މެސީ އާއި ރޮނާލްޑޯ ވައްޓާލުމަށް ފަހު އަހަރުގެ މޮޅު ކުޅުންތެރިއަކަށް ލެވަންޑައުސްކީ

ބެސްޓް ފީފާ މެންސް ޕްލޭޔާ 2020، ރޮބާޓް ލެވަންޑައުސްކީ ... ފޮޓޯ/ ޓްވިޓާ

ބާސެލޯނާގެ ލައޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްޓާލުމަށް ފަހު ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ބެޔާން މިއުނިކްގެ ރޮބާޓް ލެވަންޑައުސްކީ ހޯދައިފިއެވެ.

ލެވަންޑައުސްކީއަށް އެ އެވޯޑް ލިބިފައި ވަނީ ސްވިޒަލޭންޑްގެ ޒުރިކްގައި ރޭ ބޭއްވި ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް 2020 ގައެވެ. އެ ހަފްލާގައި އަންހެން އަދި ފިރެހެން ކެޓަގަރީން އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، އެންމެ މޮޅު ގޯލްކީޕަރާއި، ކޯޗާއި، ފީފާ ޕުސްކާސް އެވޯޑާއި، ފެއާ ޕްލޭ އެވޯޑް އަދި ފީފާ ޓޮޕް ފޭން އެޗޯޑްވެސް ވަނީ ހަވާލުކޮށްފައެވެ.

ބެސްޓް ފީފާ މެންސް ޕްލޭޔަރުގެ މަގާމް މިދިޔަ އަހަރު ހޯދާފައި ވަނީ މެސީ އެވެ. އަދި 2016 އާއި 2017 ވަނަ އަހަރު ރޮނާލްޑޯ އެ އެވޯޑް ކާމިޔާބު ކުރިއިރު، މިއީ ލެވަންޑައުސްކީއަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ ޔޫއެފާ ބެސްޓް ޕްލޭޔަރުގެ މަގާމްވެސް ހާސިލްކޮށްފައެވެ. އަދި ބެޔާން މިއުނިކްއާއި އެކު ޔޫއެފާ ޗެންޕިއަންސް ލީގާއި ޖަރުމަނުގެ ބުންޑަސްލީގާ އަދި ޑީއެފްބީ ކަޕް ކާމިޔާބުކޮށް، އެ ޓީމަށް 'ކޮންޓިނެންޓަލް ޓްރެބްލް' އެއް ހާސިލްކޮށްދިނުމާއެކު އެ ތިން މުބާރާތުގެ ރަން ބޫޓުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި މި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައި ވަނީ މެންޗެސްޓާ ސިޓީ ޑަބްލިއުއެފްސީގެ ޑިފެންޑަރު ލޫސީ ބްރޮންޒް އެވެ. ފީފާއިން މިހާތަނަށް އަންހެން އަދި ފިރެހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މުޅިއަކު 50 ފަހަރު ހޮވާފައި ވާއިރު، މިއީ ޑިފެންސްގައި 'ފުލްބެކް' އެއްގެ މަގާމަށް ކުޅޭ ކުޅުންތެރިއަކު މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އަދި އެ އެވޯޑްގެ ތާރީޚުގައި އެންމެ މޮޅު ތިން ކުޅުންތެރިންގެ މަގާމުގައި ފުލްބެކުން ހިމެނިފައި ވަނީ އެންމެ ތިން ފަހަރުއެވެ.

ފީފާއިން ހޮވާ މިއަހަރުގެ އެންމެ މޮޅު ފިރެހެން ގޯލް ކީޕަރުގެ މަގާމު ހާސިލްކޮށްފައި ވަނީ ބެޔާން މިއުނިކްގެ މެނުއެލް ނޯޔާ އެވެ. ބުންޑަސްލީގާގައި މިދިޔަ ސީޒަންގައި ކުޅުނު 33 މެޗުން އޭނާގެ ކީޕަރުކަމުގެ ދަށުގައި ބެޔާން ކޮޅަށް ވަދެފައި 31 ލަނޑެވެ. އަދި މި އަހަރުގެ އެންމެ މޮޅު އަންހެން ގޯލްކީޕަރަކަށް ހޮވިފައިވާ އޮލިމްޕީކް ލިއޮނޭގެ ސާރާ ބޯހައްދީ ފްރާންސްގެ ލީގު ޓައިޓްލް ޖެހިޖެހިގެން ދިހަ އަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އޭނާ ވަނީ ޔޫއެފާ ވިމަންސް ޗެންޕިއަންސް ލީގް ހަތް ފަހަރު ކާމިޔާބު ކޮށްފައެވެ.

މިއަހަރުގެ ފީފާ ބެސްޓް މެންސް ކޯޗަކަށް ހޮވިފައި ވަނީ މިދިޔަ އަހަރު ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން އެ ޓީމްގެ ކޯޗް ޔާގެން ކްލޮޕް އެވެ. އޭނާ ވަނީ މިދިޔަ އަހަރުވެސް ފީފާއިން ހޮވި އެންމެ މޮޅު ފިރެހެން ކޯޗްގެ މަގާމު ހާސިލްކޮށްފައެވެ. އަދި ބެސްޓް ފީފާ ވިމަންސް ކޯޗް ހާސިލްކޮށްފައި ވަނީ 2017 ވަނަ އަހަރުވެސް އެ މަގާމް ހާސިލްކުރުމުގެ އިތުރުން، މިދިޔަ އަހަރުގެ ފީފާ ވިމަންސް ވޯލްޑް ކަޕްގެ ފައިނަލަށް ނެދަލޭންޑްސް ގެންގޮސްދިން އެ ގައުމުގެ އަންހެން ގައުމީ ޓީމްގެ ކޯޗް ސެރީނާ ވިގްމަން އެވެ.

އޭގެ އިތުރުން މިއަހަރުގެ ފީފާ ފެއާ ޕްލޭ އެވޯޑް އިޓަލީގެ ޓީމެއް ކަމަށްވާ އޮސްޕެޑަލެއްޓީގެ 17 އަހަރުގެ ޑިފެންޑަރު މެޓިއާ އެގްނީސް ކާމިޔާބު ކުރިއިރު، ފީފާ ފޭން އެވޯޑް ހާސިލްކޮށްފައި ވަނީ ބްރެޒިލްގެ ސްޕޯޓްސް ރެޝީފޭ ފުޓްބޯޅަ ކްލަބަށް ތާއީދު ކުރުމައްޓަކައި އެ ޓީމު ކުޅޭ ކޮންމެ މެޗަކަށް ފައިމަގުގައި 60 ކިލޯމީޓަރު ދަތުރުކުރި މަރިވާލްޑޯ ފްރެންސިސްކޯ ޑަ ސިލްވާ އެވެ.

އަދި އަހަރުގެ އެންމެ ރީތި ގޯލަށް ދޭ ފީފާ ޕުސްކާސް އެވޯޑް ހާސިލްކޮށްފައި ވަނީ ޓޮޓެންހަމް ހޮޓްސްޕާގެ ސަން ހިއުންގް-މިން އެވެ. އޭނާއަށް އެ އެވޯޑް ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ބާންލީއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައި، ޓޮޓެންހަމްގެ ބޮކްސް ކައިރިން ބޯޅަ ހިފައިން ދަނޑު ހުރަސްކޮށް ގޮސް އިދިކޮޅު ބާންލީގެ ގޯލަށް ވެއްދި ލަނޑުންނެވެ.

comment ކޮމެންޓް