ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖެ ގެންނަން މައުމޫން ތާއީދެއް ނުކުރެއްވި

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ވަޅުލަން އެ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގައުމުގެ މުސްލިމުންގެ ނުރުހުމުގައި ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުންނެވެ. އެހެންވެ، އެ ގައުމުގެ މުސްލިމުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.

އެހެންވެ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ ގައުމުން ވަނީ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން ދިވެހި ސަރުކާރުގެ އެހީއަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެހީ ދެވޭނެތޯ ބަލަމުންނެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، އެ މީހަކު ނިސްބަތްވާ ގައުމަށާއި ގަބޫލު ކުރާ ކަންކަމާ ހެދި ތަފާތު ކުރުމެއް ނެތި ރާއްޖެއިން ހުރިހާ ބިދޭސީންނަށްވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

އެހެން ނަމަވެސް، އެހެން ގައުމުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް ރާއްޖެ ގެނައުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ބުނެފައި ވަނީ، އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި މަގްސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ލަންކާއިން އެދިފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް