މާޅެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

މާޅެންދޫ--

އެމްޑަބްލިއުއެސްސީން ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މާޅެންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ.

އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މާޅެންދުއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 26 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 11.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކޮށް އާރޯ ފެސިލިޓީގެ އިމާރާތެއް ހަދައި ފެން އުފެއްދުމަށްޓަކައި ދެ އާރޯ ޕްލާންޓް ބަހެއްޓަން އެ ކުންފުނިން ވަނީ ނިންމައިފައެވެ. ފެން ރައްކާކުރުމަށްޓަކައި 250 ކިއުބިކް މީޓަރުގެ ތިން ތާނގީ ބަހައްޓަން ނިންމާފައިވާއިރު ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކޮށް އެއް ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 2 ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެއެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ ޕްލޭނިން އަދި ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. އެމަޝްރޫޢުއަށް ޖުމްލަ 42,975,350.00 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

comment ކޮމެންޓް