ބ. އަތޮޅާއި ނ. އަތޮޅުގެ ސިއްހީ ނިޒާމުތަކަށް ސޮނެވާއިން ބޮޑު އެހީއެއް ދީފި

ފެބްރުއަރީ 3، 2020: ސޮނެވާ ކުންފުނީގެ ސީއީއޯ ސޯނޫ ޝިވްދަސާނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ރިސޯޓު ވިޔަފާރި ކުރާ ރިސޯޓު ޗެއިންއެއް ކަމަށްވާ ސޮނޭވާ ކުންފުނިން ބ. އަތޮޅު ހޮސްޕިޓަލަށާއި، ނ. އަތޮޅު ހޮސްޕިޓަލަށާއި އެ ދެ އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.

ސޮނެވާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށާއި ނ. މަނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށާއި އެ ދެ އަތޮޅުގެ ރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ބައެއް ސާމާނު އެ ކުންފުނިން ހަދިޔާކޮށްފައިވާ ކަމަށެވެ.

ހަދިޔާ ކުރި ސާމާނުގެ ތެރޭގައި ވިހާ ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި، ޑްރެސިން ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި، ކޮންސަލްޓޭޝަން ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި ހޮސްޕިޓަލު ވޯޑުތަކަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. ސޮނެވާއިން ބުނި ގޮތުގައި ހަދިޔާ ކުރި ސާމާނުގެ އަގު 27،000 ޑޮލަރު (417،150 ރުފިޔާ)އަށް ވުރެ މައްޗަށް އަރަ އެވެ.

ސޮނޭވާއިން ގަނެ، ރާއްޖެއަށް ޝިޕް ކުރި އެ ސާމާނު ހަދިޔާ ކުރީ މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ، ހެލްތު މިނިސްޓްރީ އާއި ދެ ހޮސްޕިޓަލުގެ އޮފިޝަލުން އަދި ދެ އަތޮޅުގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވިދާޅުވީ ސޮނެވާއިން ވިޔަފާރި ހިންގާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނިން ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ. އަދި ދެ އަތޮޅު ހޮސްޕިޓަލަށާއި ސިއްހީ މަރުކަޒުތަކަށް އެހީތެރިވެވުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް ވަނީ ދެއްވި އެހީތެރިކަމަށް ޓަކައި ސޮނެވާ ކުންފުންޏަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ ކުރިން ސޮނެވާއިން ވަނީ ވެލާ ރިސޯޓާ ގުޅިގެން، ނ. މާފަރު އެއާޕޯޓުގައި ކޮވިޑް ޓެސްޓިން ލެބެއް ގާއިމް ކުރުމަށްވެސް ހަރަދުކޮށްފަ އެވެ.

comment ކޮމެންޓް