އޮސްޓްރިއާގެ ޕްރައިމަރީ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާ ކުރުން ގާނޫނާ ހިލާފު: ކޯޓު

އޮސްޓްރިއާގެ ދުސްތޫރީ ކޯޓުން ވަނީ ޕްރައިމަރީ ސްކޫލުތަކުގައި ކުދިން ބުރުގާ އެޅުން މަނާ ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފަ -- ފޮޓޯ: އަނަދޮލޫ އޭޖެންސީ

ވިއެނާ (ޑިސެމްބަރު 12): އޮސްޓްރިއާގެ ޕްރައިމަރީ ސްކޫލުތަކުގައި 10 އަހަރުން ދަށުގެ އަންހެން ކުދިން ބުރުގާ އެޅުން މަނާކޮށް ފާސްކޮށްފައިވާ ގާނޫނަކީ އެގައުމުގެ ގާނޫނު އަސާސީއާ ހިލާފުވާ ގާނޫނެއް ކަމަށް އޮސްޓްރިއާގެ ދުސްތޫރީ ކޯޓުން ކަނޑައަޅައިފި އެވެ.

އޮސްޓްރިއާއިން މިދިޔަ އަހަރުގެ މެއި މަހު އަމަލު ކުރަން ފެށި އެ ގާނޫނުގައި އޮންނަނީ 10 އަހަރުން ދަށުގެ ކުދިން "ދީނާ ގުޅުން ހުރި ގޮތަކަށް ބޯ ނިވާކުރުން" މަނާކޮށްފަ އެވެ.

އެ ގާނޫނުގައި އިސްލާމް ދީން ވަކިން ފާހަގަކޮށްފައި ނެތް ނަމަވެސް އެ ގާނޫނުގެ އަމާޒަކަށް ވަނީ މުސްލިމް އަންހެން ކުދިން އަޅާ ބުރުގާ ކަމަށް އިއްޔެ ކޯޓުން ވަނީ ނިންމާފަ އެވެ. އަދި އެއީ އެކި ދީންތަކާ މެދު ތަފާތު ކުރުން މަނާ ކުރާ ގާނޫނާ ހިލާފުވުން ކަމަށް ކޯޓުން ކަނޑަ އެޅި އެވެ.

"މި ގާނޫނުގެ އަމާޒަކީ ހަމައެކަނި މުސްލިމް އަންހެން ކުދިން ކަމުން އެއީ އެކުދިންނާ އެހެން ކުދިންނާ ތަފާތު ކޮށް، ވަކި ކުރުން،" ދުސްތޫރީ ކޯޓުގެ ރައީސް ކްރިސްޓޮފް ގްރޭބެންވޯޓާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކޯޓުން ވަނީ ކޯޓުގެ ނިންމުން ތަންފީޒު ކުރަން އޮސްޓްރިއާގެ ޗާންސެލަރަށް އަންގާ، އެ މައްސަލަ ކޯޓަށް ވެއްދި އާއިލާއިން ޝަރީއަތުގައި ހަރަދު ކުރި ފައިސާ އަނބުރާ ދައްކަން ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފަ އެވެ.

comment ކޮމެންޓް