އުދުހެން ދިޔަ ދަރިވަރުން އަނދަގޮނޑި ޖަހާފައި

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންތަކެއް---ފޮޓޯ: އޭއޭއޭ

"އަޅުގަނޑު ބައްޕަ އަތުން ހަރަދު ނުކުރަންވެގެން ނެގި ލޯނު ހުސްވާއިރުވެސް ކިޔަވާ ނިމޭނެ ދުވަހެއް ނޭނގޭ. ދެރަވަނީ މައިންބަފައިންނަށް މިހާ ބޮޑު ދެރައެއް ދެވުނީތީ. އެވެސް ބައެއްގެ އިހުމާލުން. ކިތައް ކުދިން މިހާލުގަ އުޅޭނެބާ؟ މިކަމަށް ހައްލެެއް ހޯދައިދެވޭނެ ފަރާތެއް ހަމަ ނެތީބާ؟" އައްޑޫ ގަން އެއާޕޯޓުގައި ހިންގާ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ޒުވާނަކު އޭނާގެ ވާހަކަތައް ކިޔައިދޭން ފެށި އެވެ.

"އުދުހޭ މަންޖެ"ގެ ނަމުގައި ޓްވިޓާގައި އުޅޭ އޭނާ އަކީ ޕައިލެޓަކަށް ވުމުގެ އުންމީދުގައި އެތައް ހުވަފެންތަކެއް ކޮނޑުއަޅައިގެން އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) އަށް ދިޔަ ޒުވާނެކެވެ. މާ ތަނަވަސް އާއިލާއަކަށް އުފަން ކުއްޖެއް ނޫނެވެ. އަމިއްލައަށް ލޯނެއް ނަގައިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ އައްޑޫ ސިޓީއަށް ދިޔައީ، 18 މަސް ދުވަހުގެ ކޯސް ފުރިހަމަކޮށް، އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހަދާށެވެ.

ނަމަވެސް އެ 18 މަސް ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް، އަދިވެސް ކޯހެއް ނުނިމެ އެވެ. ނިމޭނީ ކޮން ދުވަހަކު ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ. ބައްޕައަށް ބުރައަކަށް ނުވާން އަމިއްލައަށް ނެގި ލޯނު މިހާރު ހުސްވަނީ އެވެ. އެންމެ ފަހުން މިހާރު ޖެހިފައި ވަނީ ބައްޕަ އަތުން ފައިސާ ނަގައިގެން ހަރަދުތައް ހަމަޖައްސާށެވެ.

އެތައް ދުވަހަކާއި އެތައް ހަރަދެއް ދިޔަ އިރު، "އުދުހޭ މަންޖެ" އަށް އަދިވެސް ފިޔަގަނޑު ހުޅުވާލައި އުދުއްސައިގަނެވޭ ވަރެއް ނުވެ އެވެ. ނަމަވެސް ބޯޓަށް ނޭރި އަދިވެސް ބިންމަތީގައި އެ ޒުވާނާ ހުންނަން ޖެހިފައި މިވަނީ އޭނާގެ އިހުމާލަކުން ނޫނެވެ. ކިޔަވަން ދިޔަ ސްކޫލުގެ ދޯދިޔާކަމުންނެވެ. މިއީ "އުދުހޭ މަންޖެ"ގެ އެކަނި ވާހަކައެއް ނޫނެވެ. އެ ސްކޫލުގައި ކިޔަވާ ކޮންމެ ކުއްޖަކުމެ އަންނަނީ ހަމަ މި ޝަކުވާތަކާއި ކަންބޮޑުވުންތައް މިގޮތަށް ފާޅުކުރަމުންނެވެ.

18 މަސް ދުވަހުގެ ކޯހެއް ނިމެނީ ހަތަރު އަހަރުން!

ކޮންމެ ކުއްޖަކަށް ދޫކުރާ ކޯހުގެ ފީ ސްޓްރަކްޗާ އަދި ކޯހުގެ ޕްލޭސްމެންޓް ލެޓާގައި ކޯސް ނިމޭނެ ކަމަށް ދީފައި ވަނީ 12 މަސް އަދި 18 މަސް ނަމަވެސް އެވްރެޖް ގޮތެއްގައި އޭއޭއޭ އިން ކޯސް ނިންމާލެވެނީ 3 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުން ކަމަށް އެ ސްކޫލުން "ސަން"އާ ވާހަކަ ދެއްކި ކުދިން ބުންޏެވެ.

"ބުނެފައި އިންނަ 18 މަސް ދުވަހުގެ ތެރޭގައި ކޯސް ނިންމާ އެއްވެސް ކުއްޖެއް ނުހުންނާނެ. މަދުވެގެން ދެ އަހަރު ނަގާނެ. އަދި ބައެއް ކުދިން އެބަހުރި ހަތަރު އަހަރުން ވެސް ކޯސް ނިންމާފައި،" ދަރިވަރަކު ބުންޏެވެ.

ކުދިންގެ ޝަކުވާއަކީ ދުވަހަކު ވެސް ބުނެފައިވާ މުއްދަތަށް ކޯސް ނުނިމޭއިރު އަދި ސްކޫލުން ޖާގަ ލިބުނުކަން އަންގާ ލިޔުން ޕްލޭސްމަންޓު ލެޓާގައި ވެސް އެ މުއްދަތަށް ބަދަލު ނުގެންނާތީ އެވެ. ސްކޫލު ހިންގާތާ އެތައް އަހަރެއް ވެގެން ދިޔަ އިރުވެސް، ސްކޫލުގެ ފަރާތުން އެކަންކަން އިސްލާހު ނުކުރުމަކީ ކުދިންގެ ޝަކުވާ އެވެ.

އެ ސްކޫލުގައި މިވަގުތު 200 އެއްހާ ކުދިން ކިޔަވަމުން އަންނަ އިރު، 60 ޕަސެންޓު ކުދިންނަކީ ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަން ލޯނުގައި ކިޔަވާ ކުދިންނެވެ. އެކުދިންނަށް ލޯނުގެ ފައިސާ ލިބެނީ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށްވާއިރު، ކޯސް ނުނިމި ގިނަދުވަސް ވުމުގެ ސަބަބުން ލޯނު އެއްކޮށް ހުސްވާއިރު ވެސް ކިޔަވާ ނުނިމެ އެވެ. އެކަމުގެ ސަަބަބުން ބައެއް ކުދިންނަށް ކޯސް މެދުކަނޑާލަން ޖެހި، އަދި ބައެއް ކުދިންނަށް އިތުރު ލޯނުތައް ނަގަން ޖެހިފައިވާ ކަމަށް އެކުދިން ބުންޏެވެ.

"އަޅުގަނޑުގެ ލޯނުގަ މިހާރު ހުރީ ފަހު ސްޓޭޖުގެ ފްލައިން އަށް ބަހައްޓާފަ ހުރި އެއްޗެއް އެކަނި. ހުރުމާ ކެއުމާ އެހެން ހަރަދުތައް މިހާރު ހަމަޖައްސައިދެނީ ބައްޕަ. ކިޔަވަން އުޅެވުނު އެއްޗަކުން ވީ ގޮތެއް ކަންނޭނގެ މީ،" ސްކޫލުގެ ސަބަބުން މުސްތަގުބަލާމެދު ސުވާލު އުފެދިފައި ހުރި އުދުހޭ މަންޖެ ބުންޏެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯހުގެ މުއްދަތަ މިހާ ދިގު ވާންވީ ކީއްވެ؟

ކޯސް ބަހާލާފައިވާ ގޮތުން، ފުރަތަމަ އޮންނަނީ ގްރައުންޑް ކްލާސްތަކަށް ތައްޔާރު ކުރުމުގެ ގޮތުން ބާއްވާ ހަތް ވަރަކަށް މަހުގެ ބޭސިކް އެއާކްރާފްޓް ނޮލެޖް ޕްރޮގްރާމެކެވެ. އެއަށްފަހު ދެން ފަށާނީ ގްރައުންޑް ކްލާސް ނުވަތަ ތިއަރީ ކްލާސްތަކެވެ. މުޅި ޖުމްލަ 12 މާއްދާ ހިމެނޭ އެ މަރުހަލާގައި ކިޔަވައިދޭން ހުންނަނީ އެންމެ އިންސްޓްރަކްޓަރެކެވެ.

"ދެން އޭނަ ބަލިވެއްޖެއްޔާ ވެސް ކްލާސްތައް ކެންސަލް ވާނެ. އެމީހުން ވެބްސައިޓުގައި ވެސް ޖަހާފަ ވެސް އިންނާނެ ހަ މަހާ އަށް މަހާ ދޭތެރޭ އެ ބައި ނިމޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް ކްލާސްތައް ކެންސަލް ވަމުން ގޮސް އެބައި ނިންމަން ނެގި ދިހަ މަސް. ދެން ދެހާސް ސަތާރައިގެ ބެޗްގަ އެބަހުރި އެބަޔަށް އެއް އަހަރު ނަގާފައި،" އުދުހޭ މަންޖެ ބުންޏެވެ.

އަށާރަ މަހުގެ ކޯހަކުން 12 މަސް ތިއަރީއަށް ދާއިރު ފްލައިންގެ ޕްރެކްޓިކަލް ބައި ނުވެސް ފެށެ އެވެ. އަދި ތިއަރީ އިމްތިހާނު ހެދުމުގައި ވެސް ދަރިވަރުންނަށް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހެ އެވެ. ބާރަ މާއްދާ މުޅި ޖުމްލަ ހަ ސިޓިން އަށް ބަހާލައިގެން ކޮންމެ މަހަކު ސިޓިންއެއް ހެދި ނަމަވެސް ހުރިހާ އިމްތިހާނުތަކެއް ފުރިހަމަ ކުރަން ހަ މަސް ހޭދަވެ އެވެ. ނަމަވެސް ބައެއްފަހަރު ސިޓިންގް ނުލިބުމާއި ގުޅިގެން ޖެހި ޖެހިގެން ކޮންމެ މަހަކު އިމްތިހާން ނުހެދި އެ މުއްދަތު ގާތްގަނޑަކަށް ދެގުނަ ދެމިގެންދެ އެވެ.

އިންސްޓްރަކްޓަރާއެކު ކުރިއަށް ގެންދާ ޑުއަލް ފްލައިންގެ 10-15 ގަޑި އިރު ފުރިހަމަ ކުރުމުން އެހެން ގައުމުތަކުގައި ސޯލޯ ފްލައިން ލިބުނު ނަމަވެސް، އޭއޭއޭ ގައި އެކަނި ދުއްވަން ލިބެނީ 30-50 ގަޑިއިރުންނެވެ. މިހެން ދިމާވަނީ ކުދިންނަށް އެކަށީގެންވާ ގޮތަކަށް ފްލައިން ނުލިބޭތީ އެވެ. އުދުހޭ މަންޖެ ބުނީ ހަފްތާއަކު އާންމުކޮށް ދުއްވަން ލިބެނީ އެންމެ ގަޑިއިރެއް ކަމަށެވެ.

"ދެން ބުނާނެ އަނެއް ހަފްތާއަށް ދިއައީމަ އަދި ރަނގަޅެއް ނޫނޭ. ދެން ކޮންސިސްޓެންސީ އެއް ނީންނާނެ ދޯ ހަފްތާއަކު އެއް ފަހަރު ދުއްވާފަ ހަފްތާއެއް ފަހުން އަނެއްކާ ދުއްވަން ލިބުނީމަ އެއް،" އުދުހޭ މަންޖެ ބުންޏެވެ.

މިގޮތައް ސްކޫލުން ކަންތައް ކުރުމުގެ ސަބަބުން ފީ ސްޓްރަކްޗާގައި ބުނެފައިވާ އަދަދަށް ވުރެ ކުއްޖާގެ ޑުއަލް އަވާސް ބޮޑުތަނުން މައްޗަށް ގޮސް، ކޯސް ފީ ވަރަށް ބޮޑަށް އިތުރުވެ އެވެ.

އެއްތަނުން އަނެއް ތަނަށް ދިއުމުގެ ތަޖުރިބާ ހޯދުމަށް ކުރިއަށް ގެންދާ ކްރޮސް ކަންޓްރީ ސްޓޭޖް ނިމި އިންސްޓްރުމެންޓް ސްޓޭޖް ފެށުމާއެކު ފްލައިން ލިބުން މަދުވެ އެވެ. އެއީ އިންސްޓްރުމެންޓް ފްލައިންއަށް ތިބި އިންސްޓްރަކްޓަރުންނާއި ބޯޓުތައް މަދުވެފައި ކުދިން ގިނަވުމުންނެވެ.

އެ ސްކޫލުގެ ދަރިވަރުން ބުނީ ކޯހުގެ ގިނަ ދުވަސްތަކެއް ހޭދަވަނީ އެ ސްޓޭޖްގައި ކަމަށެވެ. ސްކޫލުގައި އެއްވެސް ކަމެއްކުރާނެ ގަވައިދެއް އުސޫލެއް ނެތުމުގެ ސަބަބުން އެކި ކުދިންނަށް އެކި އެކި ގަވައިދު ހަދައި، ބައެއް ކުދިންނަށް އިމްތިހާނެއް ހަދައިގެން ނޫނީ ފްލައި ނުކުރެވޭނެކަން އަންގަ އެވެ.

ކޮމާޝަލް ޕައިލެޓް ލައިސެންސް ޗެކްރައިޑަށް ތައްޔާރުވުމުގެ ފްލައިން ސްޓޭޖުގައި ފްލައި ކުރަން ސްކޫލުގައި އޮންނަނީ އެންމެ ބޯޓެކެވެ. އެންމެ ބޯޓެއްގައި ފްލައިކުރަންޖެހޭ ކުދިންގެ އަދަދު ގިނަވެފައި، ބޯޓު މެއިންޓެނެންސް ކުރާ ދުވަސް ތަކުގައި ފްލައި ކުރާނެ އިތުރު ބޯޓެއް ނެތުމުގެ ސަބަބުން ވެސް ކުދިންގެ ކޯސް ދިގުލައިގެންދެ އެވެ.

އެ ސްޓޭޖަށް އަންނަ އިރު އާންމުކޮށް ގިނަކުދިންގެ ބާކީ އޮންނަނީ 10-15 ގަޑިއިރެވެ. ނަމަވެސް ޗެކްރައިޑްގެ ކުރިން ފްލައި ކުރާ އިންސްޓްރަކްޓަރުގެ ރެކަމަންޑޭޝަން ނުލިބި ލަސްވުމާއި ޗެކްރައިޑް އަޅާނެ އިންސްޓްރަކްޓަރަކު ނެތުމުގެ ސަބަބުން އެ ސްޓޭޖުގައި ބައެއް ކުދިން އަހަރު ދުވަސް ހޭދަކުރަން ޖެހެ އެވެ.

އެއަށްފަހު ދެން އަންނަ އިންސްޓްރުމެންޓް ރޭޓިންގެ ޗެކްރައިޑް އަށް ތައްޔާރުވުމުގެ ސްޓޭޖްގައި ވެސް ކަން ވަނީ ހަމަ އެގޮތަށެވެ.

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އައްޑޫ ލައިވް

އިންސްޓްރުމެންޓް ޗެކްރައިޑް އެޅުމަށްފަހު ދެން އޮންނާނީ ކޯހުގެ އެންމެ ފަހު ސްޓޭޖު ކަމުގައިވާ މަލްޓި އިންޖިން ރޭޓިން ހެދުމެވެ. އެ ސްޓޭޖުގައި ފްލައިކުރަންޖެހޭނީ އެންމެ ހަތް ގަޑިއިރު ނަމަވެސް، އެންމެ ބޯޓެއް އޮތުމާއި، އިންސްޓްރަކްޓަރުން މަދުވުމުގެ ސަބަބުން އެ ސްޓޭޖުގައި ވެސް އެތައް މަހެއް ހޭދަކުރަން ޖެހިފައި އެބަ ހުއްޓެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ކިޔެވުން ފެށި ކުއްޖަކަށް ސޯލޯ ލިބުނީ އަހަރެއް ފަހުންނެވެ. އެ ދަރިވަރުގެ އެންމެ ފަހު ތިން ގަޑިއިރުގެ ފްލައިން ހަމަކުރަން 10 މަސް ނެގި އިރު، އަލުން ފްލައިޓަކަށް އަރަން ލިބުނީ މިދިޔަ ހަފްތާގަ އެވެ. އެފަދަ އެތައް ކުދިންނެއް އެ ސްކޫލުގައި މިއަދުވެސް އެބަތިއްބެވެ.

މުޅި އަހަރު ބޯޓަކަށް ނާރާ އަތް އުރާލައިގެން!

މި އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ޗެކްރައިޑް އެޅުމަށް އޮތް ހަމައެކަނި ފްލައިޓް، ސެސްނާ 172 އާރުޖީ، ހާޑް ލޭންޑިންއެއް ކުރުމުގެ ސަބަބުން މަރާމާތު ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. އެއާއެކު 40 އެއްހާ ކުދިން ތިބީ ކޯހުގެ ފަހު ސްޓޭޖުގައި އިތުރަށް ކުރިއަށް ނުދެވިފަ އެވެ. ދުއްވާނެ އިތުރު ބޯޓެއް ނެތް އިރު، އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭގެ ތެރެއިން ގިނަ ކުދިން ހަމަ ތިބީ އެވެ. ކުރާނެ އިތުރު އެއް ކަމެއް ވެސް އެ ކުދިންނަކަށް ނެތެވެ.

"އަޅުގަނޑު މި ހުރީ އެދުވަހުން ފެށިގެން މިތަނުގައި. އެއްވެސް ކަމެއް ނުކުރަން. ހަމަ މިހެން މި ހުންނަނީ. ފްލައި ނުކުރެވިގެން ކޯސް ނުނިންމިފައި،" ދަރިވަރަކު ބުންޏެވެ.

ކުދިންގެ ޝަކުވާތައް ގިނަވެގެން ޗެކް ރައިޑު އަޅަން ސްކޫލުން ހަމަޖައްސައިދިނީ އެ ސްޓޭޖަށް ބޭނުންވާ ވަރަށް ވުރެ ބޮޑު އެއާކްރާފްޓެކެވެ. ބޯޓުގެ ސައިޒުގެ އިތުރުން އަގު ވެސް ދެގުނަ ބޮޑެވެ. މީގެކުރިން ގަޑިއަކު 275-285 ޑޮލަރަށް ޖެހި ޗެކް ރައިޑު ބޮޑު ބޯޓުގައި ޖެހޭނީ ގަޑިއަކު 650-685 ޑޮލަރަށެވެ.

ސްކޫލުން ކުދިންނަށް މަޖުބޫރު ކުރުވި ގޮތަކީ މިއީ އެވެ. އެ އަގުގައި އެ ބޯޓުގައި ޗެކް ރައިޑް ޖަހަންޏާ ޖަހަންވީ އެވެ. ނުޖަހަންޏާ ޝަކުވާ ނުކޮށް މަޑުން ތިބޭށެވެ. އެ ތަނަވަސްކަން ހުރި ކުދިން އަމިއްލަ ޖީބުން ފައިސާ ދައްކާފައި އެކަމަށް އެއްބަސްވި ނަމަވެސް، ގިނަ ކުދިންނަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފޭނެ އެވެ. އެހެންކަމުން އެކުދިން އަދިވެސް ތިބީ އެވެ.

މި ހުރިހާ ފިއްތުންތަކެއް ކުރިމަތި ކުރުވާފައި ވެސް ކޮވިޑް19ގެ ތާއްޓާ އެކު ސްކޫލުން އެންގީ ކޯސް ފީ ޑޮލަރުން ދެއްކުމަށެވެ. އަދި ރުފިޔާއިން ދައްކާނަމަ ރޭޓަކީ ޑޮލަރެއް 19 ރުފިޔާއިން ހެދުމުން ޖެހޭ އަގު ކަމަށެވެ. ދަތި ދަނޑިވަޅެއްގައި ސްކޫލުން އަނެއްކާ ވެސް ކުދިންގެ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލީ އެވެ.

ދިވެހި ކުދިންނަށް ތަފާތުކޮށް ބިރުދެއްކުން އިންތިހާގައި!

އެ ސްކޫލުގެ ތެރޭގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ހިނގާ އެއް ކަމަކީ ތަފާތުކުރުމެވެ. ބައެއް ކުދިންނަށް އަވަހަށް ކުރިއަށް ދެވި، އިތުރަށް ވެސް ދުއްވަން ލިބެ އެވެ. ނަމަވެސް ސްކޫލުން ފޭވާ ނުކުރާ ކުއްޖާ ހުންނަންޖެހެނީ ސަލާން ޖަހާށެވެ. އަދި މި ތަފާތުކުރުން ދިވެހި ދަރިވަރުންނާއި ބޭރު ދަރިވަރުންގެ މެދުގައި ވަރަށް ބޮޑަށް އޮންނަ ކަމަށް ކުދިން ބުންޏެވެ.

އެގޮތުން، ބޭރު ކުއްޖަކު ނަމަ އެކުއްޖަކަށް ބަރާބަރަށް ފްލައިން އަދި އެހެނިހެން ކަންކަން ހަމަޖެހި ކޯސް އަވަހަށް ނިންމާލަދޭ ކަމަށް ވަރަށް ގިނަ ކުދިން ބުންޏެވެ. މީގެ ކުރިންވެސް ސްކޫލުގައި ކޯސް ހަދަމުންދިޔަ ބޭރު ގައުމެއްގެ ދަރިވަރަކު އެހެން ކުދިންނާ ތަފާތުކޮށް ގިނައިން ފްލައިން ދިނުމާއެކު އެހެން ކުދިންނަށްވުރެ މާއަވަހަށް ކޯސް ނިންމައިދީފައިވާކަން އެކުދިން ފާހަގަކުރި އެވެ.

ހަމައެއާއެކު ޝެޑިއުލް ކުރުމުގައި ދެ ފުއްފެންނަ ހަމަ ހަމަ އުސޫލެއް ނެތުމުގެ ސަބަބުން ބޭރު ކުދިންނާއި ދިވެހި ކުދިން ތަފާތުކުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެ އެެވެ.

ސްކޫލުގެ މި މައްސަލަތައް ފެންމަތިވެގެން މި އުޅެނީ އިހަކަށް ދުވަހަކު ނޫނެވެ. އެ ސްކޫލުގެ ކަންކަން ގޯހުން ގޯހަށް ދާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ދަރިވަރުން ސްކޫލަށް ފާޑުކިޔާތަން ފެނިފައި ނުވަނީ، ވާހަކަދައްކާ ކުދިން ހޯދައި، ސްކޫލުގެ ފަރާތުން އެކުދިންނަށް ހަރުކަށި ފިޔަވަޅު އަޅާތީ އެވެ.

މީގެ ކުރިން މީޑިއާތަކާ ވާހަކަ ދެއްކި ކުދިން ސްކޫލުން ވަކިކޮށްފައިވެ އެވެ. އަދި ކަނޑާލާނެ ކަމުގެ ބިރު ދައްކައި، އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށްފައިވެ އެވެ. ސްކޫލަށް ފާޑުކިޔާ ކުދިންނަށް ފްލައިކުރަން ފުރުސަތު ނުދީ ޖެއްސުން ކުރެ އެވެ. އަދި އެއް ކުއްޖަކަށް އޭވިއޭޝަން ދާއިރާއިން ވަޒީފާ ނުލިބޭ ވަރު ސްކޫލުން ކޮށްލި ކަމުގެ ތުހުމަތުވެސް އެތައް ކުދިންނެއް ކުރެ އެވެ.

މި ފަހުން ވެސް އެ ސްކޫލުން ވިއްސަކަށް ކުދިން ވަކި ކުރި ނަމަވެސް، ތިން ކުދިން ފިޔަވައި އެހެން ހުރިހާ ކުދިންނަށް ވަނީ އަލުން ފުރުސަތު ދީފަ އެވެ. ނަމަވެސް އެކުދިން އަލުން ކޯހަށް ވެއްދީ ސްކޫލާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް ހިންގި "ގޯސް" އަމަލަށް މައާފަށް އެދި ވަރުގަދަ ސިޓީއެއް ލުމުން، އިތުރަށް 35 ގަޑިއިރު ހޭދަކުރަންޖެހޭ މޮޑިއުލާ ޕްރޮގްރާމެއްގެ ތެރެއިންނެވެ. ކުދިން އަތުން އިތުރަށް ހޯދީ ލާރި ކޮޅެކެވެ. ސްކޫލަށް ފައިދާ އެވެ. ކުދިންނަށް އިތުރު ގެއްލުމެކެވެ. ބުރައެކެވެ.

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އޭއޭއޭ

އެތައް އާއިލާތަކެއްގެ ހުވަފެން ފެނަށް

ސްކޫލުގެ ދޯދިޔާކަމުން އެތައް ދިވެހި އާއިލާއަކަށް ވަނީ މާޔޫސްކަން ކުރިމަތިވެފަ އެވެ. ކުދިންގެ ކިޔެވުން ނިމޭނެ ދުވަހެއް، އަތުން ދާނެ ހަރަދެއް ނޭނގި އެ އާއިލާތައް ތިބީ ނުތަނަވަސްކަމެއްގަ އެވެ.

"އުދުހޭ މަންޖެގެ" ބައްޕަ ހުރީ ދިރިއުޅުމުގައި ބުރަކި ޖައްސައިގެންނެވެ. ދަރިފުޅުގެ ކިޔެވުން މެދުކަނޑާލަން ޖެހޭ ފަދަ ހާލަތެއް އަތުވެދާނެތީ އެހެން ކަންކަން މަޑުޖައްސާލައިގެންނެވެ.

"މީގެކުރިން ބައްޕަ ގުޅާ ކޮންމެ ފަހަރަކު އަހާނެ ކޮން އިރަކުން ހޭ ނިމެނީ. އަޅުގަނޑަކަށް ނޭނގެ ދޭނެ ޖަވާބެއް. މިހާރު ނުވެސް ދައްކަން އެވާހަކައެއް. ވަރަށް ދެރަވޭ މިހެން ވާތީ. އަޅުގަނޑާ ހެދި ބައްޕައަށް އިތުރުކަމެއް ނުވެފަ ހުރީ. އަޅުގަނޑުގެ ކިޔެވުމަށް ދާނެ ހަރަދު އަންދާޒާ ވެސް ނުކުރެވޭތީ،" އޭނާ ބުންޏެވެ.

ޒިންމާ ވާނީ ކާކު؟

ރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ރާވާ ހިންގާ ތަންފީޒުކުރުމުގެ ގާނޫނީ ބާރު އޮތީ ސިވިލް އޭވިއޭޝަން އޮތޯރިޓީގަ އެވެ. ނަމަވެސް އޭއޭއޭ އިން ދިވެހި އެތައް ދަރިވަރުންނަކާ ދޭތެރޭ ނާއިންސާފުން ކަންކުރަމުން އަންނަ އިރު ސިވިލް އޭވިއޭޝަނަށް ވެސް ސްކޫލާ ދޭތެރޭ އެޅުނު ފިޔަވަޅެއް ނެތެވެ. އަދި ދައުލަތުގެ އެހެން އިދާރާއަކަށް ވެސް އެކަން ކުރެވުނު ކަމަކަށް ނުވެ އެވެ. ފެންނަ ފެނުމަށް އޭއޭއޭ މާ ބާރުގަދަ އެވެ.

އޮޑިޓު ރިޕޯޓުން ވެސް އެ ސްކޫލުން ކަންކުރާ ގޮތް ހާމަކޮށްފައި ވީނަމަވެސް، މިހާތަނަށް އެ ރިޕޯޓާ ގުޅިގެން ވެސް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

ސްކޫލުގައި ކިޔަވާ ކުދިން އެކުދިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިފައިގެން ނުހިނގާ ތަނެއް ނެތެވެ. އެތައް ސިޓީ އެއް ލިޔެ އާދޭސްކޮށް ކަލާކޮށްޓަކާ ގޮވައިފި އެވެ. އާދޭސް މަތިން އާދޭސް ކޮށްފި އެވެ. ނަމަވެސް އެކުދިންނަށް އަދިވެސް އަލިމަގެއް ނުފެނެ އެވެ. ކޮންމެ ފަރާތަކުން ވެސް ބުނަނީ އެކަން ބަލަމުން އަންނަ ކަމަށެވެ. ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެހެން ބުނުން ފިޔަވައި އެއްވެސް އިސްލާހީ ބަދަލެއް ނާދެ އެވެ.

އެހެންކަމުން އެ ސްކޫލުގެ ބޮޑުންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބޮޑު ގުޅުމެއް އޮންނަ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެ އެވެ. ނޫން ނަމަ، ކަމާބެހޭ އިދާރާތަކުގެ އެންގުންތަކަށް ފާޅުގައި ސްކޫލުން ގޮންޖަހަމުން އަންނަ އިރު ފިޔަވަޅު ނާޅާ ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ދަރިވަރުން ތިބީ ގަބޫލުކޮށްގެންނެވެ.

ކޯސް ކުރިއަށް ނުދާތީ، ބޭރު ގައުމަކުން ކޯހުގެ ބާކީ ބައި ފުރިހަމަކުރުމާ ގުޅޭގޮތުން ވެސް ލަފަޔަކަށް އެދިއްޖެ އެވެ. ނަމަވެސް އެކަމަށް ސިވިލް އޭވިއޭޝަންގެ ޖަވާބެއް އަދި ނުލިބެ އެވެ.

އެތައް އުންމީދަކާ އެކު އެ ސްކޫލަށް ދިޔަ ކުދިން މިވަގުތު ތިބީ ނާއުންމީދުން ފުރިފަ އެވެ. އެހީތެރިކަމެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތަށް މަޖިލިސް ހުޅުވާއިރަށް، މަޖިލީހަށް ސިޓީ ލާން ވެސް އެކުދިން ތިބީ ތައްޔާރުވެގެންނެވެ. ނައިބު ރައީސް ފައިސަލް ނަސީމާއެކު ވެސް އެކުދިން ބައްދަލުކޮށްފި އެވެ. ނައިބު ރައީސް ދެއްވީ ވީ އެންމެ އަވަހަކަށް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ. އެކަމަކު އެ އަވަހެއް ނާދެ އެވެ.

މިއަދު އެކުދިންނަށް އޮތް ހަމައެކަނި އުންމީދަކީ ނައިބު ރައީސް ދެއްވި ޔަގީންކަމެވެ. ނަމަވެސް މީގެކުރިން ވެސް އެކަހަލަ ކިތަންމެ ވައުދެއް އެކުދިން އަޑުއަހައިފި އެވެ. އެކަމަކު ނަތީޖާ ސުމެކެވެ. އެއް ކަމެއްވެސް ބަދަލެއް ނުވި އެވެ.

comment ކޮމެންޓް