ސުޕްރީމް ކޯޓުން ކުރިން ނެރުނު ތިން ސާކިއުލާއެއް އެ ކޯޓުން ބާތިލުކޮށްފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަށު ކޯޓުތަކާއި ހައިކޯޓުގެ ހުކުމްތަކަކީ ނިހާއީ ހުކުމްތަކެއްކަން ކަށަވަރު ކުރުމަށް އިސްތިއުނާފު ކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅައި ކުރީގެ ސުޕްރީމް ކޯޓުން ނެރުނު ތިން ސާކިއުލާއެއް އެ ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ސުޕްރީމް ކޯޓުން ބާތިލު ކުރީ އެ ކޯޓުގެ އެސްސީ/2015/13 ސާކިއުލާއާއި އެސްސީ/2015/14 ސާކިއުލާއާއި އެސްސީ/2016/04 ސާކިއުލާ އެވެ.

ސުޕްރީމް ކޯޓުގެ އެސްސީ/2015/13 ސާކިއުލާ އަކީ ހައިކޯޓުގެ ހުކުމްތަކަކީ ނިހާއީ ހުކުމްތަކެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން 2015 ވަނަ އަހަރު ނެރުނު ސާކިއުލާއެކެވެ.

އެ ސާކިއުލާގައި ވަނީ ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ސުޕްރީމް ކޯޓުން ކަށަވަރު ކުރަން ޖެހޭ މައްސަލަަތަކުގައި، ހައިކޯޓުން އެ މައްސަލައެއްގައި ހުކުމް ކުރާތާ ބަންދު ދުވަސް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ މުއްދަތު ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށް ޕީޖީއިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެސްސީ/2015/14 ސާކިއުލާ އަކީ ދަށު ކޯޓުތަކުން ކުރާ ހުކުމްތަކަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅޭގޮތުން ނެރެފައިވާ ސާކިއުލާއެކެވެ.

އެ ސާކިއުލާގައި ވަނީ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރުމަށް ޓަކައި ހައިކޯޓުގައި އިސްތިއުނާފު ކުރެވި، ހައިކޯޓުން ހުކުމް ކަނޑައަޅަން ޖެހޭ، އަދި ހައިކޯޓުގެ ހުުކުމަކީ ނިހާއީ ހުކުމެއްކަން ސުޕްރީމް ކޯޓުން ކަށަވަރުކުރަން ޖެހޭ މައްސަލަތަކުގައި ދަށު ކޯޓުން އެ މައްސަލައިގައި ހުކުމް ކުރާތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި އިސްތިއުނާފު ކުރުމުގެ ހައްގު އޮތް ފަރާތުން އެ މައްސަލަ ނިންމި ކޯޓެއްގައި، އިސްތިއުނާފު ކުރަން އެދޭކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެ މުއްދަތު ތެރޭގައި ކަށަވަރު ނުކޮށްދީފި ނަމަ 10 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ހުކުމް ކުރި ކޯޓުން މައްސަލައިގެ ފައިލް ހަތް ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަން ވާނެ ކަމަށް ވެ އެވެ. އަދި ފައިލް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ޕީޖީއަށާއި ދައުވާ ލިބޭ ފަރާތަށް އަންގައި ހައިކޯޓުން މައްސަލަ ބަލައި ނިންމަން އިޖުރާއީ ފިޔަވަޅު އަޅަންވާނެ ކަމަށްވެ އެވެ.

ސުޕްރީމް ކޯޓުގެ އެސްސީ/2016/04 ސާކިއުލާއަކީ ފުރަތަމަ މަރުހަލާގައި ނިންމާ ދުސްތޫރީ މައްސަލައެއްގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަން އިސްތިއުނާފު ކުރުމާ ގުޅޭ ސާކިއުލާއެކެވެ.

ފުރަތަމަ މަރުހަލާ ކޯޓަކުން މައްސަލައެއް ބެލުމުގައި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ބާތިލު ކަމަށް ކަނޑައަޅައި ހުކުމްކޮށްފި ނަމަ އެ ހުކުމް ކުރާތާ 10 ދުވަހުގެ ތެރޭގައި ބަންޑާރަނައިބު ނުވަތަ މައްސަލަ އިސްތިއުނާފު ކުރުމުގެ ހަައްގު އޮތް އެހެން ފަރާތަކުން އެ މައްސަލަ ނިމްމި ކޯޓެއްގައި، އެ ނިންމުން އިސްތިއުނާފު ކުރަން އެދޭކަން ކަށަވަރުކުރަންޖެހޭނެ ކަމަށްވެ އެވެ.

އެ މުއްދަތު ތެރޭގައި އިސްތިއުނާފު ކުރަން ހުށަނާޅައިފި ނަމަ ހުކުމް ކުރި ކޯޓުން މައްސަލައިގެ ފައިލް ލިޔުންތަކާއެކު ހަތް ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަންވާނެ ކަމަށްވެ އެވެ. އަދި ހައިކޯޓަށް ލިޔުންތައް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި މައްސަލައިގައި ހިމެނެފޭ ދެ ފަރާތައް އަންގައި އެ ކޯޓުން މައްސަލަ ބަލައި ނިންމުމަށް އަޅަން ޖެހޭ އިޖުރާއީ ފިޔަވަޅު އަޅަމުންގެންދަންވާނެ ކަމަށް ވެ އެވެ.

ސުޕްރީމް ކޯޓުން މި ތިން ސާކިއުލާ ނެރުނީ އުއްތަމަ ފަނޑިޔާރު ކަމުގައި އަބްދުﷲ ސައީދު ހުންނެވި އިރު އެވެ. ނަމަވެސް މިހާރު، އޭރުގެ ބެންޗު ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް