ލެޖެންޑަރީ ލަވަކިޔުންތެރިޔާ ޗާލީ ޕްރައިޑް މަރުވެއްޖެ

ޗާލީ މަރުވިއިރު އޭނާގެ އުމުރަކީ 86 އަހަރު ---

ކަންޓްރީ މިއުޒިކްގެ ދާއިރާގައި ހިމެނޭ އެންމެ ފުރަތަމަ ކަޅު ނަސްލުގެ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކު ކަމަށްވާ ޗާލީ ޕްރައިޑް މަރުވެއްޖެ އެވެ.

ކަންޓްރީ މިއުޒިކްގެ ހޯލް އޮފް ފޭމްގައި އެންމެ ފުރަތަމަ ޖާގަ ހޯދާފައިވާ ޕްރައިޑް މަރުވި އިރު އޭނާގެ އުމުރަކީ 86 އަހަރެވެ. ޓެކްސަސްގެ ޑެލަސްގައި އޭނާ މަރުވީ ކޮވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ޕްރައިޑް އެންމެ ފުރަތަމަ މަޝްހޫރު ވެފައި ވަނީ 1960ގެ އަހަރުތަކުގެ ތެރޭގަ އެވެ. އަދި އެއާ ޖެހިގެން 70ގެ އަހަރުތަކުގައި ވެސް އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ. އެ ދުވަސްވަރު ޕްރައިޑް ފިޔަވާ ކަންޓްރީ މިއުޒިކް އުފައްދަމުން ދިޔައީ ދޮން ނަސްލުގެ މީހުން އެކަންޏެވެ.

"ކިސް އެން އޭންޖެލް ގުޑް މޯނިން" އާއި "އިސް އެނީބަޑީ ގޮއިން ޓު ސެން އެންޓޯން" ފަދަ ލަވަތަކުން މަގުބޫލުކަން ހޯދި ޕްރައިޑް ވަނީ އޭނާގެ މިއުޒިކްގެ އެތައް މިލިއަން ކޮޕީއެއް ވިއްކައިފަ އެވެ.

ޕްރައިޑް ވަނީ ކަންޓްރީ މިއުޒިކްގެ ޗާޓުތަކުގައި 30 އަށް ވުރެ ގިނަ ފަހަރަށް އެއްވަނައަށް އަރައިފަ އެވެ. އަދި ކަންޓްރީ މިއުޒިކުން ލިބޭނެ ހުރިހާ ޝަރަފުވެރި އެވޯޑެއް ވެސް ވަނީ އޭނާ ހޯދައިފަ އެވެ. އަދި މިއުޒިކްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ގްރެމީ" އެވޯޑް ވެސް އޭނާ ވަނީ ތިންފަހަރަކު ހޯދާފަ އެވެ.

comment ކޮމެންޓް