާރުވެސް ގަންނަ ގިނަ މަހަކީ މިފްކޯއިން އައިސް ދޫކޮށްގެން ގަންނަ މަސް ކަމަށެވެ.

"ދެ އަަހަރު ނިމޭއިރު މިފްކޯގެ ވަސީލަތްތައް އޮންނާނީ ތަރައްގީވެފަ. އެކަން އަޅުގަނޑުމެން މަސްވެރިންނަށް ޔަގީންކަން އަރުވާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް