އެއް ބަޔަކަށް މިއަހަރަކީ އެންްމެ ނާކާމިޔާބު ހިތްދަތި އެއް އަހަރެވެ. ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެ އިނދަޖެހިގެން ދިޔަ އެވެ. އެހެންނަމަވެސް މި ގޮތް ނޭނގޭ ބަލިމަޑުކަމުގެ ތެރެއިންވެސް އާ ހިޔާލަކާއި އެކު ކުރިއަށް ހިތްވަރާއިއެކު ފިޔަވަޅު އަޅައި ކާމިޔާބުވި އެތަށް ބައެއްވެސް އެބައުޅެ އެވެ. މުހައްމަދު އާދަމް ނުވަތަ އާންމު ނަމުން ނަމަ، ޝެފް މޯޑު ކިޔައިދެނީ ކާމިޔާބުގެ ވާހަކަ އެކެވެ.
ވޯޑޮފް އެސްޓޯރިއާ އިތާފުށީގެ ސޫ ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މޯޑު އަހަރީ ޗުއްޓީއަށް ދަރިފުޅާއި އަންހެނުންނާއި އެކު ސްރީލަންކާގައި ކޮވިޑްގެ ބަލިމަޑުކަމާ ލައިގަތެވެ. ލަންކާ ލޮކްޑައުންކޮށް ހަމައަކަށް ނޭޅެނީސް ރާއްޖެ ވެސް ލޮކްޑައުންކުރި އިރު މޯޑު ހުރީ އެނބުރި ރާއްޖެއަށް އާދެވޭނެ މަގެއް ނެތި ގޮތް ހުސްވެފަ އެވެ. މޯޑުގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނީ، ޖޫން މަހުގެ ތެރޭގައި ރިސޯޓް ބަންދުކޮށް އޭނާ ވަޒީފާއިން ވަކިކުރުމުންނެވެ. އެއާ އެކު އޭނާގެ އާމްދަނީ އެކީހެން ހުއްޓުނެވެ.
ބޮޑު ޝޮކެކެވެ. އެހެންނަމަވެސް، މޯޑު އިސްކުރީ ވިސްނުމާއި ހިކުމަތެވެ. ލިބުނު ހުސް ވަގުތުގެ ބޭނުން ހިފައި އެންމެ ފުރަތަމަވެސް އޭނާ ލިޔުނީ ފަތުރުވެރިންނަށް ހާއްސަކޮށް "ޓޭސްޓް އޮފް ހޯމް" ގެ ނަމުގައި ދިވެހި ރަހަތަކަށް ހާއްސަ އަމިއްލަ ރެސިޕީ ފޮތެކެވެ. އާދައިގެ ގޮތަކަށްވެސް ނޫނެވެ. ފޮތް ނެރުނީ އަމިއްލަ ބްރޭންޑެއް ތައާރަފްކޮށް "ޝެފް މޯޑް، ޗޭސް ދަ ފްލޭވާސް" ގެ ނަމުގަ އެވެ.
އެވަރަކުން ނުފުދެ އެވެ. ފޮތަށް ލިބުނު ބޮޑު ކާމިޔާބީއާއެކު އެނބުރި ރާއްޖެއައިސް ޝެފް މޯޑު މިވަނީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިފަ އެވެ. އެންމެ ދޮޅު މަހެއްހާ ދުވަސްތެރޭ މޯޑު މިވަނީ އޭނާގެ ހުވަފެނީ ބަދިގެ ހަގީގީ މޮޅު ރެސްޓޯރެންޓެއްގެ ގޮތުގައި އާންމުންނަށް ހިދުމަތްދެވޭ ފެންވަަރަށް ހުޅުވާފަ އެވެ.
އިހުގެ ބަދިގެއެއް، މޯޑުގެ ޑްރީމް ރެސްޓޯރެންޓެއް
ހުޅުމާލޭގެ އަހިގަސް މަގުގެ ލޮޓް ނަންބަރު 10450 ގައި މިހާރު ފެންނަން އެހުރީ ހުރިހާ ގޮތަކުންވެސް ތަފާތު މޮޅު ރެސްޓޯރެންޓެކެވެ. ފެންނަ ފެނުމަށް ކުރެހުންތެރިއެއްގެ ފިހިތަކަކުން ކުރަހާފައިވާ މަންޒަރެކޭ އެއްފަދަ އެވެ. އެއަށްވުރެވެސް ސީދާ ސާދާކޮށް ބުނާނަމަ ވަދެވޭނީ އިހުގެ ރަސްމީ ހުވަދޫ ބަދިގެ އަކަށެވެ. އެއީ ކުޑަ ވަރެއްގެ ދާރުލް އާސާރެއްވެސް މެއެވެ.
މަކުޑި އަޅުވާ ބާރުކޮށް ބިގަރުތައް އެލުވާފައި ހުރި ބޭރު ދޮރަކީ ގއ. ކަނޑުހުޅުދޫ އަށް އުފަން މޯޑުގެ މުސްކުޅި މާމަމެންގެ ބަދިގޭގެ ދޮރު ނަމޫނާއަކަށް ބަލައިގެން ފަރުމާކޮށްފައިވާ ދޮރެކެވެ. ކުރެހުންތެރިޔާ މުހައްމަދު ޝިރުހާން (ސިރޭ) ކުރަހާފައި އެވަނީ އެ ދޮރު އަސްލަކަށް ބަލައިގެންނެވެ.
ދޮރުން އެތެރެއަށް ވަދެލުމާއި އެކު އެންމެ ފުރަތަމަ ވެސް ހިތް ދަމައިގަންނާނީ ވަށައިގެންވާ ފާރުތަކުގެ ފަރުމާގެ މޮޅުކަމާއި ހިޔާލުތަކުގެ ތަނަވަސްކަމުގެ ތެރެއަށެވެ. އުވަގަލުން ރާނާފައި ހުންނަފަދަ ގޮތަކަށް ފާރުތަކުގައި ކުރަހާފައިވާއިރު، މުޅި ރެސްޓޯރެންޓުގެ އެތެރެ ދިއްލާފައިވަނީ ސާފު ތެޔޮ ފުޅިބައްތިތަކުންހެން ހީވާފަދަ ގޮތަކަށްވަނީ ފަރުމާކޮށްފަ އެވެ.
ރެސްޓޯރެންޓްގެ އެކި ދިމާތަކުގައި އިހުޒަމާނުގެ ބަދިގެތަކުގައި ބޭނުންކޮށްފައިވާ އެކިއެކި އާލާތްތަކުގެ ތަސްވީރުތައް ނިކަން ފުރިހަމަ އަށް ކުރަހާ ހަރުކޮށްފައިހުރިއިރު ދިވެހި ސަގާފަތުގެ މުއްސަނދިކަން މޯޑުގެ ބަދިގެއަށް ވަންނަ ކޮންމެ މީހަކަށް ފެންނާނެ އެވެ.
ކައުންޓަރުގެ ގޮތުގެ ބަހައްޓާފައިވާ ދުމަށީގެ ތިރިން ފެންނަން ހުންނަނީ މޯޑު އޭނާގެ ރަށުން އަތްފުނާއަޅައިގެން ހޯދާފައިވާ އިހުގެ ބަދިގޭގެ އެކި ސާމާނުތަކެވެ. ދަރު އުނދުނެއްގެ މަތީގައި ކެކި ކެކި އެހެރީ، ތަވައަކާއި، ސައިކުރައަކާއި، ތާހެކެވެ. ދުމަށި މަތީގައި ދައި އަކާއި ފޮޔެއް ބަހައްޓާފައި ހުރި އިރު އަނެއް ފަރާތުގައި އޮތީ ބޮޑު ކަށިކެޔޮ ގަނޑެކެވެ. އަދި ފާރުގައި އެލުވާފައި އޮތް މަސްދަނޑިގަނޑެކެވެ.
ދެން އޮތީ އެންމެ ހާއްސަ އެއް ތަނެވެ. ރެސްޓޯރެންޓްގައި މެހެމާނުން އަތް ދޮވެލުމަށް ބަހައްޓާފައިވަނީ އެ ޒަމާނުގައި އެކަން ކޮށްއުޅުނު ގޮތަށް ކުރައަކުން ފެން އޮއްސައިގެން ދޮލަނގަކަށް އަތް ދޮވެލާ މިސާލުންނެވެ. ތަފާތަކީ މި ބަދިގޭގައި ފެން އޮއްސާލުމަށް ޖެހޭނީ ތިރީގައި ހުންނަ ޕެޑަލް އަށް ފިއްތާލަންށެވެ.
"މި ހިޔާލަކީ ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް. އަޅުގަނޑު ވަރަށް ކުޑައިރު، ފުރަގަހުން މި ފެންނަ ބަދިގެ ދޮރު، އެއީ އަޅުގަނޑުމެންގެ ގޭގައި ހުންނަ މުސްކުޅި މާމަމެންގެ ގެދޮރު އަނެއްހެން ބުނާނަމަ. ދެން އެ ބަދިގެ ދޮރު ފެނުނީމަ އަބަދުވެސް ހިތަށް އަރާ އެއްޗެއް މިއީ ހަމަ ކޮންމެވެސް ދުވަހަކުން ރެސްޓޯރެންޓެއް ހަދަންޏާ މި ކޮންސެޕްޓް އޭ ގެންނާނީ. އެ ޚިޔާލު އަބަދުވެސް އިނދޭ. " ޝެފް މޯޑު ބުންޏެވެ.
ޝެފް ވިސްނުމާއި މި މޮޅު ހިޔާލަށް އައްސަރިބަހާއި ސާބަސް ދޭހަވާވެ އެވެ. ކުރެހުންތެރިޔާ އާއި އެއްވަރަށް ވަޑާމުގެ މޮޅު މަސައްކަތްކޮށްފައިވާ އަހުމަދު ނަސީމުގެ ހުނަރުވެރިކަމުންނެވެ.
ޅައުމުރުގައި ހިތްދަތިކަމާއި އެކަނިވެރިކަން، ފޫހިފިލުވީ ބަދިގެއިން
އިންޓަވިއުގެ ބޮޑުބައި ނިންމާލިއިރު ވަރުބަލިވެފައި ތިބި އަހަރުމެންގެ ވަރުބަލިކަން ފިލުވާލަދިނީ ޝެފް މޯޑުގެ ބަދިގެއިން އަހަރުމެންނަށް ތައްޔާރުކޮށްދިން މީރު "ހަކަތަ" އިންނެވެ.
ރަހަ ކިތަންމެ ބިދޭސީ އަކަސް، މި ބަދިގޭގެ މެނޫއިން ދިވެހި ނަމެއް ނޫނީ ނުފެންނާނެ އެވެ. އެއީ އަހަރެމެންގެ ފޭވަރިޓް ރިހާކުރު ދިޔައާއި ބަތާއި ކަމުގައިވިޔަސް، ނޫނީ ބިރިޔާނީ ގަނޑެއް ކަމުގައިވިޔަސް ނުވަތަ އެނޫންވެސް ލުއި ބުއިމެއް ކަމުގައިވިޔަސް ބަދިގޭގެ މެނޫގައި އޮންނަނީ ދިވެހިނަމެކެވެ. އޮންނަނީ ހާއްސަ ދިވެހި ނަމެއް ދީފަ އެވެ. އެއީ، ހިދުމަތްތެރިޔާ، އަވަސްތެރިޔާ، ކޮފީ މިތުރު، ކެއްކުންތެރިޔާ އަދި ސޭޓު އެވެ.
އެއަށްފަހު ދެން ދެކެވުނީ މުޅީން ތަފާތު ވާހަކަ އެކެވެ. ރާއްޖޭގައި ފަތުރުވެރިކަން ތައާރަފްވިތާ 48 އަހަރުވެފައިވާއިރު، އުމުރުން އެންމެ 38 އަހަރުގެ ޝެފް މޯޑު މި ދާއިރާގައި މަސައްކަތްކުރާތާ 20 އަހަރުވެއްޖެ އެވެ. އެއަށްވުރެ ވެސް ބޮޑަށް، މި ދާއިރާއަށް އޭނާގެ ހިތް ޖެއްސުވީ ހަޔާތުގެ ޅައުމުރުގައި ތަހައްމަލު ކުރަން ޖެހުނު އެކަނިވެރިކަމާއި ހިތްދަތިކަމާއި ބުރަކަމެވެ.
ޅައުމުރުގައި މައިންބަފައިން މަރުވެ ޔަތީމު ހާލުގައި ބޮޑުވިއިރު، ރަނގަޅު ތައުލީމެއް ހޯދައިދީ ހެޔޮލަފާ މީހަކަށް ހެދުމުގެ މަގުސަދުގައި މޯޑުގެ ބޭބެ އޭނާ ގެނެސް ބެހެއްޓީ މާލޭގެ ގެއެއްގަ އެެވެ. އެއީ 1991 ވަނަ އަހަރެވެ. މިއަދުގެ މާލެއާއި އޭރުގެ މާލެ، ހާސްބައި ތަފާތެވެ.
ބީރަށްޓެހި ރާއްޖެތެރޭ ކުއްޖަކަށްވުމުން، ލިބުނު ހިތާމަ ދެގުނަ ބޮޑުވި އެވެ. މާފަންނު ސްކޫލުން ތައުލީމު ފުރިހަމަކުރީ ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް ކުރަމުންނެވެ. އެންމެ ހާއްސަކަމަކަށް ކައްކަމުންނެވެ. މޯޑުގެ ހަޔާތަށް ލިބުނު އެކަނިވެރިކަމާއި މާޔޫސްކަން ފަޅުފިލުވާލަދީ ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ހަޔާތަށް ގެނެސްދިނީ މި މަސައްކަތުންނެވެ. އެއާއެކު އޭރުވެސް އަޒުމު ކަނޑައެޅީ މި ދާއިރާއިން ކުރިއަށް ދިއުމަށެވެ.
އިންޖިނިއަރިން ކޯޑިނޭޓަރު ކަމުން ސޫ ޝެފަކަށް
އުމުރުން 15 ނުވަތަ 16 އަހަރުގައި ކިޔެވުން ފުރިހަމަ ކުރުމަށްފަހު މޯޑު އެންމެ ފުރަތަމަވެސް ބެލީ ރިސޯޓެއްގެ ވަޒީފާއަކަށް ދެވޭތޯ އެވެ. ބަދިގެއެއްގައި މަސައްކަތް ކޮށްލުމުގެ އުންމީދުގައި ކެތްމަދުވެފައި ހުއްޓަސް، ދާއިރާގެ އެއްވެސް އަމަލީ ތަޖުރިބާއެއް ނެތުމުން ފަށަންޖެހުނީ ބިޔަދޫ އައިލެންޑް ރިޒޯޓުގެ އިންޖިނިއަރިން ކޯޑިނޭޓަރެއްގެ ގޮތުގަ އެވެ.
ދެއަހަރަށްފަހު ސްޓީވާޑަކަށް ބަދަލުވެ އެއަށްފަހު ބަދިގޭގެ އެހީތެރިއެއްގެ ވަޒީފާ ވެސް ލިބުނެވެ. ދެން އެނބުރި ފަސްބެލުމެއް ނެތެވެ. ވިހި އަހަރުތެރޭ ތަފާތު 10 ރިސޯޓެއްގައި މަސައްކަތްކޮށް ވަޒީފާއިން ކަނޑާލުމާ ހަމައަށް އޭނާ ހުރީ ސޫ ޝޭފެއްގެ މަގާމުގަ އެވެ.
"ކުރާ ކޮންމެ ކަމެއްވެސް މިކުރަނީ ވަރަށް ކުރާހިތުން. ކެއްކުމަކީ ފަސޭހަ ކަމެއް ނޫން. ވަރަށް ވަގުތު ބޭނުންވޭ. ގިނަ ގަޑިތަކެއް މިކަމުގައި ހޭދަވޭ. ހަމަ ފަހަރަކު ކަމެއް ކުރަމުން އައިސް މިހިސާބަށް މި އާދެވުނީ. މި ދާއިރާގައި ކުރަންޖެހޭ ހުރިހާ ކަމެއް ގިރާކުރަންޖެހޭ ހުރިހާ ހަރުފަތަކަށްފަހު މިހިސާބަށް އާދެވުނީ،" ޝެފް ބުންޏެވެ.
ކޮވިޑުގެ ހިތިކަމުން ހިތަށް ގެނުވި ފިނިކަން، މިއީ މިސާލެއް
ކެރުމާއި ހިތްވަރާއި އަޒުމުގެ އިތުރު ދެވަނަ މިސާލެއް ނެތްފަދަ އެވެ. ދެން ހިތުގައި އުފެދުނު ސުވާލަކީ، އަދިވެސް ހަގީގީ އަލިމަގެއް ހޯދިފައިނުވާ ކޮވިޑް19ގެ މި ނުރައްކާތެރި، ގޮތް ނޭނގޭ ހާލަތުގައި، ވަޒީފާއެއްވެސް ނެތްއިރު އަތުގައި ހުރި ހުރިހާ ފައިސާއަކުން މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރީ ކިހާ ޔަގީންކަމެއް އޮވެގެން ހެއްޔެވެ؟
ހިނިތުންވުމަކާ އެކު މޯޑު ދިން ދިން ޖަވާބަކީ ކާމިޔާބީ އަކީ މަސައްކަތްކުރާ މީހުންގެ ހައްގެއްކަމެވެ. ވަޒީފާއިން ކަނޑާލިއިރު ލިބުނު ހަމައެކަނި މާލީ އެހީއަކީ އެއްމަސް ދުވަހުގެ ބޭސިކް މުސާރަ އެވެ. އެހެންނަމަވެސް އަތުގައި ރައްކާކޮށްފައި ހުރި ފައިސާއާ އެކު މިލިއަނެއްހާ ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެއް އޭނާކުރީ އަމިއްލަ ނަފްސަށާއި، ލިބިފައިހުރި ތަޖުރިބާއަށް އޮތް ޔަގީންކަމާ އެކު އެވެ. ދެން ހުރިހާ ކަމެއްގައި އޭނާ ވަކީލުކުރީ އެވެ.
މިއަދު ޗެފް މޯޑު ބްރޭންޑާއި ބަދިގެއަކީ އޭނާގެ ލެގަސީ އެވެ. ދިވެހި ރަހަތަކަށް ހާއްސަ ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނައިރު، މުޅި ދުނިޔެއަށްވެސް ސާބިތުކޮށްދެނީ ދިވެހިންނަކީ އަމިއްލަ ސަގާފަތެއްގެ އޮތް، މީރު ރަހަތަކެއް ހުރި ހުނަރުވެރި ފަންނުވެރި ބައެއް ކަމެވެ.
މުޅި ތަނުގެ ފަރުމާ އާއި، މެނޫ އާއި އަދި ސްޓާފުންގެ ޔުނިފޯމްގައިވެސް ދިވެހިވަންތަކަމެވެ. ދިވެއްސަކަށްވީތީ ހަމަ ރަނގަޅަށްވެސް ފަހުރުވެރި ކޮށްދީފި އެވެ. އިންޓަވިއު ނިންމާލައި އަނގަ ފޮނިކޮށްލަން ޝެފް ގެނެސްދިނީ ރާއްޖެ ޕިރިނީ އެކެވެ. ހުރިހާ ރަހައެއް އެހާމެ ހެޔޮވަރު، މީރު ޕިރިނީ އެކެވެ. އެއްފަހަރު ކައިފިއްޔާ ދެވަނަ ފަހަރަށް ހަމަގައިމުވެސް ކާހިތްވެނެ އެވެ. ނުކުތުމުގެ ކުރިން އަނެއްކާވެސް އަހަރެމެންނަށް މޯޑް "ސަޕްރައިޒް"އެއް ދިނެވެ. އަދި ދާކަށް ނުވެއޭ ނޫންހޭ ބުނެ މޯޑް ގެނެސްދިނީ އަސްލު މަޑިސީލަ އެކެވެ. ފޯއްވަޅިވެސް އޭގެ ތެރޭގައި އޮތެވެ.
ކޮންމެއަކަސް، ވަގުތުގެ ތާށިކަމުން އަވަހަށް ނުކުމެލަންޖެހުނަސް، ޝެފް މޯޑުގެ މި ބަދިގެއަކީ އަޖުމަ ބަލައި ނުލައި ދޫކޮށްލާ ވަރުގެ ތަނެއް ނޫނެވެ.